ފަލަސްތީނުގައި އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމުގެ މައްސަލަ ދެކުނު އެފްރިކާ އިން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ހުށަހެޅުމުން ރާއްޖެ އިން މަރުހަބާ ކިޔައިފި އެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ގަތުލްއާންމު މަނާ ކުރުމާއި އެކަން ކުށްވެރިކުރުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާއާ އިޒްރޭލުން ދެކޮޅުވެފައިވާ ކަމަށް ބުނެ ސައުތު އެފްރިކާއިން މިދިޔަ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު އައިސީޖީއަށް މައްސަލަ ހުށަހެޅުމުން ރާއްޖެއިން އެކަމަށް މަރުހަބާ ކިޔާ ކަމަށެވެ.

އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި އެތައް ހާސް ފަލަސްތީނުގެ ރައްޔިތުން، ހާއްސަކޮށް އަންހެނުން އަދި ކުޑަކުދިން މަރުވެފައިވާ ކަމަށާއި މިއީ ބައިނަލްއަގުވާމީ ގާނޫނުތަކަށް ބެލުމެއް ނެތި، ގަތުލްއާންމު މަނާ ކުރާ މުއާހަދާއާ ދެކޮޅަށް ހިންގާ ޖަރީމާއެއް ކަމަށް ދިވެހި ސަރުކާރުން ދެކޭ ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

މި ބަޔާނުގައި ވަނީ ހަނގުރާމަ ހުއްޓާލުމަށާއި އެއްވެސް ހުރަހެއް ނެތި ފަލަސްތީނުގެ އާންމު ރައްޔިތުންނަށް އިންސާނީ އެހީ ވަގުތުން ފޯރުކޮށްދިނުމަށް ގޮވާލައިފަ އެވެ.

އިޒްރޭލުން ފަލަސްތީނަށް ހަމަލާދީ ހަނގުރާމަ އިއުލާންކުރީ މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އެވެ. އޭގެ ފަހުން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ގާޒާ އިން 21،672 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ އިރު މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. މި ހަނގުރާމައިގައި އިޒްރޭލު ސިފައިންގެ 170 މީހަކު ވަނީ މަރުވެފަ އެވެ.

ހަނގުރާމަ އަށް 85 ދުވަސް ވެފައިވާއިރު އިޒްރޭލުން އަންނަނީ ހަނގުރާމަ ހުއްޓާލާނީ ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތް ނެތިކޮށްލުމަށްފަހު ކަމަށް ބުނެފަ އެވެ. ހަމާސްގެ ބެލުމުގެ ދަށުގައި މިވަގުތު އިޒްރޭލުން 100 އަށް ވުރެ ގިނަ މީހުން ތިބިއިރު އެ ޖަމާއަތުން ވަނީ އެމީހުން ދޫކޮށްލާނީ އިޒްރޭލުން ހަމަލާތައް އެއްކޮށް ހުއްޓާލުމަށް އެއްބަސްވުމުން ކަމަށް ބުނެފަ އެވެ.

ސައުތު އެފްރިކާއަކީ ހަނގުރާމަ ފެށުނުފަހުން މިއަދާ ހަމައަށް ވެސް އެންމެ ބޮޑަށް އިޒްރޭލާ ދެކޮޅަށް އަޑުއުފުލާ އެއް ގައުމެވެ. އެގައުމުން ވަނީ ހަނގުރާމަ ހުއްޓައިލުމާ ހަމައަށް އެ ގައުމުގައި ހުންނަ އިޒްރޭލު އެމްބަސީ ވެސް ބަންދުކޮށް އިޒްރޭލާ އެކު އޮންނަ ޑިޕްލޮމެޓިކް ގުޅުން ވެސް ކަނޑާލައިފަ އެވެ.