ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ގެސްޓްހައުސްގެ ވިޔަފާރި ކުރަމުން އަންނަ ކާނި ހޮޓެލްސްގެ ކާނި ޕާމް ބީޗަށް އަގޯޑާގެ ގޯލްޑް ސާކަލް އެވޯޑު ތިން ވަނަ ފަހަރަށް ލިބިއްޖެ އެވެ.
މިއީ އަގޯޑާ ގޯލްޑް އެވޯޑް ކާނި ޕާމް ބީޗަށް ޖެހިޖެހިގެން ލިބުނު ތިން ވަނަ ފަހަރެވެ. މީގެ ކުރިން އެ އެވޯޑު 2021 އަދި 2022 ވަނަ އަހަރު އެވޯޑު ލިބިފައިވެ އެވެ.
އަގޯޑާއިން 2009 ވަނަ އަހަރު ތައާރަފް ކުރި ގޯލްޑް ސާކަލް އަކީ ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ ހިދުމަތާއި އަގޯޑާ އެކު އެންމެ ރަނގަޅު ޕާޓްނަޝިޕެއް ދަމަހައްޓަމުން އަންނަ ހޮޓާތަކަށް ދޭ އެވޯޑެކެވެ. މި އެވޯޑް ދެނީ ފަތުރުވެރިންނަށާއި ދިވެހިންނަށް ދޭ ހިދުމަތްތައް ރަނގަޅުވެފައި އަގޯޑާ އިން ހަދާ ބުކިންތައް ގިނަވީމަ އެވެ.
ކާނި ހޮޓެލްސްގެ ސީއީއޯ އަދި ނެޝަނަލް ހޮޓެލްސް އަދި ގެސްޓްހައުސް އެސޯސިއޭޝަންގެ ރައީސް އަބްދުﷲ ނަޝީދު (ކާނި އަބްދުﷲ) "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަގޯޑާ ގޯލްޑް އެވޯޑް ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ކާނި ޕާމް އަށް ލިބުމާ ގުޅިގެން ގެސްޓުންނަށް ހިދުމަތްދޭ އެ ކުންފުނީގެ ހުރިހާ މުވައްޒަފުންނަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.
ހަތަރު ތަރީގެ ކާނި ޕާމް ބީޗުގައި އެންމެ ޒަމާނީ 105 ކޮޓަރި ހުރެ އެވެ. ދެހާސް ވިހިވަނަ އަހަރު ހުޅުވި މި ހޮޓަލުގައި ރޫފް ޓޮޕް އިންފިނިޓި ޕޫލަކާއި ދެ ރެސްޓޯރެންޓާއި ސްޕާ އަކާއި ސެލޫނެއްގެ އިތުރުން 130 މީހުންގެ ޖާގައިގެ ކޮންފަރެންސް ހޯލެއް ހުރެ އެވެ. ކާނި ހޮޓެލްސްގެ ފަރާތުން މާފުށީގައި މިހާރު ވެސް ފަސް ގެސްޓްހައުސްއެއް ދަނީ ހިންގަމުންނެވެ. އަދި މާލޭގައި 26 އެނދުގެ ގެސްޓް ހައުސްއެއް ވެސް ހިންގަ އެވެ.
މިވަގުތު ކާނި ހޮޓެލްސްގެ ގެސްޓްހައުސްއަކާއި ހޮޓަލެއް ދަނީ އިމާރާތް ކުރަމުންނެވެ. އެއީ މާފުށީގައި އަޅާ 68 ކޮޓަރީގެ ގެސްޓްހައުސްއަކާއި އއ. އުކުޅަހުގައި އަޅާ 148 ކޮޓަރީގެ ސިޓީ ހޮޓަލެކެވެ.