އައިފޯނު މޫނާ ހަމައަށް ގެންގޮސް ކެމެރާއާ ސީދާ ކުރުމުން ފޭސް އައިޑީ އިން ފޯނު ހުޅުވެ އެވެ. ނަމަވެސް ކޮވިޑް-19ގެ ޕެންޑެމިކާއެކު މާސްކު އަޅަން ޖެހުމުން މީހާގެ މޫނުގެ ދެބައިކުޅަ އެއްބައި ފޮރުވި، ފޭސް އައިޑީ ބޭނުންކުރަން ގިނަ ބަޔަކަށް ވަނީ އުނދަގޫވެފަ އެވެ.

ފޭސް އައިޑީން ފޯނު ނުހުޅުވުމުން ދެން ޖެހެނީ ޕާސްވޯޑް ޖަހާށެވެ. ދުވާލެއްގެ މައްޗަށް އެތައް ފަހަރަކު ޕާސްވޯޑް ޖަހަން ޖެހުމުން އައިފޯނު ގެންގުޅޭ މީހުން ވަނީ ރުޅިގަދަވެފަ އެވެ.

މިކަމަށް ހައްލެއް ހޯދުމަށް އެޕަލްގެ އައިއޯއެސް 14ގެ ބީޓާ ޓެސްޓިންގައި ދަނީ މަސައްކަތް ކުރަމުންނެވެ. މި އަޕްޑޭޓް ހޯމަ ދުވަހުން ފެށިގެން ޑިވެލޮޕަރުންނަށް ރޯލް އައުޓް ކުރަން ފަށާފައިވާ ކަމަށް ގެޖެޓް ރިވިއު ސައިޓެއް ކަމަށްވާ ޕޮކެޓްލިންޓުން ބުނެ އެވެ.

މި އަޕްޑޭޓްގެ ދެރަކަމަކީ ފޭސްއައިޑީއަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް އެޕަލްއިން ހޯދި ހައްލު، ހައްލަކަށް ވަނީ އައިފޯނު ބޭނުންކުރާ މީހާގެ އަތުގައި އައިފޯނާއެކު އައިވޮޗެއް ވެސް އޮތުމުން ކަމަށްވާތީ އެވެ.

އެޕަލް ވޮޗް އަންލޮކް މިހާރު ވެސް މެކްބްކު ބޭނުންކުރާ ފަރާތްތަކަށް ބޭނުންކުރެވޭނެ އެވެ. ދެ ޑިވައިސް ޕެއާކޮށްފައި ހުންނައިރު އައިވޮޗުން ފޯނު އަންލޮކްކުރެވޭނެ އެވެ. އެހެން ނަމަވެސް އެޕް ސްޓޯ ބޭޏުންކުރުމާ އައިޓިއުންސް ޕާޗޭސްއަށް އައިވޮޗް ބޭނުމެއް ނުކުރެވޭނެ އެވެ.

ރިޕޯޓުތައް ބުނާގޮތުން އެޕަލް އިން ދަނީ އެންމެ ފަހުގެ އައިޕެޑް އެއާގައި ހުންނަ ފަދަ ޓަޗް އައިޑީ ފިންގަޕްރިންޓް ރީޑާ އެއް އައިފޯން 13 ގައި ހިމެނުމުގެ މަސައްކަތް ކުރަމުންނެވެ. އޭގެ ސަބަބުން އެ ފޯނުގައި ތަފާތު ދެ ބަޔޯމެޓްރިކް އޯތިޓިކޭޝަން ހުންނާނެ އެވެ.