ބޮޑަތި ދުސްތޫރީ މައްސަލަތަކުގައި އިސްތިގްރާރުވާ އުސޫލެއް ނެތުމާއި އިންސާފު ލަސްވުން ފަދަ ކަންތައްތަކުން ޖުޑިޝަރީ އަށް ރައްޔިތުންގެ އިތުބާރު ލިބެން އަދިވެސް އޮތީ ދިގު ރާސްތާއެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ޖުމްލަ އަދަދު ގުނުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ނެރެފައިވާ ވަގުތީ އަމުރަށް އަމަލު ނުކުރަން މަޖިލިހުން މިއަދު ވަނީ ފާސްކޮށްފަ އެވެ. އެއީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނާ ގޮތް ބަދަލު ކުރުމަށް އިހަވަންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި އިސްލާހެވެ. އެ އިސްލާހު ފާސްވީ 46 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

އެ އިސްލާހު ފާސްވުމާ އެކު މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަސްލަމް ވިދާޅުވީ، މަޖިލީހުގެ ޖުމްލަ އަދަދު އަނެއްކާވެސް ގުނަމުންދާނީ އިސްލާހުގައިވާ ގޮތުގެ މަތިން ކަމަށާއި އެ އަދަދަކީ 80 ކަމަށެވެ.

ޖަމީލް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މިއަދަކީ ތާރީހީ ދުވަހެއްގެ ގޮތުގައި ސިފަ ކުރައްވައިފަ އެވެ.

ދެހާސް އަށް ވަނަ އަހަރު ގާނޫނުއަސާސީން ލިބުނު ތިން ބާރު ވަކިވެފައިވާ ދުސްތޫރީ ނިޒާމުގައި ޖުޑިޝަރީ އެކި ފަހަރު އެކި ގޮތަށް ފުރޮޅެމުންދާތަން ފެންނަމުންދާ ކަމަށް ޖަމީލް ވިދާޅުވި އެވެ.

"ބޮޑަތި ދުސްތޫރީ މައްސަލަތަކުގައި އިސްތިގްރާރުވާ އުސޫލެއް ނެތުމާއި އިންސާފު ލަސްވުންފަދަ ކަންތަކުން ޖުޑިޝަރީ އަށް ރައްޔިތުންގެ ކޮންފިޑެންސް ލިބެން އަދިވެސް އޮތީ ދިގު ރާސްތާއެއް." ޖަމީލް ވިދާޅުވި އެވެ.

ޖަމީލް ވިދާޅުވި ގޮތުގައި ކޮންމެ ބާރަކުންވެސް އެބާރެއްގެ އިން ފަހަނަޅާ ގޮސްގެން ނުވާނެ އެވެ. ގާނޫނު ހަދާ މަޖްލިހުގެ އިޚްތިސާސްގެ ތެރެއަށް ޖުޑިޝަރީން ވަންނަން މަސައްކަތް ކުރުމަކީ ގާނޫނުއަސާސީއާ ޚިލާފު، ތިން ބާރުގެ ތެރޭގައި ކޯޅުން އުފެދި ތަސައްވުރު ނުކުރެވޭ ފަދަ ގެއްލުން ދުސްތޫރީ ނިޒާމަށް ލިބިގެން ދާނެ ކަމެއް ކަމަށް ޖަމީލް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުމާ ގުޅޭ މާއްދާތަކަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހުތަކަށް އަމަލު ކުރުން މަޑުޖައްސާލުމަށް ސުޕްރީމް ކޯޓުން އަމުރު ނެރުނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.