މިދިއަ އަހަރު އެސްޓީއޯގެ ޖުމްލަ ސާފު ފައިދާ 819 މިލިއަން ރުފިޔާއަށް އަރައިފި އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ އެންމެ ބޮޑު ވިޔަފާރި ކުންފުނި، އެސްޓީއޯއަށް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި 183 މިލިއަން ރުފިޔާގެ ފައިދާއެއް ލިބުނު ކަމަށް މާލީ ހިސާބުތަކުން ދައްކަ އެވެ.

އެސްޓީއޯއިން އިއްޔެ ވަނީ އެ ކުންފުނީގެ 2023 ވަނަ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގެ މާލީ ހިސާބުތައް އާންމުކޮށްފަ އެވެ. އެ ހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެސްޓީއޯއަށް ޖުމްލަ 4 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނެވެ.

އެ ކުންފުނީގެ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ ރިޕޯޓުން ދައްކާ ގޮތުގައި މިދިޔަ އަހަރު އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 16.4 ބިލިއަން ރުފިޔާ ލިބުނެވެ. މިއީ އޭގެ ކުރީ އަހަރުގައި ލިބުނު 18.2 ބިލިއަން ރުފިޔާއަށް ވުރެ 1.8 ބިލިއަން ރުފިޔާ މަދު އަދަދެކެވެ.

އެސްޓީއޯއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއެކު ކުންފުނިން ވިއްކަމުން ދިޔަ ތެލުގެ އަގު ދަށްކުރުމުން އެ ވިޔަފާރިން ލިބުނު އާމްދަނީ ދަށްވުން ކަމަށެވެ. އެހެން ނަމަވެސް ކުންފުނިން ވިކުނު ތެލުގެ އަދަދު އިތުރުވުމާއި ކުންފުނިން ކުރަމުން ގެންދާ އެހެނިހެން ވިޔަފާރިތައް ކުރިއަރާ ރަގަޅުވުމާއެކު، ޖުމްލަ ފައިދާ 2.7 ބިލިއަން ރުފިޔާ ލިބުނު ކަމަށް އެ ކުންފުނިން ބުންޏެވެ.

އޭގެ އިތުރުން ކުންފުނީގެ މައިގަނޑު ވިޔަފާރިތަކަށް އިސްކަންދީގެން ކުންފުނި ހަރުދަނާ ކުރުމުގެ އެކިއެކި މަސައްކަތްތައް ކުރެވެމުން އަންނަ ކަމަށް އެސްޓީއޯއިން ބުންޏެވެ. އަދި ކުންފުނީގެ ބެލެންސް ޝީޓް ރީސްޓްރަކްޗާ މަސައްކަތުގެ ތެރެއިން ކުންފުނީގެ އެސެޓްތަކުގެ އަގުމަގު ކުރުމުގެ ގޮތުން މިހާރުގެ އަގަށް އަގުކުރުމަށް ފަހު އެސެޓްތަކުގެ އަގު ބަދަލުކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.

އެސްޓީއޯއިން ކުރި އަނެއް ކަމަކީ އަދި ތެލުގެ ބާޒާރުގައި އަންނަ ބަދަލުތަކާއި އެކު ތެލުގެ އަގު އެއްހަމައެއްގައި ހިފެހެއްޓުމުގެ ގޮތުންނާއި ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ވިޔަފާރި ކުރިއެރުވުމުގެ ގޮތުން ވިކުނު ތެލުގެ އަދަދަށް ރިބޭޓްތައް ފޯރުކޮށްދިނުމެވެ.

ފިއުލް ރިބޭޓް އަދި އެސެޓް އިމްޕެއާމަންޓް ހަރަދުތައް އޭގެ އެންމެ އެކަށޭނެ މުއްދަތުގައި އެޖަސްޓް ކުރުމުގެ ގޮތުން މި އަހަރުގެ ފުރަތަމަ ތިން ކުއާޓާރުގެ ހިސާބުތައް ރީސްޓޭޓް ކުރެވިފައިވާ ކަމަށް އެސްޓީއޯއިން ބުންޏެވެ. މިއާ ގުޅިގެން ކުންފުނީގެ އިމްޕެއާމަންޓް ކޮސްޓާއި ޕްރޮވިޝަންސް އަދި ހިންގުމުގެ ހަރަދު ނިސްބަތުން އިތުރުވި އެވެ.

ނަމަވެސް އެސްޓީއޯގެ ޖުމްލަ ފައިދާ އިތުރުވުމާއިއެކު މި އަހަރުގެ ހިންގުމުގެ ފައިދާގެ ގޮތުގައި ވަނީ 1.3 ބިލިއަން ރުފިޔާ ލިބިފަ އެވެ. އަދި ޓެކްސްއަށް ކެނޑުމުގެ ކުރިން މިއަހަރުގެ ސާފު ފައިދާއަކީ 995 މިލިއަން ރުފިޔާ އެވެ. ޓެކުހަށް ކެނޑުމަށްފަހު، މި އަހަރުގެ ސާފުފައިދާގެ ގޮތުގައި ވަނީ 819 މިލިއަން ރުފިޔާ ލިބިފަ އެވެ.

މިއީ އޭގެ ކުރީ އަހަރަށް ވުރެ މަތީ އަދަދުތަކެވެ. އެގޮތުން އެ އަހަރު އެސްޓީއޯއަށް ހިންގުމުގެ ފައިދާއަށް ބިލިއަން ރުފިޔާ ލިބުނު އިރު، ސާފު ފައިދާވީ 728 މިލިއަން ރުފިޔާ އެވެ. މިހެންކަމުން ހިންގުމުގެ ފައިދާ 241 މިލިއަން ރުފިޔާ މައްޗަށް ޖެހިފައިވާއިރު، ސާފު ފައިދާ 91 މިލިއަން ރުފިޔާ އިތުރެވެ.