ރާއްޖެއިން ބޭރުން ސިއްހީ ފަރުވާ ހޯދުމަށް އާސަންދައިގެ ދަށުން ދެވޭ ޚިދުމަތް އިތުރަށް ފުޅާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ނިންމެވުމާ އެ ކުންފުނިން ދެކޮޅު ކަމަށް ބުނެ ދެކެވޭ ވާހަކަ އެ ކުންފުނިން ދޮގުކޮށްފި އެވެ.

އާސަންދަ ޚިދުމަތް އެހެން ގައުމުތަކަށް ފުޅާކުރުމާ އެ ކުންފުނިން ދެކޮޅު ކަމަށް ބުނާ ވާހަކަ ދޮގުކޮށް އެ ކުންފުނިން ނެރުނު ބަޔާނުގައި ބުނީ އެއީ ހަގީގަތް އޮޅޭ ގޮތަށް ރައްޔިތުންނަށް އޮޅުވާލަން ފަތުރަމުންދާ ވާހަކަތަކެއް ކަމަށެވެ.

"އެގޮތަށް ލިޔެފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި މެމްބަރަކު ކުރި ސުވާލުގެ ޖަވާބުގައި މި ޚިދުމަތް އެހެން ގައުމުތަކަށް ފުޅާކުރުމުގެ ވިސްނުމެއް އޭރު ނެތް ކަމަށް ކުންފުނީގެ އެމްޑީ ވިދާޅުވުމުގެ މަހްފޫމް އޮޅޭ ގޮތަށް،" ބަޔާނުގައިވެ އެވެ.

އާސަންދައިން ބުނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އެހެން ވިދާޅުވި އިރު، އެހެން ގައުމުތަކަށް އާސަންދަ ޚިދުމަތް ފުޅާކުރުމުގެ ޕްލޭނެއް ސަރުކާރުގެ ނެތް ކަމަށެވެ. އެކަމަކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެކަން އިއުލާން ކުރެއްވުމާއި އެކު ކަމާ ބެހޭ އިދާރާތަކާ އެކު އެ މަސައްކަތް ފަށާފައިވާ ކަމަށް ބަޔާނުގައިވެ އެވެ.

މިވަގުތު ރާއްޖެ ނޫން ގައުމުތަކުން ސިއްހީ ޚިދުމަތް ހޯދުމަށް އާސަންދައިން އެހީ ލިބެނީ އަވައްޓެރި އިންޑިއާ އަދި ސްރީ ލަންކާއިން އެކަންޏެވެ. އޭގެ ތެރެއިން ވެސް ގިނަ ބަޔަކު ބަރޯސާ ވަނީ އިންޑިއާއިން ލިބޭ ޚިދުމަތްތަކަށެވެ. އެގޮތުން ކެންސަރު ބަލީގެ ފަރުވާ ފަދަ ބޮޑެތި ކަންކަމަށް އެންމެން ވެސް އާސަންދައިގެ ދަށުން ދަނީ އިންޑިއާ އަށެވެ.

މި ސަރުކާރާއި އިންޑިއާ ސަރުކާރާއި ދެމެދު އުފެދިފައިވާ ދެބަސްވުންތަކުގެ އަސަރު މިކަމަށްކޮށް، އާންމު ރައްޔިތުންގެ ބޭސްފަރުވާއަށް މިކަމުގެ ސަބަބުން ބުރޫ އަރާނެ ކަމުގެ ކަންބޮޑުވުން އުފެދިފައި ވަނިކޮށް ރައީސް މުއިއްޒު ވަނީ މި ޚިދުމަތް އެހެން ގައުމުތަކަށް ފުޅާކުރަން ނިންމާފައިވާ ކަން އިޢުލާން ކުރައްވައިފަ އެވެ. އެގޮތުން އެ ޚިދުމަތް ފުޅާކުރުމަށް ނިންމާފައި ވަނީ ތައިލެންޑް އަދި ދުބާއީ އަށެވެ.