އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ބޭއްވި އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން (އައިއޯއާރުއޭ) ގެ ބައްދަލުވުމުގެ ހަވާސާގައި، ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އިއްޔެ ބައްދަލުކުރައްވައިފި އެވެ.
މި ބައްދަލުވުމަކީ އައިއޯއާރުއޭގައި ބައިވެރިވި ގައުމުތަކުގެ ޚާރިޖީ ވަޒީރުންނާއި ވަފުދުތަކުގެ އެންމެ އިސް ފަރާތްތަކުން ބޮޑުވަޒީރު މޯދީގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގެ ތެރެއިން ހިނގައިދިޔަ ކަމެކެވެ.
ބައްދަލުވުމަށްފަހު އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައި އިރުތިޝާމް ވިދާޅުވީ، ބޮޑުވަޒީރު މޯދީއާ ބައްދަލުވުމަކީ ލިބިވަޑައިގެންނެވި ވަރަށް މަތިވެރި ޝަރަފެއް ކަމަށެވެ. އަދި ދިވެހިރާއްޖެއިން އަބަދުވެސް އިންޑިއާއާއެކު އިހުލާސްތެރި އެކުވެރިކަމެއްގައި ދެމިއޮންނާނެ ކަމުގެ ޔަގީންކަން ބޮޑުވަޒީރަށް އެރުވި ކަމަށްވެސް އެކަމަނާ ފާހަގަކުރެއްވި އެވެ.
ދިވެހިރާއްޖެއަށް އިންޑިއާއިން ޒަމާނުއްސުރެ ވެދެމުން އަންނަ އެހީތެރިކަމާއި ގާތް ގުޅުމަށް ޝުކުރުއަދާކުރައްވަމުން، ދެ ގައުމުގެ އެކުވެރިކަން ވަރުގަދަކުރެއްވުމަށް ބޮޑުވަޒީރު މޯދީ ދެއްވާ ހާއްސަ އިސްކަމާއި ކުރައްވާ މަސައްކަތްޕުޅުތަކަށް އިރުތިޝާމް ތައުރީފުކުރެއްވި އެވެ.
މީގެއިތުރުން، ދެ ގައުމު ގުޅިގެން ކުރިއަށްގެންދާ މުހިންމު މަޝްރޫއުތަކަށް އަލިއަޅުއްވާލައްވަމުން، ތިލަމާލެ ބްރިޖް ނުވަތަ ގްރޭޓާ މާލެ ކަނެކްޓިވިޓީ މަޝްރޫއަކީ ދެ ގައުމުގެ އެއްބާރުލުމުން ނެރެވޭނެ ނަތީޖާގެ ފުރިހަމަ މިސާލެއްގެ ގޮތުގައި އެކަމަނާ ސިފަކުރެއްވި އެވެ.
ދެ ގައުމުގެ ދެމެދުގައި އޮންނަ އިހުތިރާމާއި މިނިވަން ސިޔާދަތީ ހަމަހަމަކަމުގެ މައްޗަށް ބިނާވެފައިވާ ގުޅުން އަގުވަޒަންކުރައްވާ ކަމަށާއި، ގްރޭޓާ މާލެ ކަނެކްޓިވިޓީ މަޝްރޫއަކީ ދެ ގައުމު ގުޅިގެން ކާމިޔާބުކުރެވޭނެ ކަންކަމުގެ އަލިގަދަ ހެއްކެއް ކަމަށް ވިދާޅުވި އެވެ. އަދި މިއީ ރައްޔިތުންނަށް ލޯމައްޗަށް ފެންނަން ހުންނާނެ ފަދަ ހަގީގީ ފައިދާތަކެއް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅު ފުރިހަމަވަމުންދާ މަންޒަރު ދައްކުވައިދޭ ކަމެއް ކަމުގައިވެސް އިރުތިޝާމް ވިދާޅުވި އެވެ.
މި ދަތުރުފުޅުގައި އިރުތިޝާމް ވަނީ އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. އެސް ޖައިޝަންކަރާ ވެސް ބައްދަލުކުރައްވައި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފަ އެވެ.
މޫސުން ބަދަލުވާއިރު ހުޅުތަކުގައި ރިއްސަނީ ކީއްވެ؟ މިއޮތީ ސަބަބު!
ބެލެނިވެރިންނަށް: ދަރިން ބޮޑާާ ހާކާނަމަ އަމަލު ކުރަންވީ ކިހިނެއް؟
ހޫތީން ސައުދީއަށް ފޮނުވާލި މިސައިލްތަކެއް ވައްޓާލައިފި
