ފަސް މެންބަރުން އެކުލެވޭ އިންޑިއާގެ ޑާންސް ގްރޫޕެއް ކަމަށްވާ އެމްޖޭ 5 ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.

އިންޑިއާގެ ޓީވީ ޗެނަލަކުން 2013 ވަނަ އަހަރު ގެނެސްދިން އިންޑިއާސް ސުޕަ ޑާންސާ އިން މަގުބޫލުކަން ހޯދުމަށްފަހު މައިކަލް ޖެކްސަންގެ ނަމަސް ނިސްބަތްކޮށް ކަން ދެވިފައިވާ އެމްޖޭ 5ވަނީ ބޮލީވުޑްގައި ވެސް މަޝްހޫރު ނަމަކަށް ވެފަ އެވެ.

ނަށަމަން ނަށަމުން އައިސް މިހާރު އެ ގްރޫޕް އެ އޮތީ ރާއްޖޭގެ ގޮނޑުދޮށުގަ އެވެ.

އެމްޖޭ5 ޗުއްޓީއަށް އައިސްފައި މިވަނީ ކާތިކް އާރިޔަން އާއި އެކީ މަސައްކަތް ކުރުމަށްފަހު އެވެ. މީގެ އިތުރުން ވެސް އޭބީސީޑީ 2 ، ހެޕީ ނިއު އިޔާ އަދި އެހެނިހެން ގިނަ ބޮލީވުޑްގެ ޕްރޮޖެކްޓްތަކުން އެމްޖޭ5 ފެނިގެން ގޮސްފައިވާއިރު، ގުރޫ ރާންދަވާ އާއި ދަރްޝަން ރަވަން ފަދަ ފަންނާނުންނާއެކު ވެސް މި ގްރޫޕުން މަސައްކަތްކޮށްފައިވެ އެވެ.

https://www.facebook.com/watch/?v=432176418209898

ދުނިޔޭގެ އެކި ކަންކޮޅުތަކުން މިލިއަނުން މީހުން ފޮލޯކުރާ މި ގްރޫޕްގެ މެންބަރުން ދަނީ ކިހާ މޯލްޑިވްސް ރިސޯޓުގެ އެކި ހިސާބުތަކުން ނަށާ، އެ ވީޑިއޯތައް އެމީހުންގެ ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ. މިވީޑިއޯތައް ކިހާ މޯލްޑިވްސްގެ ޓިކްޓޮކް އެކައުންޓަށް ވެސް ލާފައިވެ އެވެ.

"މޫންވޯކް މެޖީޝިއަންސް" ގެ ނަމުން މަޝްހޫރުވެފައިވާ މި ޑާންސް ގްރޫޕުވަނީ މައިކަލް ޖެކްސަންގެ އެންމެ ފާހަގަކޮށްލެވޭ ޑާންސް ސްޓެޕް ކަމަށްވާ "މޫންވޯކް"، އެންމެ ގިނަ ތަފާތު ގޮތްގޮތަށް ޖައްސާ ދުނިޔޭގެ ރިކޯޑެއް ވެސް ހަދާފަ އެވެ.