ރިސޯޓުތަކުގައި ބިދޭސީ މުވައްޒަފުން ގެންގުޅެން ކަނޑައަޅާފައިވާ އަދަދު 70 ޕަސެންޓަށް މަތިކޮށްދޭން ރިސޯޓު ވިޔަފާރިވެރިންގެ ޖަމިއްޔާ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީސް (މަޓީ)އިން ޓޫރިޒަމް މިނިސްޓްރީގައި އެދިއްޖެ އެވެ.

"ޕީޕަލް ފަސްޓް އެޗްއާރް ކޮންސަލްޓެންސީ" އިން ހެދި ދިރާސާއަކާ ހަވާލާދީ މަޓީ އިން ބުނީ 2023-2027 އާ ހަމައަށް ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް ބޭނުންވާ ވަރަށް ރާއްޖޭގައި ވަޒީފާ އަދާކުރާ މީހުން ނެތް ކަމަށެވެ. އެ އިންޑަސްޓްރީ އަށް 2027 ވަނަ އަހަރު 78،000 މުވައްޒަފުން ބޭނުންވާ އިރު އޭގެ ތެރެއިން ދިވެހި މުވައްޒަފުންގެ ގޮތުގައި އުފެއްދޭނީ 18،000 މީހުން ކަމަށް ވެސް އެ ދިރާސާ އިން އެނގެ އެވެ.

ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި މި ވަގުތު 40،000 މުވައްޒަފުން މަސައްކަތް ކުރެ އެވެ. އޭގެ ތެރެއިން ދިވެހިންގެ އަދަދަކީ ގާތްގަނޑަކަށް 15،000 އެވެ.

މިދިރާސާ އާއި ހަވާލާދީ މަޓީއިން ވަނީ ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ބިދޭސީގެ އަދަދު މަތިކޮށްދިނުމަށް މިނިސްޓްރީގައި އެދިފަ އެވެ.

މިކަމާއި ގުޅޭ ގޮތުން ޓޫރިޒަމް މިނިސްޓްރީން ބުނީ މަޓީން ހުށަހަޅާފައި ވަނީ ބިދޭސީ މުވައްޒަފުން 70 ޕަސެންޓަށް އިތުރުކޮށް އަދި ދިވެހި މުވައްޒަފުން ގެންގުޅުމަށް ލާޒިމުކުރާ އަދަދު 30 ޕަސެންޓަށް ދަށް ކޮށްދޭން ކަމަށެވެ. އެކަމާ ގުޅިގެން ހަޔާ އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން، ދިވެހި މުވައްޒަފުންގެ ރޭޝިއޯ އަށް ގެންނާނެ ބަދަލުތައް ދެނެގަތުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނިގޮތުގައި، ސަރުކާރުގެ އަމާޒަކީ، ދިވެހި މުވައްޒަފުންގެ އަދަދު ޓޫރިޒަމް ދާއިރާގައި އިތުރު ކުރުމެވެ. އެހެންވެ، އުސޫލަށް ބަދަލުގެންނާނީ ދިވެހިންނަށް އެންމެ ރަނގަޅު ގޮތެއް ބެލުމަށް ފަހު ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.

ޓޫރިޒަމް މިނިސްޓްރީގެ މިހާރުގެ އުސޫލުގައިވާ ގޮތުން ރިސޯޓެއްގައި ވަޒީފާ އަދާކުރާ މީހުންގެ 55 ޕަސެންޓާ ހަމަ އަށް ބިދޭސީން ގެންގުޅެވެ އެވެ. މި އުސޫލު އޮތް ނަމަވެސް، ކަނޑައަޅާފައިވާ ރޭޝިއޯ އަށް ވުރެ އިތުރަށް ރިސޯޓުތަކުގައި ބިދޭސީން މަސައްކަތް ކުރެ އެވެ.

ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން 36،885 މީހުންނަކީ ބިދޭސީންނެވެ. ދިވެހިންގެ އަދަދަކީ 15،597 އެވެ. މި އަދަދުތަކުން ހިސާބުކުރާ އިރު މިހާރު ވެސް ރިސޯޓުތަކުގައި މަސައްކަތް ކުރާ ބިދޭސީންގެ ނިސްބަތް 70 ޕަސެންޓަށް އަރަ އެވެ