ގާޒާ (ފެބްރުއަރީ 13) - އިޒްރޭލުން ފަލަސްތީނުގެ ގާޒާ އަށް ދެމުންދާ ހަމަލާތައް މިހާރު ވަނީ އެ ސިޓީގެ އެންމެ ދެކުނުގެ ރަފާހަށް އަމާޒުކޮށްފަ އެވެ.
އިޒްރޭލުގެ ހަމަލާތައް އޮކްޓޯބަރު 7 ގައި ފެށުމުގެ ކުރިން ރަފާހުގައި ދިރިއުޅެމުން ދިޔައީ 270،000 މީހުން ކަމަށް ވެސް ގާޒާ އަށް ދޭ ހަމަލާތަކުން ރައްކާތެރިކަން ހޯދަން އެ ސަހަރަށް ހިޖުރަކުރި މީހުންނާ އެކު މިހާރު އެ ތަނުގައި 1.5 މިލިއަން މީހުން ދިރިއުޅެ އެވެ. ސެޓެލައިޓް ފޮޓޯތަކުން ފެންނަ ގޮތުގައި ރަފާހުގައި މިހާރު ހުސްތަންކޮޅެއް ފެންނާކަށް ނެތެވެ. ހުރިހާ ސަރަހައްދެއްގައި ވަނީ ޓެންޓް ޖަހައި ވަގުތީ ހިޔާވަހިކަން ގާއިމްކޮށްފަ އެވެ. އެކަމަކު އިޒްރޭލުން ވައިގެ މަގުންނާއި ކަނޑު މަގުން ދޭން ފެށި ހަމަލާތަކުގައި އާއްމުންގެ އެކަކަށް ވެސް ރައްކާތެރި ކަމެއް ނެތެވެ. އިޒްރޭލުގެ މި ހަމަލާތަކުގެ ބޭނުމަކީ އެއްގަމު މަގުން ރަފާހަށް އަރައިގަތުމެވެ.
ހޯމަ ދުވަހުގެ ރޭ އިޒްރޭލުން ރާފާހަށް ދޭން ފެށި ވައިގެ ހަމާލާތަކުގައި ފަލަސްތީނުގެ 67 މީހުން ވަނީ ޝަހީދުކޮށްލައިފަ އެވެ. އިޒްރޭލުން ބުނެފައި ވަނީ އެ ހަމަލާތަކަށް ފަހު ރަފާހުން ދެ ރަހީނުން ސަލާމަތްކޮށްފައިވާ ކަމަށެވެ. ނަމަވެސް ހަމާސް އިން އެކަން ދޮގު ކުރެ އެވެ. އިޒްރޭލުން ސަލާމަތްކުރި ކަމަށް ބުނާ އުމުރުން 60 އަދި 70 އަހަރުގެ ދެ މީހުން ހަމާސް އިން ރަހީނުކޮށްފައި ވަނީ އޮކްޓޯބަރު 7 ވަނަ ދުވަހު އެވެ. އިޒްރޭލުން ބުނެފައި ވަނީ އެ ދެ މީހުން މިހާރު ތެލް އަވީވުގެ ހޮސްޕިޓަލަކަށް ގެންގޮސްފައިވާ ކަމަށެވެ.
ރަފާހަށް ދޭ ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ގައުމުތަކުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާޔޫ އަށް ފޯނުން ގުޅުއްވައި، ރަފާހުގެ އާއްމުންނަށް ރައްކާތެރިކަމެއް ނެތް ގޮތުގައި ހަމަލާ ނުދިނުމަށް އަންގަވައިފަ އެވެ.
ސައުދީ އަރަބިއާގެ ޚާރިޖީ ވުޒާރާ އިން ބުނެފައި ވަނީ ރަފާހަށް އިޒްރޭލުން ހަމަލާ ދިނުމަކީ ނުރައްކާ ހާލަތަކަށް ވެއްޓިދާނެ ކަމެއް ކަމަށެވެ. މިސްރުން ބުނެފައި ވަނީ އެއީ އިންސާނީ ބޮޑު ގެއްލުމަކަށް މަގު ފަހިކުރުން ކަމަށެވެ.
އިޒްރޭލުން ރަފާހަށް ހަމަލާ ދޭ އިރު އެންމެ ބޮޑު ނުރައްކަލަކީ އާއްމުންނަށް އެ ސަރަހައްދުން ރައްކާތެރިވެވޭނެ ގޮތެއް ނެތުމެވެ. ރޯދަ މަސް އަންނަން މަހަކަށް ވުރެ ކުޑަ ދުވަސްކޮޅަކަށްވެފައިވާ އިރު އިޒްރޭލުގެ ހަމަލާތައް ވަރުގަދަ ކުރަމުން ދިއުމުގެ ހުރިހާ ގެއްލުމެއް އޮތީ ފަލަސްތީނުގެ ނިކަތި މުސްލިމުންނަށެވެ.