އަލް މަދީނާ އިންވެސްޓްމަންޓަކީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އުފެއްދި ކުންފުންޏެއް. އެ ކުންފުނީގެ ހިއްސާދާރެެއްގެ ގޮތުގައި ޝަހީމްގެ ދަރިކަލުން އަބްދުﷲ މާހިލް ޝަހީމް މިހާރު ވެސް ހިމެނޭ. ޝަހީމް މިނިސްޓަރަކަށް ވުމަށްފަހު މިދިޔަ ނޮވެމްބަރު މަހު އެ ކުންފުނީގެ ހިއްސާ ވަނީ އަހުސަނާއި އިސްލާމީ މަރުކަޒުގެ އިމާމް ލަތީފަށް ބަދަލުކޮށްފައި.

އިސްލާމިކް މިނިސްޓަރުގެ ދަރިކަލުންނާއި އިސްލާމިކް މިނިސްޓަރުގެ ނައިބު އަލީ އަހުސަން އާއި އިސްލާމީ މަރުކަޒުގެ އިމާމް މުހައްމަދު ލަތީފްގެ ހިއްސާ އޮންނަ ކުންފުންޏަކަށް ސްކޫލެއް ހިންގަން ހުޅުމާލެއިން ބިމެއް ދީފި އެވެ.

އެޗްޑީސީން ވަނީ އެ ތިން ބޭފުޅުންގެ ހިއްސާ އޮންނަ އަލް މަދީނާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރިކަން މިއަދު ވަނީ ހާމަކޮށްފަ އެވެ. މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދެވެ. މަދީނާ އިންވެސްޓްމަންޓްގެ ފަރާތުން ސޮއިކުރެއްވީ ޑރ. ޝަހީމްގެ ގާތް އެކުވެރިޔާ އަދި އިސްލާމިކް މިނިސްޓަރުގެ ނައިބު އަހުސަނެވެ.

އަލް މަދީނާ އިންވެސްޓްމަންޓަކީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އުފެއްދި ކުންފުންޏެކެވެ. ނަމަވެސް ފަހުން އެ އެ ކުންފުނީގެ ޑރ. ޝަހީމް ހިއްސާ ވަނީ އިސްލާމީ މަރުކަޒުގެ އިމާމް މުހައްމަދު ލަތީފަށާއި އަހުސަނަށް މިދިޔަ އަހަރުގެ ނޮވެމްބަރު 22 ގައި ބަދަލުކޮށްފަ އެވެ. ޝަހީމްގެ ހިއްސާ ބަދަލުކުރި ނަމަވެސް އެ ކުންފުނީގެ ހިއްސާދާރެެއްގެ ގޮތުގައި ޝަހީމްގެ ދަރިކަލުން އަބްދުﷲ މާހިލް ޝަހީމް ހިއްސާ އޮކްޓޯބަރު 14، 2021 އިން ފެށިގެން އޮވެ އެވެ.

މި ކުންފުނީގެ ދަށުން މާލޭގައި ކޮއްކޮމެން ޕްރީ ސްކޫލް ނަމުގައި ޕްރީ ސްކޫލެއް ހިންގަ އެވެ.

އެޗްޑީސީން ވަނީ އެ ސްކޫލް އެޅުމަށް މިދިޔަ އަހަރުގެ މެއި 14 ވަނަ ދުވަހު އަލް މަދީނާ އިންވެސްޓްމަންޓާއެކު ފްރޭމްވާކް އެގްރީމަންޓެއްގައި ސޮއިކޮށްފަ އެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވި ދުވަސްވަރު ޑރ. ޝަހީމް ޕީޕީއެމްގެ އެޑްވައިޒަރަށް ހުންނެވި ނަމަވެސް އެ ޕާޓީއާ މެދު ހިތްހަމަނުޖެހިގެން އޭރު ހުންނެވީ އެ ޕާޓީގެ ހަރަކާތްތަކުން ދުރުވެގެންނެވެ.

އެޗްޑީސީން ޑރ. ޝަހީމްގެ ދަރިކަލުންގެ ކުންފުންޏަށް ހުޅުމާލެއިން ބިމެއްް ދިނީ ކޮން އުސޫލަކުން ކަމެއް އަދި ކިހާ ބޮޑު މިނެއްގެ ބިމެއް ކަމެއް ހާމައެއް ނުރެ އެވެ.

އެޗްޑީސީގެ މީޑިއާ އޮފިޝަލް އަލީ މަޝާރު ވިދާޅުވީ މި އެއްބަސްވުމާ ގުޅޭ ހަބަރެއް އެ ކުންފުނިން މީޑިއާތަކަށް ފޮނުވާނެ ކަމަށެވެ.