މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފުރަތަމަ ކްރޫޒްލައިން އިންޑިއާގެ ގިނަ އަދަދެއްގެ ފަތުރުވެރިނާއެކު ރާއްޖެ އަތުވެއްޖެ އެވެ.
އިންޑިޔާގެ ކޮޗިން އިން ރާއްޖެއަށް ދަތުރުކުރި "ކޯސްޓާ ސެރީނާ" ނަމަކަށް ކިޔާ މި ކްރޫޒްލައިނާ މާލެއަށް ބަނދަރު ކޮށްފައިވަނީ މިއަދުގެ ހެނދުނު އެވެ. މިއީ އިޓަލީވިލާތުގެ ކްރޫޒްލައިނާއެކެވެ. މި ކްރޫޒްލައިނާގައި 2000 އެއްހާ ފަތުރުވެރިން ވަނީ ދަތުރުކޮށްފަ އެވެ. މި ކްރޫޒްލައިނާ ރާއްޖެއައިސްފައި ވަނީ އިންޑިއާގެ މުމްބާއީ އަދި ގޯއާ ފަދަ ސަރަހައްދުތަކުގައި ބަނދަރު ކުރުމަށްފަހުގަ އެވެ.
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އޭޖެންޓްސް (މާޔާ) އިން ބުނީ މިއަހަރުގެ މޭމަހާއި ހަމައަށް 14 ކްރޫޒްލައިނާއެއް ރާއްޖެއަށް ދަތުރު ކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އެގޮތުން މިމަހުގެ ތެރޭގައި ބ. އަތޮޅަށާއި މާލެ ސިޓީއަށް 2 ކްރޫޒްލައިނާއެއް ދަތުރު ކުރުމަށް ހަމަޖެހިފައިވާކަމަށްވެސް މާޔާއިން މަޢުލޫމާތުދީފައިވެ އެވެ.
ރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު ރާއްޖޭގެ ސަރަޙައްދުގައި ދުއްވުމާއި ބަނދަރުކުރުމާއި ބެހޭ ގަވާއިދަށް ކުރީގެ ސަރުކާރުން ހަދާފައިވާ ގަވާއިދުގެ ސަބަބުން ރާއްޖެ އަށް ކްރޫޒްލައިންތައް ގެނައުމަށް ދަތިތައް ކުރިމަތިވާ ކަމަށް ބުނެ މީގެކުރިން މާޔާ އިން ވަނީ ކަންބޮޑުވުންފާޅު ކޮށްފަ އެވެ. އެއާއެކު ސަރުކާރުން ވަނީ އެ ގަވާއިދު އިސްލާހު ކޮށްފަ އެވެ.
މިއަހަރު ރާއްޖޭގެ 2 މިލިއަން ފަތުރުވެރިން ގެނައުމަށް ސަރުކާރުން ވަނީ ކަނޑައަޅާފަ އެވެ.