މާލޭ ސަރަހައްދުން ގޯތި ދޭން ހިއްކި ރަސްމާލެ ހިމެނޭ ފުށިދިއްގަރުފަޅުގައި 20 ބިލިއަން ޑޮލަރުގެ ވޯޓާފްރަންޓް އަދި މެރީނާ މަޝްރޫއެއް ހިންގުމަށް އަބޫދާބީގެ އީގަލް ހިލްސް ކުންފުންޏާއެކު ދިވެހި ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މާލެއިން ފުރައިގެން ލޯންޗެއްގައި ގާތްގަނޑަކަށް 17 މިނެޓުން ދެވޭ ރަސްމާލޭގައި ހިންގާ "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" މަޝްރޫއުގެ އެއްބަސްވުމުގައި ދުބާއިގައި ބޭއްވި ރަސްމިއްޔާތެއްގައި ސޮއިކުރެއްވީ އީގަލް ހިލްސްގެ ބާނީ އަދި ޗެއާމަން މުހައްމަދު އަލާއްބާރުގެ އިތުރުން ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އެވެ.
އެޗްޑީސީއާއި އެމްއޭސީއެލް ގުޅިގެން ހިއްކި ފުށިދިއްގަރުފަޅު އަބޫދާބީގެ އީގަލް ހިލްސްއަށް ވިއްކާލީ ގާތްގަނޑަކަށް 500 މިލިއަން ޑޮލަރަށް ކަމަށްވެ އެވެ. އަދި ރަސްމާލެ އެ ކުންފުންޏަށް ވިއްކާލުމުން ސަރުކާރުން އެތަނުގައި ހިންގަން ރާވާފައިވާ ހައުސިން މަޝްރޫއަށް ދެން ވެގެންދާނެ ގޮތެއް އަދި ނުބުނެ އެވެ.
އެ ކުންފުނިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ މި ބޮޑު މަޝްރޫއުގެ ދަށުން ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި ރިސޯޓުތަކުގެ އިތުރުން، ބްރޭންޑެޑް ރެސިޑެންސްތަކާއި، ދުނިޔޭގެ ފެންވަރުގެ މެރީނާއަކާއި، ވޯޓާފްރަންޓް ޕްރޮމެނާޑްތަކާއި، ރެސްޓޯރަންޓްތަކާއި، ފިހާރަތަކުގެ އިތުރުން ލެޝާ އަދި ވެލްނެސް ސެންޓަރުތައް ގާއިމުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އީގަލް ހިލްސްއިން ބުނި ގޮތުގައި، އެކި ފިޔަވަހިތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ މުޅި އިންވެސްޓްމަންޓް 20 ބިލިއަން ޑޮލަރަށް އަރާނެ އެވެ.
މި މަޝްރޫއުގެ ދަށުން ރާއްޖެއަށް 30 ބިލިއަން ޑޮލަރަށް ވުރެ ގިނަ ބޭރުގެ އިންވެސްޓްމަންޓް ލިބޭނެ ކަމަށް ބެލެވޭއިރު، އޭގެ ތެރޭގައި 18 ބިލިއަން ޑޮލަރުގެ ނެޓް އިންވެސްޓްމަންޓް ހިމެނެ އެވެ. އަދި 54،000 އަށް ވުރެ ގިނަ ވަޒީފާ އުފެދިގެންދާނެ ކަމަށް ބެލެވޭ ކަމަށް އީގަލް ހިލްސްއިން ވަނީ ބުނެފަ އެވެ. ހަމައެއާއެކު މަޝްރޫއު އެއްކޮށް ނިމުމުން އަހަރަކު އެކި ގައުމުތަކުން އެއް މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ގެނެވި، އަހަރަކު ދެ ބިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ފަތުރުވެރިކަމުގެ ދާއިރާއިން އާމްދަނީގެ ގޮތުގައި ވަންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ނަމަވެސް، 20 ބިލިއަން ޑޮލަރުގެ މި އަދަދަކީ މަޝްރޫއުގެ ތަފާތު ފިޔަވަހިތަކަށް ބަހާލައިގެން ކުރެވޭ އިންވެސްޓްމަންޓެއް ކަމަށާއި، އީގަލް ހިލްސްއިން އެންމެ ފުރަތަމަ އިންވެސްޓްކުރާނެ ކެޕިޓަލް ފައިސާގެ އަދަދާއި، ފައިނޭންސް ކުރާނެ ގޮތާއި، އަދި އަމަލީ މަސައްކަތުގެ ތާވަލު އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ.
މާލޭގެ ތޮއްޖެހުން ކުޑަކުރުމަށް ސަރުކާރުން ހިންގާ އާބަން އެކްސްޕޭންޝަން މަޝްރޫއުގެ ދަށުން ފުށިދިއްގަރުފަޅުން 1,100 ހެކްޓަރަށް ވުރެ ބޮޑު ސަރަހައްދެއް ހިއްކައިގެން 65,000 ހައުސިން ޔުނިޓް ގާއިމުކުރުމަށް ވަނީ މާސްޓާޕްލޭން ކުރެވިފަ އެވެ.
މި މަޝްރޫއު ހިންގާ އީގަލް ހިލްސްއަކީ ދުބާއީގެ ބުރްޖް ހަލީފާއާއި ދުބާއީ މޯލް ތަރައްގީކުރި އީމާރް ޕްރޮޕަޓީސްގެ ބާނީ މުހައްމަދު އަލާއްބާރުގެ އަމިއްލަ ކުންފުންޏެކެވެ.
ބައިނަލްއަގުވާމީ ގޮތުން ވޯޓާފްރަންޓް ތަރައްގީކުރުމުގެ ބޮޑު ޕޯޓްފޯލިއޯއެއް އޮތް މި ކުންފުނިން ދާދިފަހުން ވަނީ އަބޫދާބީގެ ލުލު އައިލެންޑްގައި 20,000 މީހުންގެ އާބާދީއަކަށް ހާއްސަ ސަރަހައްދެއް ތަރައްގީކުރުމުގެ މަސައްކަތް ހަވާލުކޮށްފަ އެވެ. މީގެ އިތުރުން އަލްބޭނިޔާގައި 2.5 ބިލިއަން ޑޮލަރުގެ މެރީނާއާއި ރެސިޑެންސް މަޝްރޫއަކާއި، ޔޫއޭއީގެ ޝާރްޖާގައި 1.2 ބިލިއަން ޑޮލަރުގެ މަރްޔަމް އައިލެންޑް މަޝްރޫއު ވެސް އެ ކުންފުނިން އަންނަނީ ހިންގަމުންނެވެ.
ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ދައްތަ ހައްޔަރުކޮށްފި
އިޓަލީގެ ސުކޫލުތަކުގައި މޫނުބުރުގާ އެޅުން މަނާކުރަނީ
ޕީއެންސީގެ މީހުންގެ މައްސަލަ ބަލާކަށް ނުކެރޭނެ: ޔާމީން
ރަސްމާލެ ދުބާއީ ކުންފުންޏަކަށް ވިއްކާލަން އުޅޭ ކަމުގެ ތުހުމަތު
ރަސްމާލެ ހިއްކަން ގިނައިން ފައިސާ ދިން މައްސަލަ އޭސީސީއަށް
ރަސްމާލެއިން ދޫކުރާ ގޯއްޗަށް ކުރިމަތިލާން ހުޅުވާލައިފި