މާލެ އާއި ވިލިމާލެއާ ދެމެދު ސީ އެމްބިއުލާންސްގެ ހިދުމަތް ރަސްމީކޮށް މިއަދު ފަށައިފި އެވެ.
ސީ އެމްބިއުލާންސްގެ ހިދުމަތް ފެށުމަށް ވިލިމާލޭގައި ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އާއި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އާއި ދަރުމަވަންތަ ހޮސްޕިޓަލުގެ ޗީފް އެގްޒެކްޓިވް އޮފިސަރު އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ބައިވެރިވެވަޑައިގެންނެވި އެވެ.
މި ރަސްމިއްޔާތުގައި ހަލީމް ވިދާޅުވީ މި ހިދުމަތް އަވަހަށް މި ފެށީ ވިލިމާލެއިން ހިދުމަތް ހޯދާ މީހުންނަށް ފަސޭހަ ކުރުމަށް ކަމަށެވެ. މިއީ ބަލި މީހުންނަށް ލިބޭ ވަރަށް ބޮޑު ލުޔަކަށް ވާނެ ކަމުގައި އޭނާ ވިދާޅުވި އެވެ.
ސީ އެމްބިއުލާންސް ބާއްވަން ނިންމާފައި ވަނީ ވިލިމާލެ ހޮސްޕިޓަލާއި އައިޖީއެމްއެޗްގެ ބެލުމުގެ ދަށުން ވިލިމާލޭގަ އެވެ. ހަލީމް ވިދާޅުވީ ލޯންޗު ބާއްވަން ވިލިމާލެ ފަޅުން ހާއްސަ ޖާގައެއް މާލެ ސިޓީ ކައުންސިލުން ހަމަޖައްސައި ދީފައިވާ ކަމަށެވެ.
ހެލްތު މިނިސްޓަރު ވިދާޅުވީ ބަލި މީހުން މާލެ ގެންދިއުމުގައި ވިލިމާލެ ރައްޔިތުން ބޭނުންވެފައިވާ މިންވަރު އޮތީ މާ ކުރިން ވެސް ވަޒަން ކުރެއްވިފައި ކަމަށެވެ. އަދި ކަން ދިމާ ކުރި ގޮތުން ވިލިމާލެ ރައްޔިތުންނަށް ލިބުނީ ރާއްޖޭގައި ސީ އެމްބިއުލާންސްގެ ގޮތުގައި ބޭނުން ކުރާ އެމްބިއުލާންސްތަކަށް ވުރެ މާ ބޮޑު އެމްބިއުލާންސެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް މިނިސްޓްރީގެ މަސައްކަތްތައް އަދި ނިމުނީކީ ނޫން ކަމަށާއި އަދިވެސް ކުރަން ޖެހޭ ކަންކަން ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ރަށުން ފުރައިގެން މާލެ ދިއުމަކުން އަދި މި މަސައްކަތް ނިމުނީކީ ނޫން. މި ހިދުމަތް ވެސް އިތުރަށް ފުޅާ ކުރުމަށްޓަކައި މީގައި އިތުރު އާލާތްތަކެއް ހަރު ކުރަން ޖެހޭ ނަމަ، އެކަން ވެސް އަޅުގަނޑުމެން ދެނެގަތުމަށް ފަހުގައި އެކަން ވެސް އިރާދަކުރެއްވިއްޔާ ފުރިހަމަ ކުރުން މިއަދަށް ވުރެ މާދަމާ ދެވޭ ހިދުމަތްތައް ފުޅާ ކުރުން އެއީ އަޅުގަނޑުމެންގެ އަމާޒަކީ،" ހަލީލް ވިދާޅުވި އެވެ.