ޓެލްއަވީވް (8 ފެބްރުއަރީ) - އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ދެކޮޅަށް ކޯޓުގައި އުފުލާފައިވާ ކޮރަޕްޝަން ދައުވާތަކަށް އިންކާރުކޮށްފި އެވެ.
ކޮވިޑާ ގުޅިގެން އެތައް ފަހަރު ލަސްކުރުމަށް ފަހު ހޯމަ ދުވަހު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ނަތަންޔާހޫ ވަނީ ކޯޓަށް ހާޒިރުވެވަޑައިގެން ކޯޓުގައި އުފުލާފައިވާ ދައުވާތަކަށް ޖަވާބުދާރީ ވެފަ އެވެ.
ނަތަންޔާހޫއާ ދެކޮޅަށް ކޯޓުގައި ތަފާތު ތިން ދައުވާއެއް އުފުލާފައިވެ އެވެ. އަދި މިދައުވާތަކާ ގުޅިގެން ހަފްތާއަކު ތިން ފަހަރު ކޯޓަށް ހާޒިރުވާން ޖެހޭނެ އެވެ.
އިއްޔެގެ އަޑުއެހުމުގައި ވާހަކަ ދައްކަމުން ނަތަންޔާހޫ ވިދާޅުވީ އޭނާއާ ދެކޮޅަށް އުފުލާފައިވާ ދައުވާތަކަކީ ބޭކާރު، އެއްވެސް އަސާސްއެއް ނެތް ދައުވާތަކެއް ކަމަށެވެ.
ނަތަންޔާހޫއާ ދެކޮޅަށް އިޒްރޭލުގައި ގިނަ ބަޔަކު ސިލްސިލާކޮށް މުޒާހަރާކުރަމުންގެންދާތާ މިހާރު ވަނީ ހަތް މަސްވެފަ އެވެ. އަދި ކޯޓުގެ ބޭރުގައި ވެސް ގިނަ އަދަދެއްގެ ބަޔަކު ވަނީ އެއްވެ ނަތަންޔާހޫ އާއި ދެކޮޅަށް އަޑުއުފުލާފަ އެވެ.
ނަތަންޔާހޫއާ ދެކޮޅަށް މުޒާހަރާކުރާ މީހުން ބުނިގޮތުގައި ބޮޑުވަޒީރުގެ ހައިސިއްޔަތުން ނަތަންޔާހޫ ވަނީ ގައުމު ހިންގުމުގައި ފެއިލްވެފަ އެވެ. އަދި ކޮވިޑް ކޮންޓްރޯލް ކުރުމުގެނަމުގައި ކުރި ކަންތައްތަކުން ގިނަ ބަޔެއްގެ ވަޒީފާ ގެއްލިފައިވާ ކަމަށް ބައިވެރިން ވަނީ ބުނެފަ އެވެ.
ނަތަންޔާހޫގެ މައްޗަށްކޮށްފައިވަނީ ރިޝްވަތު ގަބޫލުކުރުމާއި، ހިޔާނާތްތެރިވުމާއި، މަކަރާއި އޮޅުވާލުމުގެ ކުށުގެ ދައުވާ އެވެ.
އިޒްރޭލުގެ މާޗްމަހުގައި ބާއްވާ އިންތިހާބާ ދިމާކޮށް ދައުވާތައް ކުރިއަށްގެންދާތީ ނަތަންޔާހޫގެ ވަކީލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އިންތިހާބު ނިމެންދެން މިމައްސަލަ ލަސްކުރަމަށް ވަނީ ގޮވާލާފަ އެވެ.
ނަތަންޔާހޫ އިންތިހާބް ކާމިޔާބުކޮށްފިނަމަ ބޮޑުވަޒީރުކަން ކުރައްވާ ބޭފުޅުންނަށް ދައުވާ ނުކުރެވޭނެ ގާނޫނެއް ނުވަތަ އެފަދަ މީހުން ދައުވާތަކުން އިމިއުނިޓީ ލިބޭނެ ގާނޫނެއް ފާސްކުރާނެ ކަމަށް ބެލެވޭ ކަމަށް މީޑިއާތަކުން ބުނެފައިވެ އެވެ.
މި ފަހަރުގެ އިންތިހާބަކީ ދެ އަހަރު ތެރޭގައި އިޒްރޭލުގައި ބާއްވާ ހަތަރު ވަނަ މިފަދަ އިންތިހާބެވެ.
އެންމެ ފަހުން ބޭއްވި ތިން އިންތިހާބުގައި ވެސް ވާދަކުރި އެއްވެސް ޕާޓީއަކަށް މެޖޯރިޓީ ލިބިފައި ނުވާތީ އަލުން އިންތިހާބެއް ބާއްވަންދެން ނަތަންޔާހޫ ވަގުތީ ގޮތުން ވެރިކަމުގައި ހުންނަވާނެ އެވެ.- އަލްޖަޒީރާ