ތުރުކީއޭ ބުނުމުން އަހަރުމެންނަށް ސިފަވަނީ އުސް އިމާރާތްތަކާއި ބައިބޯ މަގުތަކެވެ. އާސާރީ ބިނާތަކާއި "ހޮޓް އެއާ ބެލޫން"ގެ މަންޒަރު ތަކެވެ. ނަމަވެސް މިފަހަރު މިއޮތީ ތުރުކީގެ މުޅިން ތަފާތު މަންޒަރެކެވެ.

ޕްރިންސަސް އައިލެންޑްސްއަކީ ނުވަ ޖަޒީރާ ރަށުގެ މައްޗަށް އެކުލެވޭ ތުރުކީގެ ސަރަހައްދެކެވެ. މަރްމަރާ ސީގެ އޭޝިއާއާ ވީ ފަޅީގައި އެތުރިފައި އޮންނަ މި ރަށްތަކަކީ ފަތުރުވެރިންނަށް މުޅިން ތަފާތު އިހުސާސެއް ގެނުވައިދޭނެ ރަށްތަކެކެވެ.

އެންމެ މަޝްހޫރު އިންތަންބޫލްއިން ޕްރިންސަސް އައިލެންޑްގެ އެންމެ ބޮޑު ރަަށް ކަމަށްވާ ބުޔުކަޑައަށް ދާން ހޭދަވާނީ ގާތްގަނޑަކަށް 30 ވަރަކަށް މިނެޓެވެ. ފެރީއެއްގައި މަރްމަރާ ސީ ހުރަސް ކުރާއިރު ބަލާލަން ރީތި އެތައް މަންޒަރެއް ފެންނާނެ އެވެ.

އެރަށަށް އެރުމާއެކު ދެން ފެންނާނީ ތަފާތު މަންޒަރަކެވެ. ޒަމާނީ އުމްރާނީ ތަރައްގީއަށް މަޝްހޫރުވެފައިވާ ތުރުކީގެ އެ ސަރަހައްދުގެ އުމްރާނީ ތަރައްގީއިން ތުރުކީގެ ތަގާފަތް ވަރަށް ރީއްޗަށް ދައްކުވައިދެ އެވެ.

https://youtu.be/olILeq_Fw3c

ރަށުގެ މަގުތަކަށް ބަލާއިރު ފެންނާނީ އަމާން ކަމެވެ. އެ ރަށްތަކުގައި އިންޖީނުލީ އުޅަނދުފަހަރު ގެންގުޅުމަކީ މަނާ ކަމަކަށް ވާއިރު ދަތުރު ފަތުރުގެ ނިޒާމެއްގެ ގޮތުގައި އޮންނަނީ އަސް ގާޑިއާ އެވެ.

ޕްރިންސަސް އައިލެންޑްސްގެ ތެރެއިން އާބާދު ވެފައިވާ ހަތަރު ރަށުގައި ވެސް އާސާރީ ގިނަ ބިނާތަކާއި ދާރުލްއާސާރުތައް ހުރެ އެވެ. ތާރީހަށް ލޯބިކުރާ ފަރާތަކަށް މިއީ ހަމަ އެއްވަނަ އެވެ.

ކޮންމެ އަކަސް ޕްރިންސަސް އައިލެންޑްސްއަކީ އަހަރުމެން ދަންނަ ތުރުކީއާ މުޅިން ތަފާތު މަންޒަރެއް ކުރަހައިދޭނެ ތަނެކެވެ. މުޅިން އާ ތަޖުރިބާ ތަކެއް ކުރުވާނެ ތަނެކެވެ.