ވަޒީފާއަށް ދިއުމާއި މީޓިންގ، ޖަލްސާ ނުވަތަ ކައިވެނި ހަފްލާ ފަދަ އެކިއެކި ހަފްލާ ތަކާއި މުނާސަބަތުތަކުގައި ފިރިހެނުން ކޯޓު ފަޓުލޫނުލުން މިވަނީ މިހާރު ރާއްޖޭގައިވެސް އާދައަކަށްވެފައެވެ. ކޯޓު ފަޓުލޫނަކީ ދުނިޔޭގައި ގަދަރުވެރި އިއްޒަތެއް ލިބިދީފައިވާ ރަސްމީ އަދި ނުރަސްމީކޮށް ބޭނުންކުރާ ރީތި ފޭރާމެކެވެ. އަދި ރީތިކޮށް ހެދުން އެޅުމުގައި އާއި ރަސްމީކަންކަމުގައި ގިނަބަޔަކު ބަލައިގަންނަ ފޭރާމެކެވެ. މިފަދަ ކޮންމެ ފޭރާމަކީވެސް އޭގައި ވަކި ހަމަތަކަކާއި ފޭރާން ލުމުގައި ގެންގުޅެންޖެހޭ އުސޫލުތަކެއް ހުންނަ އެއްޗެކެވެ. މިގޮތުން ކޯޓު ލުމުގައިވެސް ވަކި ގަވައިދުތަކެއް ނޫނީ އުޞޫލުތަކެއް ހުރެއެވެ. ކޯޓުލުމުގައި އާންމުކޮށް ޢަމަލުކުރާ އުސޫލުތަކާ ޚިލާފަށް ކޯޓު ލުމަކީ ހުތުރުކަމެކެވެ. ރަސްމީކަންކަމުގައި ކޯޓު ލުމުގައި ބޮޑު އިސްކަމެއް ދީފައިވަނީ ކޯޓުގެ ގޮށް އެޅުވުމަށެވެ. އަދި މީގެ އިތުރުން ކޯޓާއެކު ތުރުކުރާގަމީހުގެ އަތްކުރި އަދި ފަޓުލޫނުގެ ފައިކުރި ބަހައްޓަންވީ މިންގަނޑާއި ކޯޓު އެންމެ ގަޔަށް ހެޔޮވަރު ގޮތާއި ކޯޓުލައިގެން އިށީނުމާއި ތެދުވެ ހުރުމުގައިވެސް ގޮށް އެޅުވުމުގައި ގެންގުޅޭ އުސޫލުތަކެއް ހުރެއެވެ. ނުރަސްމީ މުނާސަބަތުތަކުގައި ކޯޓުލުމުގައި ވަކިއުޞޫލުތަކެއް ނުގެންގުޅެއެވެ. މައިގަނޑު ގޮތެއްގައި ފާހަގަ ކުރެވެނީ ކޯޓާއެކު ޓައީއެއް ނެތި ކޯޓުގެ ގޮށްތައް ނުއަޅުވާ ދޫކޮށްލާފައި ހުންނަތަނެވެ. އަދި ކޯޓާއެކު އެހެން ކުލައެއްގެ ފަޓުލޫނެއް ނޫނީ ޖިންސެއްވެސް ލެވިދާނެއެވެ. މިއީ ނުރަސްމީ ނުވަތަ ކެޝުއަލް ޑްރެސިންގއެވެ.

ކިންގ އެޑްވަރޑް VII(ކ) އާއި ޕްރިންސް ޖޯޖް 1901ވަނަ އަހަރު (ފުރަތަމަ ފޮޓޯ) ޑިއުކް އޮފް ރޮކްސްބާރގް(ކ) / ބަކިންގހަމް ޕެލަސް 1910 ވަނަ އަހަރު (ދެވަނަ ފޮޓޯ)

1660ވަނަ އަހަރު އުފަންވި އިންގްލިޝްމަން ސޫޓު ހުންނަނީ ކަކުލާހިސާބަށް ދިގުކޮށެވެ. އިންގްލިޝްމަން ސޫޓުގައި ހިމެނެނީ ކޯޓާއި ވެއިސްޓްކޯޓް ނުވަތަ ވެސްޓް އަދި ފަޓުލޫނެވެ. މިއަށް ތްރީޕީސް ސޫޓްވެސް ކިޔައެވެ. މީގެ އިތުރުން ގަމީހާއި ޓައި އަދި ބޫޓަކީ އަސާސީ ފޭރާމެކެވެ. މިހާރު މިފެންނަ ގޮތަށް ޖެކެޓުގެ ސައިޒު ކުރުކޮށް ތައާރުފް ވެފައިވަނީ 1906 ވަނަ އަހަރުއެވެ. ތްރީޕީސް ސޫޓުގެ ގޮތުގައި ޖެކެޓާއެކުލާ ވެއިސްޓްކޯޓުގެ ހުރިހާ ގޮށެއް އޭރު އައީ އަޅުވަމުންނެވެ. ނަމަވެސް ކިންގ އެޑްވާރޑް VII ޖެކެޓު ތުރުކުރެއްވުމުގައި އޭނާގެ ބަނޑު ބޮޑުކަމުން ވެއިސްޓްކޯޓުގެ އެންމެ ތިރީގޮށް އެޅުވުމަށް އުންދަގޫވާތީ އެގޮށް ނުއަޅުވާ ދޫކޮށްލައްވަން ފެއްޓެވިއެވެ. އަދި އަސްދުއްވާ މީހުން އަހުގައި އިންނައިރު ޖެކެޓުގެ އެންމެ ތިރީގޮށް އަޅުވައިގެން އިނުމަކީ އުނދަގޫކަމަކަށްވާތީ، އަހަށް އެރުމާއެކު ޖެކެޓުގެ ތިރީގޮށް ނައްޓުވާލާތީ، އަސްދުއްވާ މީހުންނަށް އިޚްތިރާމް ކުރުމުގެ ގޮތުން ޖެކެޓުގެ ތިރީގޮށް އެޅުވުންވެސް ކިންގ އެޑްވާރޑް VII ދޫއްކޮށްލެއްވިއެވެ. މިގޮތުން ކިންގ އެޑްވާރޑް VII އަށް އިޚްތިރާމް ކުރުމުގެ ގޮތުން އިނގިރޭސިން ޖެކެޓު ނުވަތަ ކޯޓު ލުމުގައި ކޯޓުގެ އެންމެ ތިރީގޮށް ނުއަޅުވާ ދޫކޮށްލަން ފެއްޓީއެވެ. އަދި މިކަން އިނގިރޭސީން ކޮލޮނައިޒްކޮށްފައިވާ ގައުމުތަކާއި ދުނިޔެއަށް ތަޢާރުފްވެ ކޯޓު ލުމުގެ ރީތި އާދަތަކުގެ ތެރޭގައި ކޯޓުގެ އެންމެ ތިރީގޮށް ނުއަޅުވާ ދޫކޮށްލަންވެސް ފެށުނެވެ. އަދި ކޯޓު ފަރުމާކުރުމުގައިވެސް ކޯޓުގެ ބައްޓަންތައް ފަރުމާކުރެވެންފެށީ ކޯޓުގެ އެންމެ ތިރީގޮށް އަޅުވާ ގޮށެއްގެ ގޮތުގައެއް ނޫނެވެ. މިގޮށް އަޅުވައިފިނަމަ ކޯޓު ގަޔަށް ބާރުވުމުގެ އިތުރުން ހުތުރުކަމެއް ދައްކުވައިދޭނެއެވެ.

ޝާހީ އާއިލާގެ ބައެއް މެމްބަރުން

ކޯޓު ފަރުމާކޮށްފައި ހުންނަނީ، ކޯޓުގެ ކުރިމަތިން މެދުން ގޮށްއަޅުވާގޮތަށް ހުންނަ "ސިންގަލް ބްރެސްޓެޑް" ކޯޓާއި ކޯޓުގެ ކުރިމަތިން އެއްފަޅި އަނެއްފަޅިމައްޗަށް އެއްފަރާތުން އަނެއްފަރާތަށް ފުށުއަރާގޮތަށް ކަނާތް ފަރާތަށް ގޮށްއަޅުވާގޮތަށް ހުންނަ "ޑަބަލް ބްރެސްޓެޑް" ކޯޓެވެ. މިވައްތަރުގެ ކޯޓުގައި ދެފައްޗަކަށް ގޮއް ހުންނާނެއެވެ.

ސިންގަލް ބްރެސްޓެޑް ކޯޓު

ކޯޓު ފަޓުލޫނު ލުމުގައި ވަކި ހަމަތަކެއް ހުރޭ!

ސިންގަލް ބްރެސްޓެޑް ކޯޓުގައި ހުންނާނީ އެއްގޮށާއި، ދެގޮށާއި އަދި ތިންގޮށް ހިމެނޭ ކޯޓެވެ. އެއްފައްޗަކަށް ގޮށް ހުންނަ ކޯޓުގެ އެންމެ ތިރީގޮށް އެޅުވުމަކީ މިހާރު ކޯޓު ލުމުގެ އުޞޫލާ ޚިލާފު އަދި ހުތުރު ކަމެކެވެ. އެއްގޮށް ހުންނަ ކޯޓުގައި އެގޮށް އަޅުވަންޖެހޭނެއެވެ. ދެގޮށް ހުންނަ ކޯޓުގައި މަތީގޮށް އަޅުވާ ތިރީގޮށް ދޫކޮށްލަން ޖެހޭނެއެވެ. އަދި ތިންގޮށް ހުންނަ ކޯޓުގައި މަތީގޮށް އެޅުވިޔަސް އަދި ދޫކޮށްލިޔަސް އެންމެ ރަނގަޅެވެ. ނަމަވެސް މެދުގޮށް އަޅުވާ ތިރީގޮށް ދޫކޮށްލަން ޖެހޭނެއެވެ. ކޯޓު ލައިގެން އިށީންނަނީނަމަ އިށީނުމުގެ ކުރިން ކޯޓުގެ ހުރިހާ ގޮށެއް ނައްޓުވާލަން ވާނެއެވެ. ކޯޓުގެ ގޮށް އަޅުވައިގެން އިށީނުމަކީވެސް ހުތުރުކަމެކެވެ. އަދި ކޯޓުލައިގެން ތެދުވުމާއެކު ކޮޅަށް ހުރުމުގައި ކޯޓުގައި ގޮށްއަޅުވާ އުޞޫލުން ގޮށް އެޅުވުމަކީ އާންމުކޮށް ގެންގުޅޭ އުޞޫލެވެ. ރަސްމީ ކަންކަމުގައި ކޯޓުގެ ގޮށް މިއުޞޫލުން ނުއަޅުވާ ހުރުމަކީ ހުތުރު ކަމެކެވެ.

ކޯޓު ފަޓުލޫނު ލުމުގައި ވަކި ހަމަތަކެއް ހުރޭ!

ކޯޓު ލުމުގައި އެކިމީހުންގެ ހަށިގަނޑަށް ރީތިވާނީ އެކި ކަހަލަ ކޯޓެވެ. އަދި ކޯޓުލުމުގައި އެމީހަކާ އެންމެ ގުޅޭ ކޯޓެއް ލުމަކީ އެމީހަކަށް އިޚްތިޔާރު ކުރެވިދާނެ ކަމެކެވެ. ކޯޓު އިޚްތިޔާރު ކުރުމުގައި އާންމުކޮށް ބަލާ މިންގަނޑެއް ގެންގުޅެއެވެ. އެއީ އެއްގޮށް ކޯޓު އެންމެ ގުޅޭނީ ހިކި މީހުންނާއެވެ. ދެގޮށް ހުންނަ ކޯޓު ކޮންމެ މީހަކާވެސް ގުޅޭނެއެވެ. މިއީ ވަރަށް ގިނަމީހުންނަށް ކަމުދާ ކޯޓެކެވެ. ތިންގޮށް ހުންނަ ކޯޓު ބޮޑަށް ގުޅޭނީ ދިގު މީހުންނާއެވެ.

ޑަބަލް ބްރެސްޓެޑް ކޯޓު

ކޯޓު ފަޓުލޫނު ލުމުގައި ވަކި ހަމަތަކެއް ހުރޭ!

ޑަބަލް ބްރެސްޓެޑް ކޯޓުގައި ގޮށްއަޅުވަން ހުންނާނީ ކަނާތް ފަރާތުގައެވެ. އަދި ކަނާތްފަރާތުގައި ހުންނަ ކޮންމެ ގޮށެއް އަޅުވަންވެސް ނުހުރެދާނެއެވެ. ވައަތް ފަރާތުގައި ހުންނަ ގޮށްތަކަކީ ކޯޓުގެ ޑިޒައިންގެ ޑެކޮރޭޓިވް ބައެކެވެ. ދެފައްޗަށް ގޮށް ހުންނަނީ ސިމެޓްރިކް ކުރުމަށް ނޫނީ ދެފަރާތް އެތްގޮތްކުރުމަށެވެ. މިފަދަ ކޯޓުގައި ދެގޮށް، ހަތަރުގޮށް، ހަގޮށް އަދި އަށްގޮށަށްވުރެ ގިނަގޮށްވެސް ހުރެއެވެ. ކޯޓުތަކަށް ނަންބަރު ދީފައި ހުންނާނީ 1×2، 2×4، 2×6، 3×6 މިގޮތަށެވެ. ފުރަތަމަ އަދަދަކީ ކޯޓުގައި ހުންނަ ޖުމްލަ ގޮށުގެ އަދަދެވެ. އަދި ދެވަނަ އަދަދަކީ ކޯޓުގައި އެޅުވޭގޮތަށް ހުންނަ ގޮށުގެ އަދަދެވެ. ގޮށްވަޅު ހުންނާނީ ކަނާތްފަރާތުގައި އެޅުވޭގޮތަށް ހުންނަ ގޮށްތަކަށެވެ. ވުމާއެކު އެއްފައްޗަކަށް ގޮށް ހުންނަ ކޯޓުގައިވެސް ޢަމަލުކުރާ ގޮތަށް ކަނާތްފަރާތުގެ އެންމެ ތިރީގޮށް ނައަޅުވާ ދޫކޮށްލެވިދާނެއެވެ. ނޫނީ މިގޮށް އެޅުވުމަކީވެސް ޑަބަލް ބްރެސްޓެޑް ކޯޓުގައި އެންމެ ރަނގަޅު ކަމެކެވެ. މިކަހަލަ ކޯޓުލައިގެން އިށީންނައިރު ހުރިހާ ގޮށްތައް ނައްޓުވާލާކަށް ނުޖެހޭނެއެވެ. އެންމެ ތިރީގޮށް އަޅުވާފައިވަނީނަމަ އެންމެ ތިރީގޮށް ނައްޓުވާލުމުން ރަނގަޅުވާނެއެވެ. ޑަބަލް ބްރެސްޓެޑް ކޯޓުގެ ތެރެއިން ގިނަ ބަޔަކަށް ކަމުދަނީ ހަގޮށް ހުންނަ ކޯޓެވެ.

ކޯޓު ފަޓުލޫނު ލުމުގައި ވަކި ހަމަތަކެއް ހުރޭ!

ކޯޓުގެ އަތްކުރި ހުންނަންވާނީ އަތްތިރިކޮށްގެން ހުންނައިރު ކޯޓާއެކު ތުރުކުރައްވާ ގަމީހުގެ އަތްކުރިއަށްވުރެ ބައިއިންޗި މަތީގައެވެ. ގަމީހުގެ އަތްކުރި އަތުގެ ކުޑަހުޅާ ހިސާބުގައެވެ. ކޯޓާއެކު ތުރުކުރައްވާ ފަޓުލޫނުގެ ފައިކުރި ހުންނަންވާނީ އަރުއްވާ ބޫޓުގެ މަތި ނިވާވާހިސާބު ނުވަތަ ބޫޓުގެ އެންކަލްގެ މެދަކާ ހަމައަށެވެ. ފަޓުލޫނުގެ ފައިކުރި އަރުއްވާ ބޫޓުގެ މައްޗަށް ބޮނޑިވެފައި އޮތުމަކީ ހުތުރު ކަމެކެވެ.

ކޯޓު ފަޓުލޫނު ލުމުގައި ވަކި ހަމަތަކެއް ހުރޭ!

ކޯޓުގެ ދިގުމިން ބެހެއްޓުމަށް ޚިޔާރު ކުރަންވާނީ ހަށިގަނޑަށް ހުތުރުނުވާ ގޮތަށެވެ. ކޯޓުގެ ދިގުމިން ކަނޑައެޅުމުގައި އަތްތިރިކޮށްލައިގެން ހުންނައިރު އަތުގެ އިންގިލިތައް ފެށޭ ހިސާބަށް ބެހެއްޓިދާނެއެވެ. ނޫންނަމަ އަތް މުއްކަވާލީމާ ހުންނަ ހިސާބަށްވެސް ބެހެއްޓިދާނެވެ. އަދި ކޯޓުގެ ގިރުވާނާ ފައިކުރިއައި ދެމެދު ހުންނަ މިނުގެ ދެބައިކުޅައެއްބަޔަށް ކޯޓުގެ ދިގުމިން ކަނޑައެޅުމުންވެސް ހަށިގަނޑަށް ހުތުރެއްނުވާނެއެވެ.

ކޯޓު ފަޓުލޫނު ލުމުގައި ވަކި ހަމަތަކެއް ހުރޭ!

ކޯޓުގެ އަތްކުރީގައި ގިނަ ގޮށްތަކެއް ހުންނަނީ ކީއްވެބާއެވެ. ކޯޓުގެ އަތްކުރީގައި ހުންނަ ގޮށްފައްޗަކީ އޭގައިވެސް ތާރީޚެއް އެކުލެވިފައިވާ އެއްޗެކެވެ. ރަސްމީ ކޯޓުތަކުގެ އަތްކުރީގައި އާންމުކޮށް ހުންނާނީ ތިންގޮށް ނޫނީ ހަތަރުގޮށެވެ. ކޯޓުގެ އަތްކުރީގައި ހުންނަ ގޮށްފައްޗަށް "ސާރޖަންސް ކަފް" އޭވެސް ކިޔައެވެ. ސާރޖަންސް ކަފްއޭ ބުނުމުން އާންމުމީހަކަށް ނޭނގުނަސް ޑޮކްޓަރުންނަށް އެނގޭނެއެވެ. ކޯޓުޖެކެޓަކީ ފިރިހެނުން އާންމުކޮށްލާ ފޭރަމެއްގެ ގޮތުގައި ވެގެންދިޔަ ދުވަސްވަރެއް ދިޔައެވެ. އެއީ ކޮންމެ މަސައްކަތެއް ކުރިކަމުގައިވެސް ލާންޖެހޭ ފޭރާމަކީ ކޯޓުޖެކެޓެވެ. އަދި އެދުވަސްވަރު މަސައްކަތުގެ މާހައުލުގައި ކޯޓު ބޭލުމަކީ ހުތުރުކަމެވެ. މިގޮތުން ޑޮކްޓަރުން އޮޕަރޭޝަން ތިއޭޓަރުގައި އޮޕަރޭޝަން ކުރުމުގައިވެސް ބޭނުންކުރާ ފޭރާމަކީ ކޯޓެވެ. ވުމާއެކު މިގޮށްފަތި ވެގެންދިޔައީ އޮޕަރޭޝަން ކުރުމުގައި ކޯޓުގެ އަތްކުރި ހަޑިވާނެތީ ކޯޓުގެ އަތްކުރި އޮޅާލުމަށް ފަސޭހަ ކުރުމުގެ ގޮތުން ހަރުކުރެވިގެންދިޔަ ގޮށްފަށްޗަކަށެވެ. ނަމަވެސް މިގޮށްފަތި ކޯޓުގެ އަތްކުރިއަށް އައިގޮތާމެދު އެހެން ތިއަރީތައްވެސް އެބަހުއްޓެވެ. މިގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް ތިއަރީއަކީ "މިލިޓަރީ ތިއަރީ" އެވެ.

މިލިޓަރީ ތިއަރީ ބުނާގޮތުން ޖެކެޓުގެ އަތްކުރިއަށް ގޮށް އިތުރުކުރީ ސިފައިން ހަނގުރާމައަށް ނުކުންނައިރު ޔުނިފޯމުގެ އަތްކުރިން މޫނުފޮހުމާއި ނޭފަތްފޮހޭތީ ޔުނިފޯމުގެ އަތްކުރި ހަޑިވާތީ އެކަން ހައްލުކުރުމުގެ ގޮތުންނެވެ. ޔުނިފޯމަށް އިތުރުކުރީ ލޯއިން (ބްރާސް) ހަދާފައި ހުންނަ ގޮށެވެ. މިގޮށްތަކާއެކު މޫނުފޮހެނީނަމަ ގޮށްތަކުން މޫނުމަތި ކަނޑައިގެން ދިއުމާއި އަނިޔާވުން ހިމެނެއެވެ. އިނގިރޭސި ނޭވީ ޔުނިފޯމަށް މިގޮށްފަތި އިތުރުކުރިކަމަށް ބުނެވެނީ 1767ގައި ލޯޑް ނެލްސަން އެވެ.

ލޯޑު ނެލްސަން

ނަމަވެސް މިގޮށްފަތި ތަޢާރުފްވެފައިވަނީ ލޯޑު ނެލްސަންގެ އުމުރުން އެންމެ 9 އަހަރުގައި ކަމުގައިވާތީ، މި ތިއަރީއަކީ ގަބޫލުކުރަންދަތި ތިއަރީއެކެވެ. މިލިޓަރީ ތިއަރީ ތައާރުފް ވެގެންދިޔައީ އޭރުގައި ބާރުގަދަ ގައުމުތަކުގެ ވެރިން ކަމުގައިވާ ކިންގ ފްރެޑްރިކް ވިލިއަމްII ފަދަ، ނެޕޯލިއަން ބޮނަޕާޓް ފަދަ މިލިޓަރީ ލީޑަރުންގެ ފަރާތުން ކަމުގައިވެސް ބުނެވޭ ވަހަކައަކީ އޭގައި މާބޮޑު ހެކިތަކެއް ފެންނަން ހުރިކަމެއް ނޫނެވެ. ޖެކެޓުކޯޓުގެ އަތުކުރިއަށް ގޮށްފަތި އައިގޮތުގައި ދެން ބެލެވޭ އަނެއް ތިއަރީއަކީ ދުނިޔަވީ ތިއަރީއެވެ. އެއީ ޖެކެޓް ތައާރުފްވެގެން އައިއިރު ފުރަތަމަ އަތުކުރީގައި ގޮށެއްނުހުރެއެވެ. ނަމަވެސް އެކިއެކި މަސައްކަތްކުރަން އުޅުމުގައި އަތުކުރި އޮޅާލުމަކީ ފަސޭހަވުމުގެ އިތުރުން ސާފުތާހިރުކަމެއް ކަމުގައިވާތީ ކަމަށް ބެލެވެއެވެ. އަދި މިގޮށްފަތި އޭރު އައިސްފައިވަނީ ގޮށްވަޅާއެކު ގޮށް އެޅުވޭ ގޮތަށެވެ. ނަމަވެސް މިހާރުގެ ކޯޓުތަކުގައި މިގޮށްފަތި ހުންނާނީ އަޅުވާ ގޮށްފައްޗެއްގެ ގޮތުގައެއް ނޫނެވެ. މިގޮށްފަތި ހުންނާނީ ޒީނަތްތެރި ކުރުމަށް ހުންނަ ގޮށްފައްޗެއްގެ ގޮތުގައެވެ.