ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުމް ގޯސްވެ، މާލެ ސަރަހައްދަށް ބޯކޮށް ވާރޭވެހި ވެރިރަށް މާލޭގައި ފެންބޮޑުވެ އާންމު ދިރިއުޅުމަށް ބުރޫ އަރައިފި އެވެ.

ރޭ ދަންވަރުން ފެށިގެން މާލެއަށް ކުރަމުންދާ ވިއްސާރާގައި މުޅި މާލޭގައި ވަނީ ފެންބޮޑުވެފަ އެވެ. ބައެއް ސަރަހައްދުތަކުގައި ދޮޅު ފޫޓަށް ވެސް ފެންބޮޑުވެފައިވެ އެވެ. އަދި ބައެއް ފިހާރަތަކަށާއި ގޭގެއަށް ވެސް ފެންވަދެފައިވެ އެވެ.

މާލޭގައި އާންމުކޮށް ފެންބޮޑުވާ މާފަންނު ކޮޅު، އައިޖީއެމްއެޗް ސަރަހައްދުގައި ވަރަށް ބޮޑަށް ފެން ބޮޑުވެފައިވެ އެވެ.

އައިޖީއެމްއެޗް ސަރަހައްދުގައި ފެން ބޮޑުވެފައި. ފޮޓޯ | ހުރިހާ

މާލޭގައި އެންމެ ފެންބޮޑުވާ މަގުތަކުގެ ތެރޭގައި މައި މަގުތައް ވެސް ހިމެނެ އެވެ. އަމީނީ މަގާއި މަޖީދީ މަގުގައި ވެސް ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފަ އެވެ.

މެޓު އޮފީހުން ހުދު ސަމާލު ނެރެފައިވަނީ މެންދުރު ފަހު 1:30 އާ ހަމައަށެވެ. މެޓުން ބުނީ މުޅި ރާއްޖެއަށް ވެސް ވިއްސާރަ ކުރަމުންދާ ކަމަށާއި، ގުގުރުމާއެކު ވާރޭ ވެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.

ރާއްޖެއަށް ކުރަމުންދާ މި ވިއްސާރައަކީ އިރުވައި މޫސުން ފެށުމާ ގުޅިގެން ކުރާ ވިއްސާރަ އެވެ. އިރުވައި މޫސުން ފެށުނީ މިދިޔަ ހޯމަ ދުވަހު އެވެ.