ސްޓޫޑެންޓް އޮފް ދަ އިޔާ އިން ބޮލީވުޑަށް ނިކުތް ސިދާތް މަލޯޓްރާ އަކީ އަންހެނުން ކުދިންގެ ހިތްތައް ކަތިލަމުންދާ ޒުވާން ތަރިއެކެވެ.

މިދިޔަ އަންގާރަ ދުވަހު ސިދާތް އޭނާގެ ކާރަށް އަރަން ދަނިކޮށް ޕަޕަރާޒީން އޭނާ ވަށާލި އެވެ. އެވަގުތު އޭނާ ކުރި ކަމަކުން ގިނަ ބައެއްގެ ތައުރިފާއި ލޯބި އެނާ އަށް ދަނީ ލިބެމުންނެވެ.

ސިދާތް އައީ އޭނާގެ ފިލްމް "ޝޭރްޝާހް" ގެ ޑައިރެކްޓަރު ވިޝްނުވަރްދަން އާ ބައްދަލުކުރުމަށް ފަހު އެވެ. މަގުމަތީގައި ޕަޕަރާޒީންނާ ސަލާމްކޮށްލާފައި ގޮސް ކާރަށް އަރަ އެވެ. އެވަގުތު ހިނގާދިޔަ ކަމަކަށް ގިނަބައެއްގެ ސަމާލުކަން ލިބުނެވެ.

އެތަނަށް އައި ސަލާންޖަހާ މީހަކު ވަނީ ސިދާތް ކައިރީގައި ފައިސާގެ އެހީއަކަށް އެދިފަ އެވެ. އެވަގުތު ކާރުގެ ދޮރު ތިރިއަށް ކަހާލާފައި އެމީހާގެ އަތަށް 500 ރުޕީސްގެ ނޫޓެއް ދިއްކޮށްލަ އެވެ. މި މަންޒަރު ގިނަ ނޫސްވެރިންނަށް ފެނި، ފޮޓޯ ނަގާ، އެ މީހުންގެ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވެ އެވެ.

ކުޑައިރުކޮޅެއްގެ ތެރޭގައި އެ ފޮޓޯ ވައިރަލްވެ ސިދާތްގެ ފޭނުންގެ އިތުރުން ގިނަ ބަޔަކު އޭނާގެ ހިތްހެތޮ ކަމަށް ތައުރީފުކުރަން ފެށި އެވެ.

ސިދާތް ދެން އެންމެ އަވަހަށް ފެނިގެންދާނީ "ޝޭރްޝާހް" އިންނެވެ. އެ ފިލްމުގައި އެނާ ކުޅޭނީ ޕްރޭމް ވީރް ޗަކްރަ އެވޯޑް ލިބިފައިވާ ވިކްރަމް ބަޓްރާގެ ރޯލެވެ. މީގެ އިތުރުން "ތޭންކް ގޯޑް" ފިލްމުންވެސް އެނާ ފެނިގެންދާނެ އެވެ. މި ފިލްމުގައި ސިދާތްގެ އިތުރުން އަޖޭ ދޭވްގަން އާއި ރާކުލް ޕްރީތް ވެސް ފެނިގެންދާނެ އެވެ.

ޕްރޮފެޝަނަލް ދިރިއުޅުމާ އެއްވަރަށް ސިދާތްގެ ޕާސަނަލް ދިރިއުޅުމުގެ ވާހަކަތަކަށް ވެސް ދަނީ މިދުވަސްވަރު ބޮޑު ސަމާލުކަމެއް ލިބެމުންނެވެ. ރިޕޯޓުތައް ބުނާ ގޮތުން ސިދާތް އުޅެނީ "ޝޭރްޝާހް" ފިލްމުގައި އޭނާގެ ކޯ-ސްޓާ، ކިއާރާ އަދްވާނީ އާ ލޯބީގެ ގޮތުން ގުޅިގެންނެވެ.