2050 ވަނަ އަހަރާ ހަމައަށް ކެންސަރު ބަލި ޖެހޭ މީހުންގެ އަދަދު 77 ޕަސެންޓް އިތުރުވާނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ލަފާކޮށްފި އެވެ.

ދުނިޔޭގައި ފާހަގަކުރާ ކެންސަރު ބަލީގެ ދުވަހާ ގުޅިގެން ޑަބްލިއުއެޗްއޯގެ ދަށުން ހިންގާ އިންޓަނޭޝަނަލް އޭޖެންސީ ފޯ ރިސާޗް އޮން ކެންސާ ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ ކުރިއަށް އޮތް ތަނުގައި ކެންސަރު ބަލީގެ ކޭސްތައް ބޮޑުތަނުން އިތުރުވާނެ ކަމަށެވެ.

އެގޮތުން 2050 ވަނަ އަހަރާ ހަމައަށް ކޮންމެ އަހަރަކު ކެންސަރު ބަލި ޖެހޭ މީހުންގެ އަދަދު 35 މިލިއަނަށް އަރާނެ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

މީގެ މައިގަނޑު ސަބަބުތަކުގެ ގޮތުގައި އެ ރިޕޯޓުގައި ފާހަގަ ކޮށްފައިވަނީ ދިރިއުޅުމުގެ ވައްޓަފާޅިއަށް އައިސްފައިވާ ބަދަލުތަކާއި މޫސުމީ ބަދަލުތަކެވެ.

އެގޮތުން ދުންފަތުގެ އިސްތިއުމާލު ކުރުމާއި ބަރުދަން އިތުރުވުން އަދި ވައި ނުސާފުވުން ފަދަ ކަންކަމަކީ ކެންސަރު ޖެހުން އިތުރު ވުމަށް މަގުފަހިވާނެ ކަންކަން ކަމުގައި ބުނެފައިވެ އެވެ.

ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހަކީ ދުނިޔޭގައި ފާހަގަކުރާ ކެންސަރު ބަލީގެ ދުވަހެވެ. މިއީ ކެންސަރާ ބެހޭ ގޮތުން އާއްމުންގެ މެދުގައި ހޭލުންތެރިކަން އިތުރު ކުރުމުގެ ބޭނުމުގައި ފާހަގަކުރާ ދުވަހެކެވެ.