ގާނޫނާއި ގަވައިދުތަކުގެ ދަށުން ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އެއްވެސް ނޫސް/މަޖައްލާއެއް ސަރުކާރުން ބްލޮކެއް ނުކުރާނެ ކަމަށް ވިދާޅުވެ، ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ޝިހާބު މިއަދު އިތުރުފުޅު ހައްދަވައިފި އެވެ.

ޝަހީބު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގާނޫނާއި ގަވައިދުތަކުގެ ދަށުން ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އެއްވެސް ނޫސް/މަޖައްލާއެއް ސަރުކާރުން ބަންދެއްވެސް އަދި ބްލޮކެއް ވެސް ނުކުރާނެ ކަމަށެވެ.

ޝަހީބް ވިދާޅުވީ، ނޫސްވެރިކަމުގެ މިނިވަންކަން އޭގެ އެންމެ ފުޅާމިނުގައި ދެމެހެއްޓުން މި ސަރުކާރުން ކަށަވަރުކުރާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

ޝަހީބު އެގޮތަށް ވިދާޅުވި އިރު، ސަރުކާރުން އަންގައިގެން ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްވިސް (ކޭމް)އިން ބައެއް ސައިޓުތައް ބްލޮކްކުރަން ފެށީ މިދިޔަ ހުކުރު ދުވަހުން ފެށިގެންނެވެ. އެންމެ ފުރަތަމަ ކޭމް އިން ބްލޮކްކޮށްފައި ވަނީ ބަރަހަނާ ސައިޓްތަކެވެ.

ސަރުކާރުގެ ބައެއް ނިންމުންތަކަށް ފާޑުކިޔައި ކޮރަޕްޝަންއާ ގުޅޭ ލިޔުންތަކެއް ޝާއިއު ކުރަމުން އައި ކުރުސީ.ކޮމް އާއި ދިޔަވަރު.ކޮމްއަށް ރެއިން ފެށިގެން ނުވަދެވޭ ގޮތް ހެދި އެވެ.

ރެއިން ފެށިގެން ބްލޮކް ކުރި ތިން ވަނަ ވެބްސައިޓަކީ ފުރަތަމަ.ކޮމް އެވެ. އެ ސައިޓުގެ ގިނަ ހަބަރުތަކަކީ ވެސް ސަރުކާރާ ދެކޮޅަށް ހަބަރު ގެނެސްދޭ ވެބްސައިޓެކެވެ.

އެ ނޫހުގެ މަސްއޫލުވެރިއެއް ގޮތުގައި ހުންނެވީ އަހުމަދު އާތިފެވެ. އެއީ ރަޖިސްޓްރީކޮށްގެން ހިންގަމުން އަންނަ ވެބްސައިޓެކެވެ.

އެކަމާ ގުޅިގެން ސުވާލު ކުރުމުން ޝަހީބު ވިދާޅުވީ އެ ވެބްސައިޓް ބްލޮކް ނުކުރާ ކަމަށާއި ފަހަރުގައި އެއީ އެ މީހުންގެ އަމިއްލަ ޓެކްނިކަލް މައްސަލައަކަށް ވެދާނެ ކަމަށް ވިދާޅުވެފަ އެވެ.