އިންޑިއާއިން ކޮވިޑް-19ގެ ކޭސްތަކުުގެ އަދަދު 4.75 މިލިއަން ފަހަނަޅާފައި ވަނިކޮށް، އިމަޖެންސީކޮށް ވެކްސިނެއް ބޭނުންކުރުމުގެ ހުއްދަ ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެފި އެވެ.

މި ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ އުމުރުން ދުވަސްވީ މީހުންނަށާއި ނުރައްކާތެރި މާހައުލުތަކުގައި މަސައްކަތް ކުރާ މީހުންނަށް ކަމަށެވެ.

އިންޑިއާއިން ކޮވިޑް-19 ޖެހިގެން މި މަހުގެ ތެރޭގައި ދުވާލެއްގެ މައްޗަށް 1000 އަށް ވުރެ ގިނަ މީހުން މަރުވެ އެވެ. އަދި ޖުމްލަ މަރުވި މީހުންގެ އަދަދު ވަނީ 78،586 އަށް އަރާފަ އެވެ. އެމެރިކާއަށް ވުރެ އިންޑިއާގައި ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު މަދުވިޔަސް، މަރުވާ މީހުންގެ ރޭޓް އިތުރެވެ. އަދި އިންޑިއާއިން މިހާރު ދަނީ އެމެރިކާއަށްވުގެ ގިނައިން ދުވާލެއްގެ މައްޗަށް ކޭސްތައް ރިޕޯޓުކުރަމުންނެވެ.

"އިންޑިއާއިން މިހާރު ދަނީ ކޮވިޑް-19ގެ ވެކްސިނެއް ބޭނުންކުރުމަށް އިމަޖެންސީ ހުއްދައެއް ހޯދުމަށް މަސައްކަތް ކުރަމުން،" އެ ގައުމުގެ ހެލްތު މިނިސްޓަރު ހަރްޝް ވަރްދަން ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ފޭސް ތިނެއްގެ ޓެސްޓްތަކުގެ މުއްދަތު ކުރުކޮށް، ވެކްސިން ބޭނުން ކުރުމުގެ އިމަޖެންސީ ހުއްދައަަކަށް އެދެވިދާނެ އެވެ. އެހެން ނަމަވެސް ކްލިނިކަލް ޓެސްޓްތަކުގައި އެއްވެސް ވަރަކަށް ދޫނުދޭނެ ކަމަށާއި ސަރުކާރުން ވެކްސިނެއް ބޭނުން ކުރުމަށް ހުއްދަ ދޭނީ އޭގެ ރައްކާތެރިކަން ކަށަވަރުކޮށްފައި ކަމަށް ހަރްޝް ވިދާޅުވި އެވެ.

ވެކްސިން ލޯންޗް ކުރާނެ ތާރީހެއް އިއުލާނުކޮށްފަިއ ނުވި ނަމަވެސް ހަރްޝް ވިދާޅުވި ގޮތުގައި އެންމެ ފަހު މަރުހަލާގެ ޓެސްޓްތަކުގެ ނަތީޖާތައް 2021 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބޭނެ ކަމަށެވެ. -އަލް އަރަބިއާ