އެމްޓީސީސީގެ ޑްރެޖަރެއް ކުއްޔަށް ނަގައިގެން ހުޅުމާލޭގެ ތިން ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތުގެ ދެވަނަ މަރުހަލާ މިއަދު ފަށައިފި އެވެ.
ހުޅުމާލެ ފޭސް ތިންވަނަ ފިޔަވަހި ހިއްކަނީ ސްރީލަންކާގެ ސިވަރާޖާ މަނިވަންނަންގެ ހިއްސާ އޮންނަ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީ) ކިޔާ ކަރުދާސް ކުންފުންޏަކުންނެވެ.
ފުށިދިއްގަރު ފަޅު ވެސް ހިއްކަން މި ސަރުކާރުން ދީފައި ވަނީ ގުޅިފަޅު ހިއްކައިގެން އެޕާޓްމަންޓް ދޭނެ ކަމަށް ބުނެ އެތައް ބަޔަކަށް ލަނޑުދިން ސީއެމްސީއާ އެވެ. އެ ކުންފުނިން އެ މަސައްކަތް ކުރިޔަށް ގެންދަނީ އެމްޓީސީސީގެ ޑްރެޖަރެއް ކުއްޔަށް ނަގައިގެންނެވެ.
ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއުގެ އިތުރުން ހުޅުމާލޭގެ ފޭސް 3، ދިޔަނެރު، ތިލަފުށި އޭރިއާ ޑީ، ބިން ހިއްކަން އެމްޑީޕީ ސަރުކާރުން ވެސް ހަވާލުކުރި ސީއެމްސީން އެ މަސައްކަތުގައި ބޭނުންކުރި ބޮސްކާލިސްގެ ޑްރެޖަރަށް ފައިސާ ނުދައްކައިގެން އެ ކުންފުނިން ވަނީ އެ ޑްރެޖަރު އަނބުރާ ގެންގޮސްފަ އެވެ.
އާބަންކޯގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުޅުމާލެ ތިން ވަނަ ފިޔަވަހީގެ ދެ ވަނަ މަރުހަލާގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ. އަދި ހުޅުމާލެއިން ގޯތި ލިބުނު ފަރާތްތަކަށް ވެލިފުކެއްގެ މިންވަރު ވެސް އުނި ނުކޮށް އެ ބިންތައް ލިބޭނެ ކަމަށް ވެސް ފަޒުލް ވިދާޅުވި އެވެ.
"ހުޅުމާލެއިން ގޯތި ލިބުނު ފަރާތްތަކަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި ފަދައިން ގޯތި ލިބިގެންދާނެ. ވެލިފުކެއްގެ މިންވަރު ވެސް އުނި ނުކޮށް، އިތުރަށް ފުރިހަމަ ކޮށްދެވޭނެ،" ފަޒުލް ވިދާޅުވި އެވެ.
މި މަޝްރުއަކީ މާލެ ސަރަހައްދުގައި ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ކުރިއަށް ގެންދެވޭ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ހުޅުމާލެ ފޭސް 3 ގައި 63 ހެކްޓަރުގެ ބިން އިތުރުކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މި މަސައްކަތް ފަށާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހު 22 ގަ އެވެ. އެގޮތުން އޭރު ފެށި ސައިޓް އޭ ބިން ހިއްކުމުގެ މަސައްކަތް އޮކްޓޯބަރު ފަހުކޮޅަށް ވަނީ ނިންމާލާފަ އެވެ.
ހުޅުމާލެ ފޭސް 3 ހިއްކަނީ މާލެ ސަރަހައްދުން ބިން ދޫކުރުމަށް ނިންމާފައިވުމާއެކު ގެދޮރުވެރިޔާ ސްކީމުގެ ދަށުން މިހާރު ބިމުގެ ރެޖިސްޓްރީ ހަވާލުކޮށްފައިވާ ފަރާތްތަކަށް ބިން ދޫކުރުމަށެވެ.