ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ޝަރީއަތަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނުފޫޒު ފޯރުވާ ކަމަށް ބުނެ ކުރި ޓްވީޓަކާ ގުޅިގެން ހައިކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާންގެ މައްސަލައެއް ބާ ކައުންސިލުން ބަލަން ފަށައިފި އެވެ.

އެ މައްސަލައާ ގުޅިގެން ސުވާލު ކުރުމަށް މާދަމާ 5:15 އަށް އެ ކައުންސިލަށް ހާޒިރުވާން ޝުޖާއުއަށް ވަނީ އަންގާފަ އެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު ނުވަވަނަ ދުވަހު ހައިކޯޓުން ބާ ކައުންސިލަށް ހުށަހެޅި އެ މައްސަލާގައި ވަނީ ރައީސް ޔާމީންގެ މައްސަލަ އަށް ޖޭއެސްސީން ނުފޫޒު ފޯރުވާ ކަމަށް ބުނެ ޝުޖާއު ވާހަކަ ދެއްކުމަކީ އޭގެ ސަބަބުން އާންމު ރައްޔިތުންގެ ހިތްތަކުގައި ސުވާލު އުފެދި، ކޯޓުތަކުގެ އިތުބާރު ގެއްލޭފަދަ އަމަލެއް ކަމަށާއި އެއީ ގާނޫނީ ވަކީލުން އަމަލުކުރަންޖެހޭ ސުލޫކާ ހިލާފު އަމަލެއް ކަމަށެވެ.

ހައިކޯޓުގެ އިސް ފަނޑިޔާރު ކަމަށް ޝުޖާއު އައްޔަން ކުރީ ރައީސް ޔާމީންގެ ވެރިކަމުގަ އެވެ. އޭނާ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވީ ސުލޫކީ މައްސަލައެއް ބެލުމަށްފަހު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައި ވަނިކޮށެވެ.

ޝުޖާއުއާ ގުޅޭގޮތުން ޖޭއެސްސީން ބެލި މައްސަލަ އަކީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ކެމްޕެއިން ކޮށްދީފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ.