ރާއްޖޭގައި ބޭނުންކުރާ މަޝްހޫރު މީޑިއާ އެޕްލިކޭޝަންގައި ޕްރީމިއަމް ފީ ދެއްކުމަށް އެމް-ފައިސާ ހިމަނައިފި އެވެ.

އުރީދޫ މޯލްޑިވްސް އާއި ބައިސްކޯފުގެ މި އެއްބަސްވުމާއެކު، ކަސްޓަމަރުންނަށް ފަސޭހަ ކަމާ ރައްކާތެރިކަމާއެކު އެމް-ފައިސާ ބޭނުން ކޮށްގެން ބައިސްކޯފު ޕޭމަންޓް ދައްކާލެވޭނެ އެވެ.

މިއީ ބައިސްކޯފުގެ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު މަގުބޫލު ކޮންޓެންޓް ފޯރުކޮށްދިނުމަށް ބައިސްކޯފުން ދޭ މުހިންމުކަން ރަމްޒު ކޮށްދޭ ކަމެކެވެ.

"އުރީދޫ އާ ބައިސްކޯފާއެކު މި ވެވުނު އެއްބަސްވުމަކީ އަދި ހަމަ ފެށުމެއް. ބައިސްކޯފަކީ ރާއްޖޭގައި ދިވެހިން އުފައްދާފައިވާ ލޯކަލް ކޮންޓެންޓް ބެލުމަށް އެންމެ މަގުބޫލު އެޕްލިކޭޝަން. އަޅުގަނޑުމެންގެ މި ޕާޓްނާޝިޕާއެކު ކުރިއަށް އޮތްތަނުގައި ކަސްޓަމަރުންނަށް އެކި ކަހަލަ އުފާވެރި ހަބަރު ތައް ލިބިގެންދާނެ،" އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވި އެވެ.

ބައިސްކޯފު އެޕްލިކޭޝަންއަކީ އައިއޯއެސް އަދި އެންޑްރޮއިޑް ފޯނުތަކާއި ޓެބްލެޓްތައް މެދުވެރިކޮށް ދިވެހިންގެ މަގުބޫލު ފިލްމް، ޑްރާމާ، މިއުޒިކް ވީޑިއޯ ބަލާލެވޭ އެޕްލިކޭޝަނެކެވެ.

ބައިސްކޯފުގައި ރާއްޖޭގެ އިހުގެ މަޝްހޫރު ޝޯތަކާއި މިހާރުގެ އާ އޮރިޖިނަލް ކޮންޓެންޓް ބަލާލެވޭނެ އެވެ. ކޮންމެ ބޭފުޅަކުވެސް ބަލަން ބޭނުންވާ ފަދަ ކޮންމެސް ކޮންޓެންޓެން ބައިސްކޯފުން ލިބިގެންދާނެ އެވެ.