ހޮނިހިރު ދުވަހުގެ ހެނދުނު ހެނދުނާ، ރާނާ ތޯތާ އޭނާގެ ދެ ފިރިހެން ދަރިންގެ އަތުގައި ހިފައިގެން ޣައްޒާ ސިޓީގެ އަލް-ކަތީބާގައި ހުރި ސްކޫލަށް ދިޔައީ، އެ ކުދިންނަށް ގާތްގަނޑަކަށް ހަނދާން ނެތިފައިވާ އާދައިގެ ދިރިއުޅުމަކަށް އެނބުރި ދާތަން ބަލާށެވެ.

އުމުރުން 30 އަހަރުގެ ތޯތާއަށް މި ހެނދުނަކީ ހަމައެކަނި އާ ދިރާސީ އަހަރެއްގެ ފުރަތަމަ ދުވަހެއް ނޫނެވެ. މިއީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އިޒްރޭލުން ޣައްޒާއާ ދެކޮޅަށް ފެށި ނަސްލު ނައްތާލުމުގެ ހަނގުރާމައާ ގުޅިގެން، ގާތްގަނޑަކަށް ތިން އަހަރެއްހާ ދުވަހަށް މެދުކެނޑިފައިވާ އާއިލީ ދިރިއުޅުމަށް އެނބުރި ދިޔުމުގެ ފެށުމެވެ.

ޣައްޒާ ސިޓީގެ ޒައިތޫން އަވަށުން ހުޅަނގު ޣައްޒާގެ އަލް-ކަތީބާއަށް ހިޖުރަކުރަން ޖެހުނު ތޯތާ، އޭނާގެ ދަރިން އަމަލީ ގޮތުން ކިޔެވުމުގެ ތެރެއަށް އެނބުރި ދިޔުމަށްޓަކައި ކުރީ ރޭއްސުރެ ތައްޔާރުވި އެވެ. އޭނާ އެ ކުދިން އަވަހަށް ނިންދަވައި، ހެނދުނު ހޭލައްވައި، ހެދުން ބަދަލުކޮށްގެން ސްކޫލަށް ގެންދިޔަ އެވެ.

"ތެދަށް ބުނާނަމަ، މިއަދަކީ އަހަންނަށް ވަރަށް އުފާވެރި ދުވަހެއް. ހީވަނީ އީދު ދުވަހެއްހެން،" ތޯތާ އަލްޖަޒީރާއަށް ކިޔައިދިނެވެ. "އަހަރެން ކުދިން ތައްޔާރުކުރިން، އެކުދިން ތިބީ ވަރަށް ފޯރީގައި. އަދި އަވަހަށް ނިދަންވެސް ދިޔަ. އަހަރެން އެކުދިން ތައްޔާރުކުރީ ހަމަ އާދައިގެ ސްކޫލް ދުވަހެއް ފަދައިން."

ޣައްޒާ މުނިސިޕަލްޓީގެ މި ސްކޫލަކީ ހުޅަނގު ޣައްޒާގެ އަވަށެއްގައި ގާތްގަނޑަކަށް 10 ފޭލިގެ ބޭނުންކޮށްގެން، އަމަލީ ގޮތުން ކިޔެވުން އަލުން ފެށުމަށްޓަކައި ވަގުތީ ގޮތުން ގާއިމުކުރި ތަނެކެވެ. "ބައެއް ފަހަރު ކުދިން ސްކޫލަށް ފޮނުވުން އެއްކޮށް ހުއްޓާލަން ޖެހުނު މަސްތައް ވެސް ދިޔަ،" ތޯތާ ބުންޏެވެ.

ތިން އަހަރުފަހުން ދިރާސީ އާ އަހަރު ފެށުމާއެކު ދަރިވަރުން ފޭލިގެތަކުގައި ކިޔަވަނީ --- ފޮޓޯ: އަލްޖަޒީރާ

ހަނގުރާމައިގެ ދުވަސްވަރު، އާއިލާ ޚާން ޔޫނިސްގައި ތިބި އިރުވެސް، ތޯތާ މަސައްކަތް ކުރީ ހިލޭސާބަހަށް މަސައްކަތްކުރާ ފަރާތްތަކުން ހިންގާ އިންތިޒާމުތަކުގެ ތެރެއިން އޭނާގެ ހަތަރު ދަރިންނަށް ތައުލީމު ފޯރުކޮށްދެވޭތޯ އެވެ. ނަމަވެސް، ހަނގުރާމައިގެ ނުރައްކަލާއި ޒަރޫރީ ބޭނުންތައް ފުއްދުމަށް ކުރަންޖެހުނު މަސައްކަތުގެ ސަބަބުން ކިޔެވުމަށް ދެވުނީ ވަރަށް މަދު ދުވަސްކޮޅަކު އެވެ. އެންމެ ފަހުން، ސްކޫލަށްވުރެ ދިރިހުރުމަށް އިސްކަންދޭން ޖެހި، ތޯތާގެ ނަސޭހަތާ ހިލާފަށް ކުދިންނަށް ޖެހުނީ ފެން އުފުލުން ފަދަ ޒަރޫރީ މަސައްކަތްތަކުގައި ބައިވެރިވާށެވެ.

"ވަރަށް އުނދަގޫ ދުވަސްތަކެއް ދިޔަ. އެކުދިން ވިސްނާނީ 'މަންމާ، ފެން ގެނެސްދޭނަން' ނުވަތަ 'މަންމާ، މިވެނި އެއްޗެއް ހޯދައިދޭން ގޮސްފާނަން' މިފަދަ ކަންކަމާމެދު. އެކަމަކު އަހަރެން ބުނަން 'ނޫން، އަހަރެން ބޭނުމީ ތިޔަ ކުދިން ކިޔެވުމަށް ސަމާލުކަން ދޭން'. ތައުލީމަކީ ދިރިއުޅުމުގެ ހުރިހާ ކަމެއްގެ ބިންގާ،" އޭނާ ބުންޏެވެ.

ކިޔެވުމަށް އެނބުރި ދިޔުމުގެ ނާޒުކު ފެށުމެއް

އަމަލީ ގޮތުން ކިޔެވުން އަލުން ފެށިފައި މިވަނީ، އިޒްރޭލުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމައިގެ ސަބަބުން ތިން އަހަރެއްހާ ދުވަހު ތައުލީމީ ނިޒާމު މެދުކެނޑިފައި އޮތުމަށްފަހު އެވެ. މި ހަނގުރާމައިގައި ޣައްޒާގެ އާބާދީގެ ބޮޑުބައެއް ވަނީ ގެދޮރު ދޫކޮށް ދާންޖެހިފަ އެވެ. އަދި އެ ސަރަހައްދުގެ ގިނަ އިމާރާތްތަކެއް ވަނީ ސުންނާފަތިކޮށްލާފަ އެވެ.

ފަލަސްތީނުގެ މިނިސްޓްރީ އޮފް އެޑިއުކޭޝަން އެންޑް ހަޔާ އެޑިއުކޭޝަނުން ބުނާ ގޮތުގައި، ސެޕްޓެމްބަރު 19 ގައި އާ ދިރާސީ އަހަރު ފެށުނުއިރު 541،000 އެއްހާ ދަރިވަރުން ވަނީ ކިޔެވުމަށް އެނބުރި ގޮސްފަ އެވެ. މިއީ 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ހަމަލާތައް ކޮންމެވެސް ވަރަކަށް މަޑުޖެހިލުމާ ގުޅިގެންނެވެ.

ޖެނުއަރީ މަހު މިނިސްޓްރީން ހާމަކުރި ގޮތުގައި، 317,332 ދަރިވަރުން ދަނީ ޣައްޒާގައި ގާއިމުކޮށްފައިވާ ވަގުތީ ތައުލީމީ މަރުކަޒުތަކާއި ސްކޫލްތަކަށް ހާޒިރުވަމުންނެވެ. އަދި އިތުރު 120,000 ދަރިވަރުން ދަނީ ހުޅަނގު އައްސޭރީގެ މުދައްރިސުންގެ އެހީގައި އޮންލައިންކޮށް ކިޔަވަމުންނެވެ.

ނަމަވެސް، އިޒްރޭލުގެ ބޮން އެޅުންތައް އަދިވެސް ހުއްޓުމެއް ނެތި ކުރިއަށްދާތީ ކިޔެވުމުގެ މާހައުލަށް ވަނީ ބޮޑެތި ނުރައްކާތަކާ ކުރިމަތިވެފަ އެވެ. މި ހިނގާ މަހުގެ ކުރީކޮޅުވެސް ދެ ދަރިވަރަކު ވަނީ ހަމަލާތަކުގައި ޝަހީދުވެފަ އެވެ. ޔުނިސެފުން ހާމަކޮށްފައިވާ ގޮތުގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޣައްޒާގެ ސްކޫލް އިމާރާތްތަކުގެ 98 އިންސައްތައަށް ވަނީ ގެއްލުން ލިބިފަ އެވެ. މީގެ ތެރެއިން 93 އިންސައްތަ އިމާރާތަކީ އަލުން މަރާމާތު ކުރަންޖެހޭ ނުވަތަ މުޅިން އަލުން ބިނާކުރަންޖެހޭ ތަންތަނެވެ.

އުމުރުން 4 އަހަރާއި 17 އަހަރާ ދެމެދުގެ ގާތްގަނޑަކަށް 700,000 ކުދިންނަށް ވަނީ ޖެހިޖެހިގެން ތިން ދިރާސީ އަހަރުގެ ކިޔެވުން ގެއްލިފަ އެވެ. މީގެ ތެރެއިން 420,000 ކުދިންނަކީ އެއްވެސް މިންވަރަކަށް ސްކޫލަށް ހާޒިރުވެގެން ކިޔެވުމުގެ ފުރުސަތު ނުލިބޭ ކުދިންނެވެ.

އެއް ފޭލިގެއެއްގެ ތެރޭގައި، ނަސްމާ ނާހިދު އަބޫ އާސިމް ދިޔައީ ހަވަނަ ގްރޭޑްގެ ދަރިވަރުންނަށް ހިސާބު މާއްދާ ކިޔަވައިދެމުންނެވެ. ކުދިން ތިބީ ބިމުގައި ފަތުރާފައިވާ ކުނާތަކެއްގެ މަތީގައި ފޮތްތައް އުނގު މަތީގައި ބާއްވައިގެންނެވެ.

ޣައްޒާގެ ދަރިވަރުންނަށް ކިޔަވާދޭ ޓީޗަރެއް --- ފޮޓޯ: އަލްޖަޒީރާ

"މި ދުވަސްވަރު ކިޔަވައިދިނުމަކީ ވަރަށް އުނދަގޫ ކަމެއް. ބެލެނިވެރިންނަށާއި މުދައްރިސުންނަށްވެސް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދަރިވަރުންނަށް ރައްކާތެރިކަން ހޯދައިދިނުން،" 2010 ވަނަ އަހަރުން ފެށިގެން ކިޔަވައިދެމުންދާ އަބޫ އާސިމް ބުންޏެވެ. "ކިޔެވުމަކީ ކޮންމެ ކުއްޖެއްގެވެސް ހައްގެއް. އެކަމަކު ކުދިން ސްކޫލަށް މި އަންނަނީ އަސާސީ ގަލަމެއް، ފޮތެއް ނުވަތަ މޭޒާއި ގޮނޑިވެސް ނެތި. ދަރިވަރުން ސްކޫލަށް މި އަންނަނީ ނުރައްކާތެރި ހަނގުރާމައެއްގެ ތެރޭގައި ތިބެގެން."

އިޒްރޭލުން ޣައްޒާ ބަންދުކޮށްފައި އޮތުމުގެ ސަބަބުން ސްކޫލްތަކަށް ބޭނުންވާ ސާމާނު ލިބުމުގައި ވަނީ ބޮޑެތި ދަތިތަކެއް ކުރިމަތިވެފަ އެވެ. ނަމަވެސް އަބޫ އާސިމް އެންމެ ބޮޑަށް ކަންބޮޑުވަނީ ކިޔެވުން އަނެއްކާވެސް މެދުކެނޑިދާނެތީ އެވެ. "މި ހާލަތަކީ އުނދަގޫ ހާލަތެއް ނަމަވެސް މިއީ ނުކުރެވޭނެ ކަމެއް ނޫން. އެންމެ ބޮޑު ދައްޗަކީ ކިޔެވުން ހުއްޓުމަކަށް އައުން،" އޭނާ ބުންޏެވެ.

11 އަހަރުގެ އުސާމާ އަލައިލާ ބުނީ އޭނާ ސްކޫލަށް ދާން ފެށުމުން ވަރަށް އުފާވާ ކަމަށެވެ. އޭނާއަކީ ކްލާހުން ތިންވަނަ ހޯދާފައިވާ ދަރިވަރެކެވެ. އޭނާގެ އުންމީދަކީ މި އަހަރު އެއްވަނަ ހޯދުމެވެ. "އަހަރެން ބޭނުންވަނީ ފޭލިގެއެއްގެ ބަދަލުގައި މޭޒާއި ގޮނޑި ހުރި ރަނގަޅު ސްކޫލް އިމާރާތެއްގައި ކިޔަވަން. އެކަމަކު މުހިންމީ ކިޔެވުން،" އުސާމާ ބުންޏެވެ.

ގޮނޑިމޭޒެއް ނެތް ސްކޫލެއް

ޣައްޒާގެ ގިނަ ކުދިން އަދިވެސް ކިޔަވަމުންދަނީ ތޮއްޖެހިފައިވާ ފޭލިގެތަކުގަ އެވެ. ޣައްޒާ ސިޓީގެ ބަނދަރު ކައިރީގައި ހުންނަ 'އަހްބާބް ޝުޖާއިއާ' ސްކޫލަކީ މީގެ މިސާލެކެވެ. ހަނގުރާމައިގެ ތެރޭގައި ސްކޫލް ސާމާނު އެތެރެކުރުން އިޒްރޭލުން ވަނީ މަނާކޮށްފަ އެވެ. މި މަހުވެސް ޔުނިސެފުން ފޮނުވި ސްކޫލް ދަބަހާއި ފޮތްތައް އެތެރެކުރުމަށް އިޒްރޭލުން ވަނީ ހުރަސް އަޅާފަ އެވެ.

މި ސްކޫލްގެ ޑައިރެކްޓަރު އިނާމް އަލް-ބަތުރީޚީ ވިދާޅުވި ގޮތުގައި 300 އަށްވުރެ ގިނަ ދަރިވަރުން އެ ސްކޫލްގައި ރަޖިސްޓްރީވެފައި އެބަތިއްބެވެ. ނަމަވެސް ގިނަ ކުދިންގެ އަތުގައި ފޮތެއް ނުވަތަ ގަލަމެއްވެސް ނެތެވެ. "މިއަދު އަހަރެމެންނަށް ބިމުގައި އިށީނދެގެން ކިޔެވިދާނެ. އެކަމަކު މާދަމާ ވާރޭ ވެހެން ފެށުމުން އެކަމެއް ނުވާނެ،" އޭނާ ކަންބޮޑުވުމާއެކު ވިދާޅުވި އެވެ.

މި ސްކޫލަށް ކިޔަވަން އަންނަނީ ބަނދަރު ކައިރީގައި ހުރި 9 ފޭލިގެއަކުން އަންނަ ކުދިންނެވެ. އިޒްރޭލުން ކަނޑުމަގުން ދޭ ހަމަލާތަކުގެ ނުރައްކާ އޮތުމުން، ކިޔަވައިދޭ ވަގުތު ވަނީ ހެނދުނު 8 އިން 11 އަށް ކުރުކޮށްފަ އެވެ.

"ބައެއް ފަހަރު ކުދިން ލަހުން އައިސް ބުނާނެ މަންމައަށް ފެން ބަލާ ދިޔުމުން ލަސްވީއޭ. މިއީ ހާލުގައި ޖެހިފައިވާ ކުދިން. ދާދި ދެންމެއަކު ފެނާއި ކާބޯތަކެތި އުފުލަން އުޅުނު ކުދިން މިހާރު މިތިބީ ކިޔަވަން މަސައްކަތް ކުރަން،" އަލް-ބަތުރީޚީ ވިދާޅުވި އެވެ. އޭނާ ބޭނުންވަނީ އަސާސީ ތައުލީމު ހާސިލުކުރަމުންދާ މި ކުދިންނަށް، މަދުވެގެން ގޮނޑިއަކާއި މޭޒެއް ނަމަވެސް ފޯރުކޮށްދެވޭނެ މަގެއް ފެނުމެވެ. އެއީ އެ ކުދިންނަށް ލިބެންޖެހޭ އަސާސީ ހައްގެކެވެ.