ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް މަނީ ލޯންޑަރިން އާއި ހިޔާނާތުގެ ދައުވާކުރުމަށް ޕްރޮސިކިއުާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.

ޕީޖީ އޮފީހުން ބުނީ ބައްސާމް އެފްއޭއެމްގެ ރައީސްކަމުގެ މަގާމުގައި ހުރެ، ބޭންކް އޮފް ސިލޯންގައި އޮތް އެފްއޭއެމްގެ އެކައުންޓަކަށް، 2018 ވަނަ އަހަރު ޖުލައި އާއި އޯގަސްޓާ ދެމެދު ފީފާއިން ޖަމާކޮށްފައިވާ ފައިސާގެ ތެރެއިން 10،000 ޑޮލަރު ބޭންކަށް ލިޔުންތަކެއް ހުށަހަޅައިގެން ބައްސާމްގެ ބީއެމްއެލް އެކައުންޓަކަށް އޯގަސްޓް 26، 2018 ގައި ޖަމާކޮށްފައިވާ ކަމަށެވެ. މި ފައިސާ ޖަމާކުރީ ބޭންކް ޗާޖުތައް އުނިކުރުމަށް ފަހު ކަމަށް ވާތީ ބައްސާމްގެ އެކައުންޓަށް ޖަމާވީ 9،999 ޑޮލަރެވެ.

މި ފައިސާގެ ތެރެއިން 1،910 ޑޮލަރު އެހެން މީހެއްގެ އެކައުންޓަށް ޖަމާކުރުމަށް ފަހު، ބައްސާމް އާއި އޭނާގެ އަނބިކަނބަލުން އައިމިނަތު މައުރީނާގެ ހިއްސާ އޮންނަ ގްލޭސިއާ އިންވެސްޓްމަންޓްގެ އެކައުންޓަށް ޖަމާކޮށް އެ ކުންފުނީގެ އެކި ކަންކަމަށް ބޭނުންކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ބުންނެވެ. އަދި އޭނާގެ އެކައުންޓަށް ޖަމާކުރި ފައިސާގެ ތެރެއިން 2000 ޑޮލަރު އޭނާ ކުއްޔަށް ނަގައިގެން އުޅުނު ރެހެންދި ފްލެޓަށް ކުލި ދެއްކުމަށް ބޭނުންކޮށްފައިވާ ކަމަށާއި އެފްއޭއެމް އެކައުންޓުން ޖަމާކުރި ފައިސާ އެކި މީހުންނަށް އެކި އަދަދުތަކުން ޖަމާކޮށް، އެފްއޭއެމްއާ ގުޅުން ނެތް ކަންކަމާއި އަމިއްލަ ކަންކަމުގައި ވެސް ބޭނުންކޮށްފައިވާކަމަށް ޕީޖީ އޮފީހުން ބުނެ އެވެ. ބައްސާމްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރެއިން ޚިޔާނާތުގެ ކުށް އޭނާގެ މައްޗަށް ސާބިތުވެއްޖެނަމަ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އަދި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ ސާބިތުވެއްޖެނަމަ 100،000 ރުފިޔާ އާއި 1،000،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމާކުރުމާއެކު ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ބައްސާމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން އޭނާ ބައެއް މީޑިއާތަކަށް މީގެކުރިން ވިދާޅުވެފައި ވަނީ އޭނާ ވެސް އަދި އެފްއޭއެމްގެ އެކްސްކޯ މެންބަރަކު ވެސް އަދި މުވައްޒަފަކު ވެސް ފައިސާ އަށް ހިޔާނާތްތެރިވެފައި ނުވާނެ ކަމަށެވެ.