އެއާޕޯޓުން ބައެއް ޑްރައިވަރުން ދަނީ މާލެ އަށް ކުރާ ދަތުރަކަށް 300ރ. ވެސް ނަގަމުން. އެކަމަކު އެއާޕޯޓުން މާލެ އަށް ކުރާ ޓެކްސީ ދަތުރެއްގެ ރަސްމީ އަގަކީ 70ރ. ޑިކީ އަށް އަރުވާ މުދަލަށް ވަކިން އަގު ނަގާ ޑްރަައިވަރުން ވެސް އުޅޭ. ބައެއް ޑްރައިވަރުން މާލެ ދަތުރުކުރަން ދެކޮޅު ހަދާ. އެއާޕޯޓް ކިޔޫގައި ތިބޭ ޓެކްސީ ޑްރައިވަރުން އަގު ނެގުން ހައްދުން ނެއްޓި އިރު އެކަން ހުއްޓުވާނެ ބަޔަކު ނެތް.

އެއާޕޯޓުން މާލެ އަށް ނުވަތަ ހުޅުމާލެ އަށް ދަތުރެއް ކުރަން ބޭނުން މީހަކަށް ޓެކްސީއެއް ހޯދުމަކީ މިހާރު އެހާ އުނދަގޫ ކަމެއް ނޫނެވެ. އެކަމަކު ދަތުރަށް އަރާ އަގު އަހާލުމުން އަންތަރީސްވާ ވަރުވެ އެވެ. އެއާޕޯޓުގައި ތިބޭ ބައެއް ޓެކްސީ ޑްރައިވަރުންނަށް މިހާރު ހީވަނީ އަގު ނެގުން އެމީހުންގެ ހިތަކަށް ލިބިފައިވާހެނެވެ. ސަރުކާރުން ކަނޑައަޅާފައިވާ ރަސްމީ އަގަށް ފައިސާ ނަގާ މީހަކު މިހާރު މަދެވެ.

އެއާޕޯޓުން ނަގާ ޓެކްސީއެއްގެ ޑިކީ ތަންކޮޅެއް ބޮޑު ނަމަ ފުރަތަމަ ވެސް ބުނާނީ މާލެ އަށް ކުރާ ދަތުރެއް ނަމަ 170ރ. ކަމަށެވެ. އެކަމަކު އެއީ ހަމަ އާދައިގެ ކާރެއްގެ ސައިޒުގެ އުޅަނދެކެވެ. ތަފާތަކީ ޑިކީ ބޮޑުވާ ތަންކޮޅެކެވެ. އެކަމަކު ބައެއް ޑްރައިވަރުން އަމިއްލަ އަށް ވަނީ އެއީ ވޭނެއްގެ ކެޓަރީއަށް ކަނޑައަޅައި އަގު ބަދަލުކޮށްފަ އެވެ. ހަމަ އެވަރުގެ ކާރަކަށް އެއާޕޯޓަށް ބާރު ބޮޑުވާ ގަޑިތަކުގައި މާލެއަށް ކުރާ ދަތުރަކަށް މިފަހުން 300ރ. ވެސް ޗާޖުކޮށްފައި އެބަހުއްޓެވެ. އެކަމަކު މީގެ ދަތުރެއްގެ ރަސްމީ ރޭޓަކީ 70ރ. އެވެ.

ދާދި ފަހުން އެއާޕޯޓުން ޓެކްސީއެއް ނަގައިގެން މާލެ އަށް ކުރި ދަތުރެކެވެ. ގެއަށް އަައިސް އަގު އަހާލުމުން ޑްރައިވަރު ބުނީ 170ރ. ކަމަށެވެ. ސުވާލު ކުރުމުން ބުނީ އެ ކާރުގެ ޑިކީ ބޮޑުވުން ކަމަށެވެ. އެކަމަކު ތި އަގަށް ވުރެ ދެ ކާރު ނަގައިގެން މާލެ އަށް ދަތުރުކުރި ނަމަވެސް މާ ރަނގަޅުވީސް ކަމުގައި ބުނީމެވެ. އޭރުން ދެ ކާރަށް ޚަރަދުވާނީ 140ރ. ވިއްޔާ އެވެ.

އެހެން ހާދިސާއެކެވެ. މިދިޔަ ހުކުރު ދުވަހު ހެނދުނު 11 ޖަހާކަންހާ އިރު އެއާޕޯޓުން މާލެ އަށް ދާން ޓެކްސީ ކިޔޫއާ ހަމައަށް ދިޔަ ތަނުން ޑްރައިވަރަކު އަމިއްލަ އަށް އައިސް ލަގޭޖާ ހަވާލުވެ ކާރަށް އަރުވައިފި އެވެ. އެއީ ވެސް ކުރިން ދަތުރުކުރި ސައިޒުގެ ކާރެކެވެ. ބްރިޖާ ހަމައަށް ނާދެވެނީސް ދަތުރުގެ އަގަކީ 230ރ. ކަމަށް ބުންޏެވެ. ކީއްވެތޯ ސުވާލު ކުރުމުން ބުނީ އެއީ އެ ގަޑީގެ ގޮތުން އަގު ބޮޑުވީ ކަމަށެވެ. އަދި އެ ވަގުތު އެހެން ބައެއް ޑްރައިވަރުން މާލެ އަށް ކުރާ ދަތުރަކަަށް 300ރ. ނަގަމުންދާ ކަމަށް ވެސް އެ ޑްރައިވަރު ބުންޏެވެ. އޭނާ ދެން ބުނީ ސްކޫލް ބަންދުގައި މާލެ އަންނަ މީހުން ގިނަވުމާއި އުމްރާ އަށް ފުރާ މީހުން ފުރުވަން ގޮސް ތިބި މީހުން ގިނަވުމުން އަގުބޮޑުކުރީ ކަމަށެވެ. އެއާޕޯޓުގައި މީހުން ގިނަވުމުން އަގުބޮޑުކުރަން ޖެހޭ އުސޫލެއް އޮވޭތޯ ސުވާލު ކުރުމުން ޑްރައިވަރަށް ބުނާއެއްޗެއް ނޭނގުނެވެ. އިރުކޮޅަކުން ބުނީ އެއީ އެ ގަޑީގައި އެންމެން ވެސް ނަގާ އަގު ކަމަށެވެ. ދަތުރު ކުރަމުން ދިޔައިރު ކާރުގެ ސެޓުން ޑްރައިވަރު ދިޔައީ އޭނާގެ އެހެން ރައްޓެހި ޑްރައިވަރުންނަށް ގުޅާ އަވަހަށް އެއާޕޯޓަށް ވަނުމަށް އަންގަމުންނެވެ. ހީވަނީ މަސްއައިނަކަށް ކުރުދޮށީގައި އަރައިގެން އުޅޭހެންނެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ޓެކްސީ ކިޔޫގައި އޮތް ކާރެއް. އެއާޕޯޓުން ކުރާ ދަތުރުތަކުގައި އިންތިހާއަށް ބޮޑު އަގު ނަގާތީ ގިނަ ބަޔަކު ދަނީ ޝަކުވާކުރަމުން. ފޮޓޯ | ހުރިހާ

އެއާޕޯޓުން ޓެކްސީއަކަށް އަރައި ބިދޭސީއެއް ނަމަ ބައެއް ފަހަރު އެމީހެއްގެ ދުވަސްދާ ވަރަށް ޑްރައިވަރުން އަގު ނަގާ ކަމަށް ބުނެ ޓުއާ ގައިޑުން ވެސް ޝަކުވާކުރެ އެވެ.

އެއާޕޯޓުން ޓެކްސީއަށް ނަގާނެ އަގުތައް އެނގޭ ބޯޑެއް ވެސް ބަހައްޓާފައި ހުރެ އެވެ. އެކަމަކު އެ ބޯޑުގެ ހުރި އަގުތަކަށް ބަލައި ޑްރައިވަރަކު އުޅޭހެން މިހާރު ހިޔެއް ނުވެ އެވެ. ޑްރައިވަރުން ބޮޑު އަގު ނަގާ ނަމަ ޝަކުވާކޮށް މެސެޖް ކުރަން ވެސް ނަމްބަރެއް އެ ބޯޑުގައި ލިޔެފައިވެ އެވެ. އެ ނަމްބަރަކީ 7943434 އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ޓެކްސީ ކިޔޫގައި ބަޔަކު މަޑުކޮށްލައިގެން. އެއާޕޯޓުން ކުރާ ދަތުރުތަކުގައި އިންތިހާއަށް ބޮޑު އަގު ނަގާތީ ގިނަ ބަޔަކު ދަނީ ޝަކުވާކުރަމުން. ފޮޓޯ | ހުރިހާ

ޓެކްސީ ޑްރައިވަރުންނަކީ ބައެއް ފަހަރު ސަރުކާރަށް ވުރެ މަތިން އުޅޭ ބައެއްހެން ވެސް ހީވެ އެވެ. ޓްރާންސްޕޯޓް މިނިސްޓްރީން ވަކި އަގުތަކެއް ހަމަޖެއްސި ނަމަވެސް، ތެލުގެ އަގުބޮޑުވެއްޖެ ކަމަށް ބުނެ ޑްރައިވަރުން އަމިއްލަ އަށް އަގު ބޮޑު ކުރެ އެވެ. ތެޔޮ އަގުހެޔޮވުމުން ޓެކްސީގެ އަގު ހެޔޮވާތަނެއް ދުވަހަކު ވެސް ނާދެ އެވެ.

ޓެކްސީ ޑްރައިވަރަކު ބުނީ ބައެއް ޑްރައިވަރުން އެއާޕޯޓުން ނަގާ ދަތުރުތަކުގައި އިންތިހާއަށް ބޮޑު އަގު ނަގަމުންދާ ކަމަށެވެ. އަދި އެކަން ހުއްޓުވުމަށް އެމްއޭސީއެލް އާއި ފުލުހުންނަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް ވެސް އޭނާ ބުންޏެވެ.

"ޓްރާންސްޕޯޓުން ކަނޑައަޅާފައިވާ އަގަށް ދަތުރުނުކޮށްދޭ ޑްރައިވަރުންނާ މެދު ފިޔަވަޅު އެޅެން ޖެހޭ. ފުލުހުން އެއްވެސް ފިޔަވަޅެއް ނާޅާތީ ޑްރައިވަރުންނަށް ހިތުހުރި އަގެއް ނަގަނީ،" އެ ޑްރައިވަރު ބުންޏެވެ.

ޑްރައިވަރުން ހިތުހުރި އަގެއް ނެގުމުގެ ޝަކުވާއަކީ ހައްލެއް އޮތް މައްސަލައެއް ނޫނެވެ. މިއީ ޓްރާންސްޕޯޓް މިނިސްޓްރީ އަށް ވެސް ކޮންޓްރޯލްވާ ބައެއްހެނެއް ހިއެއް ނުވެ އެވެ. ތަންކޮޅެއް ކުރިން މީގެ ބަޔަކު އެއާޕޯޓް ފެރީކުރަން ވެސް އުޅުނެވެ. މަގު މެދުން ޓެކްސީ ހުއްޓުވައި ޕަސިންޖަރުން ގެންގޮސް ފެރީ އަށް އަރުވަ އެވެ. އޭރު އެ ފަސިންޖަރުންގެ ފޮށި ދަމައިގަނެގެން ގެންގޮސް ހުންނާނީ އެހެން ފެރީއަކަށް އަރުވައިފަ އެވެ. އެތަނުގައި އޮންނަނީ ގަދަ މީހާގެ ގަދަކަން ދެއްކުމެވެ. އެކަމަކު ޓްރާންސްޕޯޓް މިނިސްޓަރުކަމާ އިލްޔާސް އިބްރާހިމް ހަވާލުވެވަޑައިގެން މުޅިތަން ހަމައަކަށް އަޅުވައި ވަކި ނިޒާމަކަށް ވަނީ ފައްތައިފަ އެވެ. ފެރީތެރޭން ފައިސާ ނެގުމުގެ އުސޫލު ބަދަލުކޮށްލައިފި އެވެ. ފަސިންޖަރުން ފެރީއަށް އަރަން ޖެހޭނީ ކުރިން ޓިކެޓް ގަނެގެންނެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ބޮޑު އަގު ނަގާ ސައިޒުގެ ކާރެއް. އެއާޕޯޓުން ކުރާ ދަތުރުތަކުގައި އިންތިހާއަށް ބޮޑު އަގު ނަގާތީ ގިނަ ބަޔަކު ދަނީ ޝަކުވާކުރަމުން. ފޮޓޯ | ހުރިހާ

ހަމަ މި އުސޫލް އެއާޕޯޓް ޓެކްސީތަކަށް ވެސް ތައާރަފް ކުރެވެން ޖެހެ އެވެ. އެއާޕޯޓުގައި ޓެކްސީ ކައުންޓަރެއް ބަހައްޓައިގެން ފަސިންޖަރުން ދަތުރުކުރަން ބޭނުންވާ މަންޒިލެއް ބުނުމުން ފައިސާ ނެގުމަށް ފަހު ސްލިޕް ދޫކުރެވިދާނެ އެވެ. ފަހުން އެ ސްލިޕް ޑްރައިވަރު ހިފައިގެން ދިއުމުން ކައުންޓަރުން އޭނާ އަށް ފައިސާ ދޫކުރާނީ އެވެ.

މިއީ ދިވެހިން އާއްމުކޮށް ދަތުރުކުރާ ގައުމުތަކާއި އަދި އެނޫން ވެސް ގައުމުތަކުގެ އެއާޕޯޓްތަކުގައި ޓެކްސީ ދަތުރުތައް ހަމަޖެހިފައިވާ ގޮތެވެ. ސްރީ ލަންކާގެ ކޮލަމްބޯއަށް ބެލި ނަމަވެސް އިންޑިއާގެ ޓްރިވެންޑްރަމް އަދި ބެންގަލޫރާއި ދިއްލީ ކަމަށް ބެލިޔަސް އޮންނަނީ މި އުސޫލެވެ. މެލޭޝިއާގެ ކުއާލަ ލަމްޕޫރާއި ތައިލެންޑުގެ ބެންކޮކުގައި ވެސް ހަމަ މި ގޮތެވެ. ފަސިންޖަރު ދާން ބޭނުންވާ ތަނަކާއި ލަގޭޖުގެ އަދަދު ބުނުމުން އެއަށް އެކަށީގެންވާ ސައިޒުގެ ޓެކްސީއެއް ކައުންޓަރުން ހަމަޖައްސައިދޭނެ އެވެ. އެ ޓެކްސީގެ އަގު ކުރިން ވަނީ ހަމަޖައްސައިފަ އެވެ. ކައުންޓަރަށް ވަނީ އެ އަދަދަށް ފަސިންޖަރު ފައިސާ ވެސް ދައްކައިފަ އެވެ. ފަސިންޖަރުންގެ އަތުން ޑްރައިވަރުން ހިތުހުރި އަގެއް ނެގުމުގެ ފުރުސަތެއް އޭރުން ނޯންނާނެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ޓެކްސީ ކިޔޫގައި އޮތް ކާރެއްގެ ޑްރައިވަރަކާ މީހަކު ވާހަކަދައްކަނީ. އެއާޕޯޓުން ކުރާ ދަތުރުތަކުގައި އިންތިހާއަށް ބޮޑު އަގު ނަގާތީ ގިނަ ބަޔަކު ދަނީ ޝަކުވާކުރަމުން. ފޮޓޯ | ހުރިހާ

މިއީ ރާއްޖެ އަށް ވެސް ތައާރަފް ކުރެވެން ޖެހޭ އުސޫލެކެވެ. ރާއްޖޭގެ ހުރިހާ ކަމެއް ތަހުޒީބުވެގެން އަންނަ އިރު ޓެކްސީ ޚިދުމަތް ވެސް ތަހުޒީބުވާންޖެހެ އެވެ. އެންމެ އަގުބޮޑު ޓޫރިސްޓް މަންޒިލުގެ ގޮތުގައި މަޝްހޫރުވެ އެންމެ ރަނގަޅު މެހްމާންދާރީ ޓޫރިސްޓުންނަށް ދޭ ގައުމުގެ ލަގަބު ލިބިފައިވާ އިރު އެއާޕޯޓަށް ފައިބާ ޓޫރިސްޓް މީހާ ހަފުސްވާ ވަރަށް ޑްރައިވަރުން ފައިސާ ނަގައި ނަމަ އެ ވެއްޓެނީ ރާއްޖޭގެ އަގެވެ. މިކަން މިހާރު ވެސް ހައްދުން ނެއްޓިފައިވާއިރު ކޮންޓްރޯލް ކުރަންޖެހެ އެވެ. މިއީ ޓްރާންސްޕޯޓް މިނިސްޓްރީ އާއި ކަމާބެހޭ އެހެން އިދާރާތަކުން ވަރަށް ބޮޑަށް ވިސްނަންޖެހޭ މައްސަލައެކެވެ.