ތެހެރާން (3ފެބްރުއަރީ) - ދުނިޔޭގެ ބާރުތަކާއެކު އީރާނުން 2015 ވަނަ އަހަރު ސޮއިކުރި ނިއުކްލިއާ އެއްބަސްވުން އަލުން އިއާދަކުރާއިރު އެ އެއްބަސްވުމަށް އިތުރު އެއްވެސް ބަދަލެއް ނުގެނެވޭނެ ކަމަށް އީރާނުން ބުނެފި އެވެ.

އީރާންގެ ޓީވީއިން ދުރައްދެއްކި ކެބިނެޓް މީޓިންއެއްގައި އިރާންގެ ރައީސް ހަސަން ރޫހާނީ ވިދާޅުވީ ޖޮއިންޓް ކޮމްޕްރެހެންސިވް ޕްލޭން އޮފް އެކްޝަންގެ އެއްބަސްވުމަށް އެއްވެސް އުނި އިތުރެއް ނުގެނެވޭނެ ކަމަށެވެ. އަދި މިއެއްބަސްވުމުގައި އިތުރު އެހެން ގައުމެއް ވެސް ބައިވެރި ނުކުރެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. މިގޮތަށް އެއްބަސްވާނަމަ ކުރިއަށްދާން އިރާނުން ވެސް ބޭނުމެވެ. އެގޮތަށް އެއްބަސްނުވާ ނަމަ އެބަޔަކު އުޅެން ބޭނުންވާ ގޮތަކަށް އުޅެން ދާންވީ ކަމަށް ރޫހާނީ ވިދާޅުވި އެވެ.

ހަސަން ރޫހާނީ މިހެން ވިދާޅުވީ އަލަށް އިންތިހާބު ކުރެވުނު އެމެރިކާގެ ރައީސް ޖޯ ބައިޑެން މިއެއްބަސްވުމަށް އަލުން އެމެރިކާ ގުޅެން ބޭނުންވާ ކަމަށް ހާމަކޮށްފައި ވަނިކޮށެވެ. ނަމަވެސް މިއެއްބަސްވުން އަލުން އެކުލަވާލާއިރު އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ހުރިހާ މަސައްކަތެއް ހުއްޓާލައި، އަދި މި އެއްބަސްވުމަށް އިތުރު އެހެންކަންތައްތަކެއް ވެސް އިތުރުކުރުމަށް އެއްބަސްވާން ޖެހޭނެ ކަމަށް ބައިޑެން ވިދާޅުވި އެވެ. އަދި މީގެ އިތުރުން ސައުދީ އަރަބިއްޔާއިން ވެސް ވަނީ އީރާންގެ ނިއުކްލިއާ ޑީލްގައި ބައިވެރިވުމަށް ބޭނުންވާ ކަމަށް ބުނެފަ އެވެ.

ޖޮއިންޓް ކޮމްޕްރިހެންސިވް ޕްލޭން އޮފް އެކްޝަން (ޖޭސީޕީއޯއޭ)ގެ ނަމުން ނަންދެވި 2015 ވަނަ އަހަރު ވިއެނާގައި ޔޫއެންގެ ސެކިއުރިޓީ ކައުންސިލްގެ ދާއިމީ ފަސް މެމްބަރު ގައުމާއި، ޔޫރަޕިއަން ޔޫނިއަނުން އީރާނާއެކު ވެވުނު ނިއުކްލިއަ އެއްބަސްވުމުން އެމެރިކާގެ ވަކިވެފައި ވަނީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދައުރުގަ އެވެ.

ޓްރަމްޕް ވަނީ އީރާނަކީ މެދުއިރުމަތީގެ ސުލްހައަށް އޮތް އެންމެ ބޮޑު ނުރައްކާ ކަމަށް ވިދާޅުވެ އެއްބަސްވުމުން ވަކިވެ އީރާނާ ދެކޮޅަށް އިތުރު ހަރުކަށި ފިޔަވަޅުތަކެއް އަޅާފަ އެވެ.

އީރާނުން ވަނީ އޭގެ އަހަރެއް ފަހުން މި އެއްބަސްވުމުގައި ހުއްޓާލުމަށް އީރާނުން އެއްބަސްވި ކަންކަން އަލުން މަޑުމަޑުން ފަށައިފަ އެވެ. އޭގެ ތެރޭގައި ޔުރޭނިއަމް މުއްސަނދި ކުރުމުގެ މަސައްކަތް ވެސް ހިމެނެ އެވެ. – ސްޓްރައިޓްސް ޓައިމްސް