ރާއްޖޭގައި ހެލްކޮޕްޓަރުގެ ހިދުމަތް އަލުން ފަށަން ސަރުކާރުން ނިންމައިފި އެވެ.

ވަޒީރުންގެ މަޖިލީހުގައި ނިންމި ނިންމުންތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައި ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް ވިދާޅުވީ ހެލިކޮޕްޓަރުގެ ހިދުމަތް އަލުން ފަށަނީ އަވަސް ސިއްހީ ފަރުވާ ބޭނުންވާ މީހުން އެއްތަނުން އަނެއް ތަނަށް ގެންދިއުމާއި ގެއްލޭ މީހުން ހޯދުމުގެ މަސައްކަތްތަކަށް ކަމަށެވެ.

އެ މަސައްކަތަށް ދެ އިންޖީނުލީ ހެލިކަޕްޓަރު ބޭނުން ކުރުމަށާއި، އެ ޚިދުމަތް ފޯރުކޮށް ދޭނީ ވާދަވެރި ބީލަމަކަށް ހުޅުވާލުމަށް ފަހު، ފަސް އަހަރާއި ހަތް އަހަރާ ދެމެދުގެ މުއްދަތަކަށް ހަވާލުކޮށްގެން ކަމަށް ނާޒިމް ވިދާޅުވި އެވެ.

ހެލިކޮޕްޓަރުގެ ހިދުމަތް ފަށައިގަންނަން ބޭނުންވާ އެ ދާއިރާގެ ކޮންސަލްޓަންޓަކު ހޯދުމަށާއި ރެގިއުލޭޓަރީ މަސައްކަތްތައް ބައިނަލްއަގުވާމީ މިންގަނޑަށް ކުރުމަށްޓަކައި ސިވިލް އޭވިއޭޝަން އޮތޯރިޓީއަށް އިތުރަށް ބޭނުންވާ އޮފީސް ޖާގައެއް ހަމަޖެއްސުމަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށް ވެސް ސަރުކާރުން ނިންމާފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.

މީގެއިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ހެލިޕޯޓަކަށް ޖާގަ ހަމަޖެއްސުމާއި އިތުރު ސަރަހައްދެއްގައި ހެލިޕޯޓެއް ގާއިމުކުރަން ޖެހޭ ނަމަ، ކުރަން ޖެހޭ ކަންކަން ކުރަން ވެސް ވަޒީރުންގެ މަޖިލިހުން ނިންމާފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.

"ހެލިކޮޕްޓަރު މަސައްކަތް ފަށައިގަތުމަށް ބޭނުންވާ މި ދާއިރާގެ ތަޖުރިބާކާރަކު، ކޮންސަލްޓަންޓަކު ހޯދުމަށާއި ރެގިއުލޭޓްރީ ކަންކަން ބައިނަލްއަގުވާމީ މިންގަނޑަށް ކުރުމަށްޓަކައި ސިވިލް އޭވިއޭޝަން އޮތޯރިޓީ އަށް އިތުރަށް ބޭނުންވާ އޮފީސް ޖާގަ ހަމަޖެއްސުމަށް ބޭނުންވާ ފައިސާ ހަމަޖެއްސުން،" ނާޒިމް ވިދާޅުވި އެވެ.

މީގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހެލިޕޯޓަކަށް ޖާގަ ހަމަޖެއްސުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް ވެސް ވަނީ ނިންމާފަ އެވެ. އަދި އިތުރު ސަރަހައްދެއްގައި ހެލިޕޯޓެއް ހަދަންޖެހޭ ކަމަށް ފާހަގަ ކުރެވޭ ނަމަ އެކަމަށް ކުރަންޖެހޭ ކަންކަން ކުރިއަށްގެންދަން ވެސް ސަރުކާރުން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ސިވިލްއޭވިއޭޝަންގެ އޮތޯރިޓީގެ އޮނިގަނޑު އިސްލާހު ކުރުމާއި އެ ދާއިރާއަށް ޝައުގުވެރިކަން ކުރުވަން މުސާރައިގެ އޮނިގަނޑަށް ބަދަލުތަކެއް ގެނައުމަށް ވެސް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމާފަ އެވެ.

ހެލިކޮޕްޓަރުގެ ހިދުމަތް ރާއްޖޭގައި އަލުން ފަށަން ނިންމާފައިވާއިރު މީހުން ހޯދުމާއި ބަލި މީހުން އުފުލުގައި މީގެކުރިން ބޭނުންކޮށްފައިވަނީ އިންޑިއާ އިން ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓެވެ.

ރާއްޖޭގައި މީގެ ތޭވީހަކަށް އަހަރު ކުރީން ވެސް ހެލްކޮޕްޓަރުގެ ހިދުމަތް ދިނެވެ. ހަމިންބާޑް އައިލެންޑް އެއާވޭސް ކުންފުނިން ދެމުން ދިޔަ އެ ހިދުމަތް ހުއްޓާލަން ޖެހުނީ ހެލްކޮޕްޓަރު ވެއްޓުމުގެ ދެ ހާދިސާއެއް ހިނގާ ގިނަ ބަޔަކު މަރުވުމާއި ގުޅިގެންނެވެ.