މިދިޔަ ހުކުރު ދުވަހު އެމްޕީއެލް ސަރަހައްދުގައި ހިނގި އެކްސިޑެންޓެއްގައި ޓާފް ރޯލެއްގެ ދަށުވެ އަނިޔާވި މީހާގެ ހާލު ސީރިއަސް ކަމަށާއި އަދި އަދިވެސް އޮތީ އައިސީޔޫގައިކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

އައިޖީއެމްއެޗްގެ މީޑީއާ އޮފިޝަލް "ހުރިހާ"އަށް ވިދާޅުވީ އެ މީހާގެ ހާލަތު އަދިވެސް ސީރިއަސްކަމަށާއި ފަރުވާދެމުންދަނީ އައިސީޔޫގައި ކަމަށެވެ. ނަމަވެސް އެ މީހާއަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް ހިއްސާކޮށްފައެއް ނުވެ އެވެ.

ކެރޭނެއް ބޭނުއްކޮށްގެން ދޯންޏަކަށް މުދާ އަރުވަނިކޮށް ހިނގި މިހާދިސާގައި އަނިޔާވެފައި ވަނީ ހދ. ނޮޅިވަރަމް، ނައިޓްޑްރީމް، އުމުރުން 28 އަހަރުގެ އިމްރާން އަލީ އަށެވެ. މިހާދިސާގައި އޭނައަށް ބޮޑެތި އަނިޔާތަކެއް ވެފައިވާއިރު ގިނަ އޮޕަރޭޝަންތަކެއް ކޮށްފައިވެ އެވެ.

އެމްޕީއެލްއިން ބުނިގޮތުގައި އެކުންފުނީގެ އެކްސިޑެންޓް އެންޑް އިންވެސްޓިގޭޝަން ކޮމިޓީއިން މި ހާދިސާ ހިނގިގޮތް މިހާރު ދަނީ ތަހުގީގުކުރަމުންނެވެ. އަދި ވަކިގޮތެއް އަންގަންދެން އެ އޮޕަރޭޝަނާ ގުޅުންހުރި މީހުން މިހާރު ވަނީ ސަސްޕެންޑްކޮށްފައި ކަމަށް ވެސް އެމްޕީއެލްއިން ބުންޏެވެ.

މިދިޔަ މަހުގެ ތެރޭގައި އެމްޕީއެލް ސަރަހައްދުގައި މަސައްކަތްކުރަމުން ދިޔަ މީހަކަށް އަނިޔާވެ އެ މީހާ ވަނީ އައިޖީއެމްއެޗްގައި ފަރުވާދެމުންދަނިކޮށް މަރުވެފަ އެވެ. އެމްޕީއެލްއިން ބުނާގޮތުގައި މާލޭ ވިޔަފާރި ބަނދަރުގެ ސަލާމަތާއި ރައްކާތެރިކަން ހަރުދަނާކުރުމަށް ގަވާއިދުތަކާ އުސޫލުތަކަށް ބަދަލުގެނައުމުގެ މަސައްކަތްދަނީ ކުރަމުންނެވެ.