އެންމެ ގިނަ ދިވެހި ފަންނާނުން އެއް ސީރީޒަކުން ފެންނާނެ "ޔާރާ" ތިން ވަނަ ސީޒަން އަންނަ މަހު ބެލުންތެރިންނަށް ގެނެސްދިނުމަށް ތައްޔާރުވެއްޖެ އެވެ.

"ޔާރާ" އަކީ މަޝްހޫރު ބަތަލާ އަދި ޑައިރެކްޓަރު އައިޝަތު ރިޝްމީ ރަމީޒްގެ ޑްރީމް ޕްރޮޖެކްޓެވެ. ރިޝްމީ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ބެލުންތެރިއެއްގެ ސުވާލަކަށް ޖަވާބުދެމުން ބުނީ ޔާރާ ގެ ތިން ވަނަ ސީޒަން މާޗު މަހު އަންނާނެ ކަމަށެވެ.

މި ސީރީޒް ހަތަރު ސީޒަނަކަށް ބަހަލައިގެން ގެނެސްދޭއިރު ޔާރާގެ ދެވަނަ ސީޒަން ކާމިޔާބުކަމާއެކީ ނިންމާލީ މިދިޔަ މަހެވެ. އަންނަ މަހުގެ 14 ވަނަ ދުވަހު ބައިސްކޯފު އެޕްލިކޭޝަން އިން މި ސީރީޒްގެ ތިން ވަނަ ސީޒަންގެ ފުރަތަމަ އެޕިސޯޑު ސްޓްރީމްކުރާނެ އެވެ. ކޮންމެ ހަފްތާ އަކު އެޕިސޯޑެއްގެ އުސޫލުން ސީރީޒް ގެނެސްދޭން ވަނީ ނިންމާފަ އެވެ.

ދިވެހި ސްކްރީން ރައިޓަރު އަހްމަދު އިގްބާލް (އައިކިއު) ގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް، މަޝްހޫރު އެކްޓްރެސް ރިޝްމީ ރަމީޒް ޕްރޮޑިއުސްކޮށް ޑައިރެކްޓުކޮށްފައިވާ މި ސީރީޒްގައި ނުވަދިހައެއްހާ މީހުން އެކި ރޯލުތައް ވަނީ ކުޅެފަ އެވެ.

ރިޝްމީގެ ޕްރޮޑަކްޝަން ހައުސް "އާރް2ޒީ ޕްރޮޑަކްޝަން" އިން ދިވެހި ސްޓްރީމިން ޕްލެޓްފޯމް "ބައިސްކޯފް" އާ ގުޅިގެން ނެރޭ ލޯބީގެ މި ސީރީޒް ބިނާވެފައި ވަނީ ތަފާތު ގުޅުންތަކުގެ މައްޗަށެވެ.

މިއީ އާއިލީ މައްސަލަތަކާއި ދެމަފިރިންނާއި ލޯބިވެރިން އަދި ރައްޓެހިންގެ މެދުގައި ހިނގާ ކަންތައްތަކެއް ދައްކުވައިދޭ ސީރީޒްއެކެވެ. ސީރީޒްގެ ކޮސްޓިއުމާއި ސެޓްތަކަށް ވަރަށް މަސައްކަތް ކޮށްފައިވާއިރު މި ސީރީޒް އަކީ މިހާރު ބައިސްކޯފުގައި އެންމެ ހިނގަމުންދާ ޝޯވއެވެ.

މި ސީރީޒުން ފެނިގެންދާނެ ބައެއް ތަރިންނަކީ މަރިޔަމް އައްޒަ، ޖުމައިހު (ޖުމާ)، އަހުމަދު އަޒުމީލު (އަޒޭ)، އައިމިނަތު ރަޝީދާ (އައިންތު)، މުހައްމަދު ވިޝާލް (ރޯމަން)، ޝަރާ އާދަމް، އަބްދުﷲ ޝަރަފް، ހުސައިން ޝާދިޔާން (ސޭންޑީ)، ނަތާޝާ ޖަލީލު އަދި ނުޒުހަތު ޝުއައިބު (ނުޒޫ) އެވެ.