ގުޅިފަޅާއި ގިރާވަރާއޮ ހުޅުމާލެ ހިއްކައިގެން ދޭ ގޯތިތަކުގެ ތެރެއިން މިހާތަނަށް ނުހިއްކާ ހުރި ބިންތަކުން ގޯތި ލިބޭ މީހުންނަށް، އެ ތަން ހިއްކާ ނިމުމުން ރަޖިސްޓްރީ ލިބޭނެކަން ޔަގީންކޮށްދިނުމުގެ ގޮތުން ލިޔުމެއް ދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

"މާލޭގެ ބިންވެރިންގެ ސައްލާ" ގައި ހުޅުމާލެ ރައްޔިތުންގެ ކޮމިޓީ އާއި މާލެ ރަށްވެހިންގެ ޖަމިއްޔާ އާއި ގުޅިފަޅު ރައްޔިތުންގެ އެސޯސިއޭޝަން އަދި ގިރާވަރު މާލެ ސިޓިޒަން އެސޯސިއޭޝަނުން ކަނޑައަޅާފައިވާ މަންދޫބު ސުނާދު ލަތީފު ރޭ ވިދާޅުވީ ނުހިއްކާ ހުރި ބިންތަކުން ބިން ލިބޭނެ ކަމަށް ގެޒެޓުގައި އިއުލާނުކޮށްފައިވާ މީހުންނަށް ލިޔުމެއް ލިބުމަކީ މުހިންމު ކަމެއް ކަމަށް ރައީސް މުއިއްޒު ދެކެވަޑައިގަންނަވާ ކަމަށެވެ.

"ބިން ހިއްކައި ނިމުމުން ރެޖިސްޓްރީގައި ކޯޑިނޭޓްތައް ހިމަނައި ހަވާލުކުރެވޭނެ ވާހަކަ ހިމެނޭ ގޮތަށް ރަސްމީ ލިޔުމެއް މި ސަރަހައްދުތަކުން ބިން ލިބުނު ފަރާތްތަކަށް ދިނުމުގެ މަސައްކަތް އިނީޝިއޭޓު ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި،" ސުނާދު ވިދާޅުވި އެވެ.

ސުނާދު މިދިޔަ ބުރާސްފަތި ދުވަހު ވަނީ ރައީސް މުއިއްޒާ އެކުގައި ރައީސް އޮފީހުގައި ބައްދަލު ކުރައްވައިފަ އެވެ.

ސުނާދު ވިދާޅުވީ ބިންތަކުގެ ރަޖިސްޓްރީ ހަވާލުކުރުމުގެ ކަންކަން ވީ އެންމެ އަވަހަކަށް ކުރެވެން އޮތް ގޮތެއް ބަލައި އެގޮތަކަށް އެކަން ކުރާނެކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ ހުޅުމާލެ ދެވަނަ ފިޔަވައްސާއި އަލަށް ހިއްކާ ހުޅުމާލެ ތިން ވަނަ ފިޔަވައްސާއި ގުޅިފަޅާއި ގިރާވަރުފަޅުން 9،000 އަށް ވުރެ ގިނަ ގޯތި ދޭން ނިންމައިފަ އެވެ. އޭގެ ތެރެއިން ގިނަ މީހުންނަށް ރަޖިސްޓަރީ އަދި ބައެއް މީހުންނަށް ބިންތައް ވެސް ހަވާލު ކުރި އެވެ. އެކަން މެދުކެނޑުމަށް ފަހު، އަލުން އަނެއްކާ ވެސް ވަނީ ރަޖިސްޓްރީ އާއި ބިން ދޭން ފަށައިފަ އެވެ.

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް ރޭ ވިދާޅުވީ ލޭގެ ރައްޔިތުންނަށް ގޯތިތައް ދިނުމަށް ނިންމާފައިވާ ސަރަހައްދުތަކުގައި މީހުން އާބާދުކޮށް ދިރިއުޅެން ފެށޭވަރު ކުރުމަށްޓަކައި މުހިންމު ކަންތައްތަކެއް އަދިވެސް ކުރަން އެބަހުރި ކަމަށެވެ. އެގޮތުން ރަޖިސްޓްރީ ހަވާލު ކުރުމާއި ބިންތަކުގެ ބޮޑު ބައެއް ހިއްކައި، ފުރިހަމަ ކުރުމާއި ފެނާއި ނަރުދަމާ، މަގުތަކާއި ކަރަންޓު ފަދަ އަސާސީ ހިދުމަތްތަކާއި ދަތުރުފަތުރު ކުރެވޭނެ ވަސީލަތް ގާއިމު ކުރަން ޖެހޭ ކަމުގައި ވިދާޅުވި އެވެ.

ފިރުޒުލް ވިދާޅުވީ މި ހަތަރު މަސައްކަތް ވެސް އެކުއެކީގައި އެއްވެސް ހުއްޓުމެއް ނެތި ހިނގަމުންދާ ކަމަށެވެ.

އެ ތަންތަން ހިއްކުމުގެ މަސައްކަތް ބާރަށް ހިނގަމުން އެބަދޭ. ގިރާވަރުފަޅުން މިހާތަނަށް 50 ނުވަތަ 54 ހެކްޓަރު ހިއްކައި ނިންމާފައި ވަނީ. ގުޅީފަޅުން ގާތްގަނޑަކަށް 94 ހެކްޓަރު ނިންމާފައި ވަނީ. ހުޅުމާލެ ފަޅުން ވެސް އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުން ދެވަނަ ސެގްމަންޓްގެ ހިއްކުމުގެ ބައި ކުރިއަށް އެ ދަނީ. އެއްވެސް މަސައްކަތެއް ހުއްޓުމެއް ނެތި، ހިއްކުމުގެ ބައި ކުރިއަށް އެބަދޭ،" ފިރުޒުލް ވިދާޅުވި އެވެ.