ގައުމުގެ އަގުވެއްޓޭގޮތަށް އަމަލުކުރުމަކީ ޑިމޮކްރަސީގެ އުސޫލެއް ނޫންކަމަށް ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

ރައީސުލް ޖުމްހޫރިއްޔާގެ ރިޔާސީ ބަޔާން މިއަދު އިއްވުމާއި ގުޅިގެން ޣައްސާން ކުރެއްވި ޓުވީޓުގައި މިހެން ވިދާޅުވީ، 2015 ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރިޔާސީ ބަޔާން އިއްވެވިއިރު އެމްޑީޕީން މަޖިލީސްކުރާ ގޭގައި ހިންގި ހަޅުތާލަށް ރިއާޔަތްކޮށްފަ އެވެ. 2015 ވަަނަ އަހަރު ރައީސް ޔާމީން ރިޔާސީ ބަޔާން އިއްވިއިރު އެމްޑީޕީގެ މެމްބަރުން ދިޔައީ، އެމްޑީޕީގެ ލީޑަރު މުހައްމަދު ނަޝީދު މިނިވަންކުރުމަށް ގޮވާލާ މަޖިލީސްކުރާ އިދާރާ ތެރޭގައި އަޑުގަދަކޮށް ރިޔާސީ ބަޔާން އިއްވުމަށް ހުރަސްއަޅަމުންނެވެ.

މަޖިލިސް އިދާރާގައި ޕީޕީއެމް މެމްބަރުން މިއަދު ބެނާއެއް ހިފައިގެން. ފޮޓޯ: ޓުވިޓާ

އެ ދުވަހު އެމްޑީޕީން ހަޅުތާލުކުރިގޮތަށް ޕީޕީއެމްއިން މިއަދު އަމަލުނުކުރީ، ހަމަޔާ އުސޫލު ގަބޫލުކޮށް، ސުލްހަވެރިކަމާއެކު ޒިންމާ އަދާކުރަން ކެރޭތީ ކަމަށާއި، އަދި ގައުމަށް އިހުތިރާމްކުރާތީ ކަމަށް ޣައްސާން ވިދާޅުވި އެވެ. އަދި ގައުމަށް ދެރަވާނެ ފަދަ ކަމަކަށް ޕީޕީއެމްއިން ނުގޮވާނެކަމަށް ވެސް ޣައްސާން ކުރެއްވި ޓުވީޓްގައިވެ އެވެ.

"ޕީޕީއެމް އިން މިއަދު މިގޮތަށް ނުކުރީ ހަމަޔާ އުސޫލު ގަބޫލުކޮށް ސުލްހަވެރިކަމާއެކު ޒިންމާ އަދާކުރަން ކެރޭތީ. މިރާއްޖެއަށް އިޚްތިރާމް ކުރާތީ. ގައުމަށް ދެރަވާނެ، ޓުއަރިޒަމް ބޮއިކޮޓްފަދަ ކަންކަމަށް ނުގޮވާނެތީ،" ޣައްސާން ވިދާޅުވި އެވެ.

މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އިއްވި ރިޔާސީ ބަޔާނާ ދިމާކޮށް ޕީޕީއެމް އަދި ޕީއެންސީގެ ކޯލިޝަނުން ވަނީ މަޖިލީސްކުރާ އިދާރާގެ ބޭރުގައި މުޒާހަރާކޮށްފަ އެވެ.

އިދިކޮޅުގެ މެމްބަރުން މިއަދުގެ ޖަލްސާގައި ބައިވެރިވެފައި ނުވާއިރު "ފްރީ ޕްރެޒިޑެންޓް ޔާމީން" ޖަހާފައިވާ ބެނާއެއް ހިފައިގެން މެމްބަރުންވަނީ މަޖިލިސް ދޮށަށް އެއްވެފަ އެވެ.