ވިލިމާލޭގެ ކަރަންޓުގެ ހާލަތު ދިރާސާކޮށް ކަރަންޓުގެ ވިއުގަ މަރާމާތުކުރުމަށާއި އިތުރަށް ތަރައްޤީކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދެނެގަތުމަށް ސާވޭ ކުރަން ސްޓެލްކޯ އިން ފަށައިފި އެވެ.

ސްޓެލްކޯ އިން ބުނީ މި މަސައްކަތަކީ އެންވާރަމަންޓް މިނިސްޓްރީން އެކުވެފައިވާ އެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށެވެ.

މި ސާވޭގެ ދަށުން ވިލިމާލޭގެ ކަރަންޓުގެ ހާލަތު ދެނެގަނެ، ޕަވާ ސިސްޓަމް އަޕްގްރޭޑްކޮށް، ހިދުމަތް އިތުރަށް ފުރިހަމަ ކުރުމާއެކު، ވިލިމާލެއަށް ބޭނުންވާ ކަރަންޓު ފޯރުކޮށްދިނުމަށްޓަކައި ދުރު ރާސްތާ ޕްލޭނެއް އެކުލަވާލުމަށް މަގުފަހިވެގެންދާނެ ކަމަށް ސްޓެލްކޯއިން ބުނެ އެވެ.

އަދި ވިލިމާލޭގައި ކުރިއަށް އޮތް 20 އަހަރު ދުވަހުގެ ކަރަންޓުގެ ޑިމާންޑް ސްޓަޑީއެއް ހެދުމާއި، ވިލިމާލޭގައި ގާއިމުކޮށްފައިވާ އިންފްރާންސްޓްރަކްޗާގެ ހާލަތު ދެނެގަތުމަށް ފަންނީ ދިރާސާއެއް ކުރުމާއި، ދިރާސާގެ އަލީގައި ވިލިމާލޭގައި ގާއިމިކޮށްފައިވާ އިންފްރާންސްޓްރަކްޗާގެ ކެޕޭސިޓީ އިތުރުކުރަންޖެހޭ މިންވަރު ކަނޑައެޅުން ހިމެނެ އެވެ.

މީގެ އިތުރުން ދިރާސާގެ އަލީގައި، ވިލިމާލޭގައި ގާއިމުކޮށްފައިވާ އިންފްރާންސްޓްރަކްޗަ މަރާމާތު ކުރުމަށާއި އަޕްގްރޭޑްކުރުމަށް ބޭނުންވާނެ އިންވެސްޓްމަންޓުގެ އަދަދު ކަނޑައެޅުމާއި، އަދި ދިރާސާގެ އަލީގައި، ވިލިމާލޭގައި ގާއިމުކޮށްފައިވާ އިންފްރާންސްޓްރަކްޗާ މަރާމާތުކޮށް އަޕގްރޭޑް ކުރުމަށް މަޝްރޫއުއެއް އެކުލަވާލައި އެ މަޝްރޫއު ތަންފީޒުކުރާނެގޮތުގެ އެކްޝަން ޕްލޭނެއް ތައްޔާރުކޮށް މިނިސްޓްރީއަށް ހުށަހެޅުން ހިމެނެ އެވެ.

ވިލިމާލޭގެ ފެނާއި ނަރުދަމާ ނިޒާމާއި ކަރަންޓުގެ ހާލަތު ދިރާސާކޮށް، އިތުރަށް ތަރައްޤީކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދެނެގަތުމަށް ސްޓެލްކޯ އާއި އެމްޑަބްލިއުއެސްސީ އާއި އެންވާރަމަންޓް މިނިސްޓްރީން ހަވާލުކުރެއްވީ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު އެވެ.