ކުރީގެ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓްގެ މުދާތަކެއް ވަގަށް ނެގި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ފުލުހުން ބުނީ އެ މިނިސްޓްރީގެ މުދާތަކެއް ގެއްލިފައިވާ މައްސަލަ މިދިޔަ ބުދަ ދުވަހު ފުލުހަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މައްސަލައާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހިއްސާ ކޮށްފައެއް ނުވެ އެވެ. ނަމަވެސް އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިކަމެއް ހިނގާފައިވަނީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓް، މި ސަރުކާރުން ދެ މިނިސްޓްރީއަކަށް ބަދަލުކޮށް، މުވައްޒަފުންނާއި މުދާ އެއްތަނުން އަނެއްތަނަށް ބަދަލު ކުރުމުގެ މަރުހަލާ ތެރޭގަ އެވެ.

ފުލުހުންނަށް މި މައްސަލަ ރިޕޯޓްކޮށްފައިވަނީ މިހާރުގެ މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ ފަރާތުންނެވެ.

މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މި ސަރުކާރަށް އެއްމަސް ވެގެންދިޔަ ފަހުން މި މަހުގެ 20 ވަނަ ދުވަހު އެވެ.

މީޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ގެއްލިގެން ފުލުހަށް ހުށަހަޅާފައިވާ ތަކެތީގެ ތެރޭގައި 65 އިންޗީގެ ޓީވީއަކާއި މޮނިޓަރާއި ސީޕީޔޫ ފަދަ އާލާތްތައް ހިމެނެ އެވެ.

ސްޕޯޓްސް މިނިސްޓްރީ ހިންގަނީ ކުރިއެކޭ އެއްގޮތަށް ވެލާނާގޭ ބިލްޑިންގެ ތިންވަނަ ފްލޯގަ އެވެ. ޔޫތު މިނިސްޓްރީ ބަދަލުކުރީ އެ އިމާރާތުގެ ހަތަރުވަނަ ފްލޯއަށެވެ.