ގެވެށި އަނިޔާގެ މައްސަލަތައް އަވަހަށް ނިންމުމަށް އެދި ކޯޓަށް، އޮޓޮމެޓިކުން ސިޓީއެއް ފޮނުވޭގޮތަށް ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން ހަދައިފި އެވެ.

ޕީޖީ އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ގެވެށި އަނިޔާގެ އަމަލަކާ ގުޅިގެން ޖިނާއީ ދައުވާ އުފުލޭ ހާލަތުގައި، މައްސަލައިގެ ޝަރީއަތް އަވަހަށް ހިންގައި މައްސަލަ ނިމި، އަވަހަށް އިންސާފު ގާއިމުވުމަކީ، ގެވެށި އަނިޔާގެ އަމަލުގެ ޝިކާރައަކަށްވީ މީހާއަށް އެކަށީގެންވާ ރައްކާތެރިކަމާއި ހިމާޔަތް ލިބިދިނުމަށްޓަކައި މުހިއްމު ކަމެއް ކަމަށެވެ.

އެހެންކަމުން ޕީޖީ އޮފީހުން ދައުވާކުރާ ގެވެށި އަނިޔާއާގުޅޭ މައްސަލަތަކުގެ ޝަރީއަތް ހިންގުމުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ހުރި މުއްދަތުތަކާ އެއްގޮތަށް، ވީއެންމެ އަވަހަކަށް މައްސަލަ ތާވަލުކޮށްދެއްވައި، އަދުލުވެރިކަމާއި ތެދުވެރިކަމާ އެކު މެދުކެނޑުމެއް ނެތި މި މައްސަލައިގެ ޝަރީއަތް ހިންގަވައިދެއްވައި މައްސަލަ ނިންމަވައިދެއްވުން އެދި، މިބާވަތުގެ ކޮންމެ މައްސަލައެއްގައި، އެމައްސަލައެއް ހުށަހަޅާ ކޯޓަށް އޮޓޮމެޓިކުން ސިޓީއެއް ފޮނުވަން ފަށާފައިވާކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

އެމައްސަލައަކީ ގެވެށި އަނިޔާގެ މައްސަލައެއްކަމަށް ބެލެވޭ ކޮންމެ މައްސަލައެއްގައި، އެސިޓީ މިހާރު ދާނީ ތައްޔާރުކުރެވި ކޯޓަށް ފޮނުވެމުންކަމަށާއި، މައްސަލަ ލަސްވެގެން، ނުވަތަ އެނޫންވެސް ސަބަބަކާހުރެ ފަހުން މީހަކު ބެލިޔަސް، އެމުއާމަލާތުތައް ފެންނަން ހުންނާނެކަމަށް ޕީޖީ އޮފީހުން ބުނެ އެވެ. މީގެ ބޭނުމަކީ، ގެވެށި އަނިޔާގެ މައްސަލަތައް އަވަހަށް ނިންމަވައްދެއްވުމަށް ކޯޓުތަކަށް ބާރު އެޅުންކަމަށް ޕްރޮސެކއިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެ އެވެ.

ޕީޖީ އޮފީހުން ބުނީ ފަންނިއްޔާތުގެ އެކި ވަސީލަތްތައް ބޭނުންކޮށްގެން، ރައްޔިތުންނަށް ދޭ ޚިދުމަތްތައް ފަސޭހަކޮށް، ފުޅާކުރުމުގައި އަބަދުވެސް، އެ އޮފީހުން އަންނަނީ މަސައްކަތްކުރަމުންނެވެ.