ކުރީ ސަރުކާރުން މާލޭ މީހުންނަށް ގޯތި ދޭން ހިއްކަން ފެށި ކ. ގުޅިފަޅުގެ ބިން ހިއްކުމުގެ މަސައްކަތް ތައާވަލާއި އެއްގޮތަށް ކުރިއަށްދާ ކަމަށާއި، މިހާތަނަށް 90 ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. މުއްތަލިބް ވިދާޅުވެއްޖެ އެވެ.

ގުޅިފަޅުން ހިއްކުމަށް ހަމަޖެހިފައިވަނީ ޖުމްލަ 150 ހެކްޓަރުގެ ބިމެވެ.

އެކްސްގައި ކުރި ޕޯސްޓެއްގައި މުއްތަލިބު ވިދާޅުވީ ގުޅިފަޅު ހިއްކުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ ބިން ހިއްކުމުގެ މަސައްކަތް އަވަހަށް ނިންމައި، އެތަނުގެ އުމްރާނީ ތަރައްގީގެ މަސައްކަތްތައް ފެށުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގުޅިފަޅުގެ ދެވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް ފަށާފައި ވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގަ އެވެ. މި މަޝްރޫޢު ކުރިއަށްގެންދަނީ ނެދަލޭންޑްސްގެ ބޮސްކާލިސް ކުންފުންޏާ ހަވާލުކޮށްގެންނެވެ.

އެ މަޝްރޫއަށް އިންވެސްޓްކުރުމަށް ހަމަޖެހިފައިވަނީ ޔޫރަޕްގެ ދެ ބޭންކަކުން ލޯން ނަގައިގެންނެވެ. މިމަޝްރޫޢުގެ ދަށުން ގުޅީފަޅު ހިމެނޭ ސަރަޙައްދުން 150 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފަ އެވެ. މި މަސައްކަތްކުރުމަށް ގުޅިފަޅު ފަޅުން، 18 މިލިއަން ކިއުބިކް މީޓަރުގެ ސަރަހައްދަކަށް ވެލި އެޅުމަށް ވެސް ހަމަޖެހިފައިވެ އެވެ.

ސަރުކާރުން ވަނީ ގުޅިފަޅާއި ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫއަށް ވެސް ބިން އިތުކުރަން ނިންމައިފަ އެވެ.