ބަހަށް ލޯބި ކުރައްވާ ބޭފުން ކޮޅެއް ހިންގަވާ، ބަހާ ބެހޭ ގުރޫޕެއް ކަމުގައިވާ ބަސް ޖަގަހައިގައި އަޅުގަނޑަށް ވެސް އުޅެވޭ ގޮތްވެ އެވެ. އެ ގްރޫޕުގެ މުއައްސިސެއްގެ ދައުވަތަކަށް ބައިވެރިވެވުނު ގޮތަށް އުޅެވެނީ އެވެ. ދޭތެރެ ދޭތެރެއިން ބަހާ ބެހޭ ވާހަކަ އެގްރޫޕްގައި ވައިގައިހިފަ އެވެ. އޭގެތެރޭގައި ބަހާ ބެހޭ ބޮޑެތި ގައުމީ މައްސަލަތައް ހުންނަ ފަދައިން ވަރަށް އާދައިގެ ކުދި ކުދި ފާޑު ކިއުންތައް ވެސް ހުރެ އެވެ. އެ ގްރޫޕްގެ އިސް ބޭފުޅުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ މަޝްހޫރު ނޫސް ވެރިޔާ އިމާދު ލަތީފަކީ އާންމު ގޮތެއްގައި ބަހުގެ ތަފާތު މައްސަލަތައް މެންބަރުންގެ ސަމާލު ކަމަށް ގެންނަވާ ބޭފުޅެކެވެ.
ދާދި ފަހުން ބަސް ޖަގަހައިގެ މެންބަރުންގެ ސަމާލު ކަމަށް އިމާދު، ގެނެސް ދެއްވީ އެކި ނޫސް ނޫހުގައި އަރަބި ނަންތަކާއި ބަސް ބަސް ނުބައި ކޮށް ލިޔެފައި ހުންނަ ގޮތުގެ މިސާލު ތަކަކާއި އެފަދަ ބަސްބަސް ރަނގަޅަށް ލިޔާނެ ގޮތެވެ. ވަރަށް ވެސް ޚާއްސަ މުހިންމު ފިލާވަޅެކެވެ. އޮންލައިން ޕްލެޓްފޯމްތަކުގައި ދިވެހި ބަހާ ބެހޭގޮތުން އެންމެ ގިނައިން ބަހުސު ކުރެވިފައި ހުއްޓާ ފެންނަ މައުޟޫ އަކީ ތިކި ޖެހި ތާނައިގެ މައްސަލައެވެ. އިމާދުގެ ފިލާވަޅު ވެސް ގުޅެނީ އެ ސުރުޚީއާ އެވެ.
ލިޔުމުގައި ހުރި ބައެއް ބަސްބަހަށް ބަލާލުމުން ހިތަށް އައީ މިއަދު އެ ބަސްބަސް ކިޔާ އަޑު އިވުމުން އެލިޔަންވާ ގޮތް އެނގޭނީ ކިތައް މީހުނަށް ބާވަ އެވެ. ލިއުމެއް ކުރާނީ ޝާއިޢުތޯ ޝާއިރުތޯ ނުވަތަ ޝާއިއުތޯ ޔަގީން ކުރާނީ ކިހިނެއް ހެއްޔެވެ. އެކަން އެނގޭނީ ކޮންގަތަކުން ހެއްޔެވެ. ތިކިޖެހި ތާނައިގެ މައްސަލައިގައި ބަހުސެއް ކުރެވޭނަމަ އެބަހުސުގައި ގިނަ ބަޔަކު ބައިވެރިވެ އެވެ. ބައެއް މީހުންގެ ނަޒަރުގައި އެއީ އޮންނަން ޖެހޭ އެއްޗެއް ނޫނެވެ. ލިޔެ ކިއުމުގައި ހުރިހާ ވެސް ކުށެއް ލިޔެވެނީ ތިކި ޖެހި ތާނައިގެ ސަބަބުންނެވެ. އެ ހުއްޖަތު ގަބޫލުކޮށް، އެ އުސޫލަށް ބޯލަނބާ މީހުން ތާނައިން ލިޔާ އިރު ތިކި ޖެހުން ހުއްޓާލައިފި އެވެ.
މަޝްހޫރު ބައެއް ނޫސްތައް ވެސް އެ އުސޫލު އެނޫސްތަކުގެ މިންގަނޑެއްކަމުގައި ކަނޑަ އަޅައިފި އެވެ. ތިކިޖެހި ތާނަ އަކީ އެހާ ފަސޭހައިން ދޫކޮށްލެވެން އޮތް އެއްޗެއް ނޫންކަމުގައި ބުރަވާ ފަރާތްތަކުން ދެކޭ ގޮތުގައި އެ އަކުރުތައް ދޫކޮށްލައިފި ނަމަ ވަރަށް ގިނަ ބަސް ބަސް އޭގެ އަސްލު އަޑު ނެރުމަށް ލިޔަން ޖެހޭ ގޮތަށް ނުލިޔެވިދާނެ އެވެ.
ބަޔަކަށް އެއްޗެއް ނޭނގުމަކީ އެއެއްޗެއް އުވާލުމަށް އޮތް ހުއްޖަތަކަށް ވުރެ ނޭނގޭ ކަން ގަބޫލު ކުރުމަށް އޮތް ބަހަނާ އެކެވެ. އިމާދު ލަތީފު ފޭސްބުކް ގުރޫޕްގައި ހިއްސާ ކުރެއްވި ބަސްތަކަށް ބަލައި ލުމުން ފުރަތަމަ ވެސް ހިތަށް އައީ މިބަސްތައް މިހާރުގެ ކުދިންނަށް ނުވަތަ މީހުނަށް ރަނގަޅަށް ލިޔަން އެނގޭނީ ކިހިނެއް ހެއްޔެވެ. އެބަސްތައް އަޑު އިވުމުން ލިޔަންވާ ގޮތް އެނގުނު ޒަމާން މިއަދު ފާއިތުވެ ހިނގައްޖެ އެވެ. އެވާހަކަ ގްރޫޕުގައި ހިއްސާ ވެސް ކޮށްލީމެވެ. އިމާދު ލަތީފް އެއަށް ޖަވާބު ވެސް ދެއްވި އެވެ. އިމާދު ވެސް އެއްބަސްވެ ވަޑައިގެންނެވި ގޮތުގައި ކުރީ ޒަމާނުގައި ތިކި ޖެހި ތާނައިގެ ބަދަލުގައި އަރަބި، އުރުދޫ، ފާރިސީ ބަސް ފަދަ ބަސްބަހުން ދިވެހި ބަހަށް ވަދެފައި ހުންނަ ބަސްބަސް ލިޔަނީ އަރަބި ނުވަތަ ފާރިސީ އަކުރުންނެވެ.
އެހެންކަމުން ތާނައިގައި ތިކި ޖަހައިގެން ލިޔަން ފެށި ދުވަސްވަރު އެ ބަސްތަކުގެ އަޑާއި މަޚުރަޖް ދިވެހިންނަށް އެނގޭތީ ތިކި ޖަހައިގެން ލިޔާކަށް އުނދަގޫ ކަމަކަށް ނުވެ އެވެ. އެހެން ނަމަވެސް އަރަބި އަކުރުން ލިޔުން ހުއްޓާލައި ޒަމާންތަކެއް ފަހަނަޅައި ދިޔައިރު މިވަނީ ބަހެއް ކިޔާ އަޑު އިވުނަސް ތިކި ޖަހަންވީ މަތީގައިކަން ނުވަތަ ތިރީގައިކަން ނޭނގޭ ހިސާބަށް ގޮސްފަ އެވެ. ރަނގަޅަށް ތިކި ޖެހުމަށްޓަކައި އަރަބި ބަހާއި އުރުދޫ ބަސް ދަސްކުރަން ޖެހޭ ހިސާބަށް މިއަދު ވަނީ ގޮސްފަ އެވެ.
ތިކި ޖެހި ތާނަޔާ ބެހޭ ގޮތުން ދެން އޮންނަ ރައުޔަކީ ޒަމާނުއްސުރެ ދިވެހި ވެފައި ހުރި ބައެއް ބަސްބަހުގައި ވެސް ތިކި ޖަހާ މައްސަލަ އެވެ. ގައުމަށް ޤައުމު ކިއުމާއި ހުކުމަށް ޙުކުމް ކިއުމަކީ ގިނަ ބަޔަކު ދެކޭ ގޮތުގައި ކުރަން ނުވާނެ ކަންތަކެވެ. އެ މައުޟޫއުގައި ކަނީރު އަބްދުއްރަހީމް ތަންކޮޅެއް ކުރިން ލިއުއްވި ލިއުމެއްގައި ވިދާޅުވެފައިވާ ފަދައިން އެ ގޮތަށް ދާކަމުގައި ވަންޏާ އަހަރެމެންގެ ނިޔަފަތި ކޮޅު ގެއްލި އިނގިލީގައި ނިޔަޕޮތިތަކެއް ހުންނަ ހިސާބަށް ހިނގައި ދާނެ އެވެ. ތިކި ޖެހި ތާނައިގެ މައްސަލައިގައި ލިޔަންވީ ގޮތެއް ނުލިޔަންވީ ގޮތެއް ނޭނގޭ ހިސާބަށް ކަންތައް ހިނގައްޖެ ކަމުގައި އެންމެނަށް ވެސް ގަބޫލު ކުރެވެ އެވެ.
މި މައްސަލަ އޮތީ ވަކި ފަންތިއެއް ނުވަތަ ގިންތިއެއްގެ ބަޔަކަށް ނޫނެވެ. އެންމެންނަށެވެ. މިހިސާބުން އުފެދޭ ސުވާލަކީ މިކަމަށް އޮތް ހައްލަކީ ކޮބައިހެއްޔެވެ؟ ދުނިޔޭގެ ބަސްބަހަށް ބަލާ އިރު ލިޔެ ކިޔުމަށް ދިވެހި ބަހަށް ވުރެ މާ އުނދަގޫ ބަސްބަސް ހުރެ އެވެ. ގިނަ ދިވެހިންނަށް އެންމެ ފަސޭހައިން އެނގޭ އެއްބަސް ކަމުގައިވާ އިނގިރޭސި ބަހަކީ ވެސް ކޮންމެ ބަހެއް ވަކިން ދަސްކޮށްގެން ލިޔަން ދަސްވާ ބަހެކެވެ. އެހެން ކަމުން އެ ބަސް ލިޔަންވާ ގޮތް އެންމެ ކުޑައިރުއްސުރެ މަދަރުސާތަކުގައި ކިޔަވައިދެ އެވެ. ކޮންމެ ބަހެއް ލިޔަން ޖެހޭގޮތް އެއީ ބަހުގެ އިދާރާތަކުން ބަލައިގަންނަ އުސޫލަކުން ގަވައިދަކަށް ވެފައި އޮންނަ ގޮތެކެވެ. އިނގިރޭސި ބަހުން ލިޔެ ކިޔުމުގައި އެ އުސޫލު އެންމެން ވެސް ގަބޫލުކޮށް އެގޮތަށް އަމަލު ކުރަން ޖެހެ އެވެ.
އިނގިރޭސި ބަހެކޭ އެއްފަދައިން ދިވެހި ބަސް ވެސް ލިޔަންވާ ގޮތާއި ކިޔަން ވާގޮތް ދަރިވަރުންގެ އެންމެ ޅަފަތުގައި ދަސްކޮށް ދެވެން އެބަ ޖެހެ އެވެ. އެ ބައިތައް ސްކޫލުގެ މުގައްރަރަށް ވަންނަން އެބަޖެހެ އެވެ. ދިވެހި ބަހުން ލިޔާ އިރު ތިކި ޖަހަންވާ އަކުރުތަކާއި ތިކި ޖަހަން ޖެހެނީ މަތީގައިތޯ ނުވަތަ ތިރީގައިތޯ ކަނަޑައަޅަން ޖެހެ އެވެ. ދިވެހިވެފައި ހުރި ބަސްތައް ވެސް ފާހަގަކޮށް ރަސްމީ ކުރަން އެބަ ޖެހެ އެވެ.
އެ މަސައްކަތަކީ މިހާރު މާ ބޮޑަށް ވެސް ލަސްވެފައި އޮތް ކަމެކެވެ. އެކަމަށް އިސް ނަގަން ބަހުގެ އެކަޑަމީ އަށް ފަސް ޖެހެވޭ ކަމަށް ވަންޏާ ގައުމިއްޔަތު މިނިސްޓްރީން ކުރަން ޖެހެ އެވެ. ދިވެހި ބަހުން ލިޔާނީ ގައުމިއްޔަތުތޯ ނުވަތަ ޤަޥްމިއްޔަތުތޯ ކަނޑައަޅައި ގައުމީ މުގައްރަރުގައި ހިމެނުމަށް އަވަސް ވެގަންނަން ޖެހެ އެވެ.