ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުން އަވަސްކުރަން އެ ގައުމުން އެއްބަސްވެއްޖެ އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ގެންދިއުމުގެ މަސައްކަތް "ފާސްޓް ޓްރެކް" ގައި ކުރިއަށް ގެންދަން އެ ގައުމުން އެއްބަސްވީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޮދީ ދުބާއީގައި ބޭއްވެވި ބައްދަލުވުމުގައި އެއްބަސްވެވަޑައިގެންނެވި ގޮތަށް އުފައްދާފައިވާ "ހައި ލެވެލް ކޮމިޓީ" ގެ މިއަދުގެ ބައްދަލުވުމަށް ފަހު ކަމަށެވެ.

އެ ބައްދަލުވުމުގައި ރާއްޖެ އާއި އިންޑިއާގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ފުޅާދާއިރާއެއްގައި މަޝްވަރާ ކުރެވުނު ކަމަށް އެ ބަޔާނުގައިވެ އެވެ.

އަންނަ މާޗް މަހުގެ ކުރިން އިންޑިއާގެ ސިފައިން ރާއްޖެއިން ފޮނުވާލުމަށް ރައީސް މުއިއްޒު ވަނީ އެދިވަޑައިގެންފަ އެވެ.

ސަރުކާރުން އެންމެ ފަހުން ހާމަކުރި ގޮތުގައި ރާއްޖޭގައި މިވަގުތު އިންޑިއާގެ 88 ސިފައިން އެބަތިއްބެވެ. އެ ސިފައިން ތިބީ ހެލިކޮޕްޓަރު ދުއްވުމާއި އޭގެ އެކި އެކި މަސައްކަތް ކުރުމުގެ ނަމުގަ އެވެ.