ކޮވޯނާ ވައިރަސް ފެތުރެން ފެށީ ޗައިނާގެ ލެބޯޓްރީއަލުން ލީކްވެގެން ކަމަށް ބުނި ނަމަވެސް އެއީ ވަރަށް ނާދިރު ކަމެއް ކަމަށް ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ނިންމައިފި އެވެ.

ޑަބްލިއުއެޗްއޯއިން ބުނާގޮތުގައި ސާސް ކޮވިޑް-2 އެންމެ ފުރަތަމަ ފެތުރުނުކަމަށް ބުނާ ޗައިނާގެ ވުހާންގައި ކޮވިޑް ފެތުރުނުގޮތް މިހާރު ވެސް ދިރާސާ ކުރަމުންދާއިރު، އާ ހޯދުންތަކެއް މިހާރުވަނީ ހޯދިފަ އެވެ. އެހެންނަމަވެސް މަންޒަރު ބަދަލުވެގެންދާފަދަ އެއްވެސް ހޯދުމެއް މިހާތަނަށް ހޯދިފައެއް ނުވެ އެވެ.

"މިހާތަނަށް ހޯދުނު ހޯދުންތައް ބުނާގޮތުގައި، އެއީ ލެބޯޓްރީއަކުން ލީކްވި ވައިރަހެއް ކަމަށް ބުނާ ބުނުމަކީ އިންސާނުންނަށް މިބަލި ޖެހުނުގޮތް ކަމަށްވުމީ ވަރަށް ނާދިރުކަމެއް،" ޑަބްލިއުއެޗްއޯގެ އިންވެސްޓިގޭޝަން ލީޑަރު ޑރ. ޕީޓާ ބެން އެމްބަރެކް ވިދާޅުވި އެވެ.

މިހާރު ފެތުރެމުންމިދާ ވައިރަސްއަކީ، ވުހާން އިންސްޓިޓިއުޓް އޮފް ވައިރޯލޮޖީ (ޑަބްލިއުއައިވީ)ގެ ސައިންޓިސްޓުންތަކެއް ސާސް ކޮވިޑް-2 އާއި ޖެނެޓިކްގެ ގޮތުން ވައްތަރު ވައިރަހެއްގެ އެކްސްޕެރިންޓް ހަދަނިކޮށް، އެ ލެބޯޓްރީއިން އިންސާނުންގެ ތެރެއަށް ލީކްވި ވައިރަހެއް ކަމަށް ގަބޫލުކޮށް ބައެއް މީހުން ވާހަކަ ދައްކާފައިވެ އެވެ.

ޗައިނާއިން މިވާހަކައަށް އިންކާރުކޮށްފައި ވާއިރު، ވަރިރަސް ފެތުރުނުކަމަށް ބުނާ ގޮތާބެހޭ އެކި ވާހަކަތައް އެ މީހުން ވަސް ދައްކާފައިވެ އެވެ.

ޑަބްލިއުއެޗްއޯއިން ބުނާގޮތުން އެ މީހުން މިހާރު ވަނީ ޑަބްލިއުއައިވީ ވަރަށް ރަނގަޅަށް ބަލާ ދިރާސާކޮށް، ސާސް ކޮވިޑް-2 ވައިރަހަކީ އެފަދަ ތަނަކުން ލީކްވި ވައިރަހަކަށްވުމަކީ ވަރަށް ވާދިރުކަމެއް ކަމަށް ނިންމާފަ އެވެ. އަދި ވައިރަހުގެ އަސްލު ހޯދުމަށް ކުރަންޖެހޭ ދިރާސާކުރުމުށް އެކި ކަންކަން ރެކޮމެންޑް ކޮށްފަ އެވެ.

މިހާރު ހުރި ހެކިތަކަށް ބަލާއިރު މިވައިރަހަކީ ވާލުގައި ހުންނަ ވައިރަހެއް ކަމަށާއި އިންސާނުންނަށް މިވައިރަސް އަރާފައި ވަނީ ހޯސްޓެއް މެދުވެރިވެގެން ކަމަށް ޑރ. އެމްބަރެކް ވިދާޅުވެ އެވެ. މިހޯސްޓަކީ އޮނުގައި އުޅޭ މީދާ ނުވަތަ ޕެނގޯލިން ފަދަ އެއްޗެއް ކަމަށާއި އަދި ނަމަވެސް އެއީ ކޮންއެއްޗެއް ކަމެއް އަދި ހޯދިފައެއް ނުވާކަމަށް ވެސް ޑޮކްޓަރު ވިދާޅުވި އެވެ.

"ވުހާންއަކީ މިފަދަ ތަކެތި ދިރިއުޅޭ މާހައުލާ ދުރު ސިޓީއެއްކަމަށް ވާތީ، ސީދާ ވާލަކުން ވުހާން ސިޓީގައި މިބަލި ފެތުރުން ވަރަށް ނާދިރު،" ޑރ. އެމްބަރެކް ވިދާޅުވި އެވެ.

ޑޮކްޓަރު އިތުކަށް ވިދާޅުވެފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ޗައިނާގައި އެންމެ ފުރަތަކަ ކޮވިޑް ފެތުރުންފެށި ހުނާން ސީފުޑް މާރުކޭޓުގައި ކޮވިޑް ފެތުރުނު ގޮތް ހޯދުމަށް ތަހުލީލު ކުރާނެ އެހެން ދިރޭ އެއްޗެހިތަކެއް މިހާރު ހޯދިފައިވާ ކަމަށެވެ.

""އިންސާނުންގެ ގަޔަށް މި ވައިރަސް އެރަން މެދުވެރިއަކަށްވި ދިރޭއެއްޗަކީ ކޮބައިކަން ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރެވެމުން،" ޑރ. އެމްބަރެކް ވިދާޅުވި އެވެ.

މީގެ އިތުރުން، މިފަދަ ބައްޔެއް ކުރިއަށް އޮތްތާނގައި ފެތުރިއްޖެ ހާލަތެއްގައި އެޕިޑެމިލޮޖިކަލް އަދި މޮލިކިއުލާ ޑާޓާ އާބެހޭ މައުލޫމާތު ފަސޭހައިން މުޅި ދުނިޔެއަށް ހިއްސާކުރެވޭނެ ފަދަ ޑާޓާ ބޭސްއެއް އުފެއްދުމަށް ވެސް ޑޮކްޓަރު ވަނީ ގޮވާލާފަ އެވެ.

"ވައިރަސް އިންސާނުންގެ ގަޔަށް އަރަން މެދުވެރިއަކަށްވި ދިރޭއެއްޗަކީ ކޮބައިތޯ ހޯދުމަށް އަދިވެސް އިތުރު ސާވޭ ކުރަންޖެހޭ. އަދި ސާވޭ ކުރަންޖެހެނީ ޗައިނާގައި އެކަންޏެއް ނޫން. ސަބަބަކީ މިހާތަނަށް އެތަކެއް ޓެސްޓެއް ޗައިނާގައި ކުރެވިފަވާތީ،" ޑރ. އެމްބަރެކް އިތުރަށް ވިދާޅުވި އެވެ.