މުއުމިނާ ސަލީމް ނުވަތަ މިހާރުގެ މަޝްހޫރު ނަމުން ނަމަ "ހިނިތުންވެލާ މޫންޓީ"އާ ފުރަތަމަ ދިމާވީ، "މޮމްސް ކްލިނިކް"ގެ ފަރާތުން ބޭއްވި ހަރަކާތަކުންނެވެ.

އަޅުގަނޑާއި މޫންޓީގެ ފުރަތަމަ ބައްދަލުވުމުން ވެސް، މޫޓީއާއި ހިނިތުންވުމާ ހުރި ގުޅުން އަޅުގަނޑަށް އެނގިގެންދިޔަ އެވެ. އެ ދުވަހު ގެ ބައްދަލުވުމުގައި މޫންޓީގެ ފަރާތުން ފާހަގަވި އެއްކަމަކީ އަމިއްލައަށް ތައާރަފްވުމާއި، މީހުންނާ ބާއްވާ ގާތް ގުޅުމާއި، މޫންޓީގެ ހިތްގައިމު އެ ހާއްސަ ހިނިތުންވުމެވެ. ހަގީގަތުގައި ވެސް އެ ހިނިތުންވުން ވަރަށް ތަފާތެވެ. އެހިތްގައިމު ހިނިތުމުގެ ވެރިޔާއަށް "ހިނިތުންވެލާ މޫންޓި"ގެ ނަމުން ލަގަބު ލިބިފައި ވީނަމަވެސް، އޭނާގެ އަސްލަކީ މީޑިއާ އެވެ.

އޭނާގެ ހިނިތުންވުމުގެ ފެށުމަކީ މީގެ 17 އަހަރު ކުރިން ކެޕިޓަލް ރޭޑިއޯއިން ފެށި މީޑިއާ ދަތުރެވެ.

https://www.facebook.com/watch/?v=235729552839490

"ހުރިހާ" އަށް ދެއްވި ހާއްސަ އިންޓަވިއުގައި، ހިނިތުންވެލާ މޫންޓީ ވަނީ އޭނާގެ ކާމިޔާބީގެ ވާހަކަތައް ހިއްސާކޮށްފަ އެވެ.

ގއ. ކޮނޑޭގެ ގަދަރުވެރި އާއިލާއަކަށް ނިސްބަތްވާ މުއުމިނާ ސަލީމް އަކީ، އެރަށު ކަތީބުކަމާއި، ސިއްހީ އެހީތެރިކަން ވެސް ކުރައްވާފައިވާ ޢަބުދުﷲ ސަލީމް އާއި، މަރިޔަމް ލަތީފާ( ދޮންބީފާން)ގެ ހަ ކުދިންގެ ތެރެއިން އެންމެ ހަނގު ދަރިފުޅެވެ. މަންމަ އާއި ބައްޕަގެ އިތުރުން ދެ ބޭބެއިންނާއި، ދެ ދައްތައިންގެ ލޯތްބާއެކު ބޮޑުވަމުން އައި މޫންޓީއަކީ، އެ އާއިލާގެ އުފާވެރިކަމެވެ. ހިނިތުންވުމެވެ.

އެސްއެސް ޓީވީގެ، މަލްޓިޓާސްކް ޕްރޮޑިއުސަރެއްގެ މަގާމު މިހާރު ވެސް އަދާކުރަމުން އަންނަ މޫންޓީއަކީ، ކުޑައިރުންސުރެ ޕްރޮގްރާމް އުފައްދާ ހުށަހެޅުމަށް ވަރަށް ޝައުގުވެރިކަން ހުންނަ ކުއްޖެކެވެ.

މުއުމިނާ ސަލީމް "މޫންޓީއާއެކު ހިނިތުންވެލާ" ޕްރޮގްރާމެއް ހުށަހަޅަން ތައްޔާރުވެގެން.

އިލްމާއި ހިލްމް އުގެނި، އެހެން މީހުންނަށް ފޯރުކޮށްދިނުމަށް ލޯބިކުރާ މޫންޓީގެ އުފަލަކަށްވެފައި ވަނީ، ހޭލުންތެރި އުފާވެރި މުޖުތަމައެއް ބިނާކޮށް، ނަފުސާނީ ގޮތުން މީހުން ބާރުވެރިކުރުވުމެވެ.

ކަރުދާސް ފޮށިގަނޑުން ޓީވީ ސްކްރީން ހަދައިގެން ފިލާވަޅު ދަސްކުރި މޫންޓީ ވަނީ ރޭޑިއޯ އެޓޯލް، ވީ މީޑިއާ، އަދި ޕީއެސްއެމްގައި ވެސް އިޖްތިމާއީ، އިގްތިސާދީ އަދި ދީނީ ޕްރޮގްރާމްތަކެއް އުފައްދާ ހުށަހަޅާފަ އެވެ. ނޫސްވެރިއެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފައިވާ މޫންޓީއަކީ ލިއުންތެރިއެއް ވެސްމެ އެވެ.

ނޫސްވެރިކަމުގެ އިތުރުން، ޓީޗިން އަދި ސައިކޮލިޖީ ވެސް ކިޔަވާފައިވާ މޫންޓީ ވަނީ، ދީނީ މައުލޫމާތު މުއްސަނދިކުރުމަށް އިމާމްކަމުގެ އިތުރުން ކަށުކަމާކެމިކަން ވެސް ކިޔަވައިފަ އެވެ.

މޫންޓީއަށް ތައުލީމާ ތަރުބިއްޔަތު ދިނީ މައިންބަފައިން ކަމުގައި ވިޔަސް މޫންޓީގެ ކާމިޔާބީގެ ފަހަތުގައިވާ ވަރަސް ޚާއްސަ ފަރާތެއް ފާހަގަކޮށް ޝުކުރުވެރިވި އެވެ. އެއީ މޫންޓީގެ ދެވަނަ މަންމަ، ކުޑައައްތަ (އައިޝަތު ސަލީމް) އެވެ. އާއިލާ އާއި ފިރިމީހާގެ ފުރިހަމަ ސަޕޯޓް ފާހަގަކުރަމުން ވެސް، މޫންޓީ ބުނީ އޭނާ މޫންޓީއަކަށް ހަދައިދިނީ ކުޑާއްތަ ކަމަށެވެ.

"އެއީ އަޅުގނޑުގެ ދެވަނަ މަންމަ. ނުވަ އަހަރުން ފެށިގެން ހުރިހާ ޚަރަދެއްކޮށް ކިޔަވައިދީ، އަމިއްލަ އުފާތައް އަޅުގަނޑަށްޓަކައި ޤުރުބާންކުރި ލޯބިވާ ކުޑާއްތަ،" މޫންޓީ ބުންޏެވެ.

ރޭޑިއޯ އެޓޯލް އަދި ވީޓީވީގެ ތަޖުރިބާ

މޫންޓި މަސައްކަތް ކުރި މީޑިއާ ޕްލެޓްފޯރްމްތަކުގެ ލިސްޓް ވަރަށް ވެސް ދިގެވެ. އެންމެ ގިނަ ހުނަރު ދަސްވީ ރޭޑިއޯ ސްޓޭޝަން ގެގޮތުގައި މޫންޓި ފާހަގަކުރަނީ ރޭޑިއޯ އެޓޯލް އެވެ. މޫންޓި ދެކޭގޮތުގައި ރޭޑިއޯ އެޓޯލްގެ މާހައުލަކީ މުވައްޒިފުން ބިނާކުރާ، އެކަމަށް ހިތަވަރުދޭ އަދި އެހެން ފުރުސަތުތައް ފަހިކޮށްދޭ މާހައުލެއް އޮންނަ ތަނެކެވެ.

"އޮންއެއާގެ މުހިންމު ކަމާއި، ޕްރެޒެންޓްކުރަން ޖެހޭގޮތާއި މިކަންނަން ދަސްވީ ރޭޑިއޯ އެޓޯލްސް އިން،" މޫންޓީ ބުންޏެވެ.

ރޭޑިއޯ އެޓޯލް އިން ކުރިޔަށް ގެންދިޔަ ޕްރޮގްރާމްތަކުން ލިބުނު ގިނަގުނަ ތަޖުރިބާ ހިއްސާކުރަމުން މޫންޓީ ބުނީ "މަޖިލިސް ބްރޭކް" ކިޔާ ޕްރޮގްރާމް ލޯޔަރު ސިނާން އާއެކު ހުށަހަޅަން ފުރުސަތު ލިބުމަކީ މަސައްކަތަށް ލިބުނު ވަރަށް މުހިންމު ތަޖުރިބާއެއް ކަމަށެވެ. އަދި އެ ޕްރޮގްރާމް ގެ މަސައްކަތް ކުރި ދުވަސްވަރު ބޭރު ގައުމުތަކުގައި މަޖިލިސްގެ ކަންކަން އޮންނަ ގޮތް ވަރަށް ރަގަޅަށް ސާފުވެގެން ދިޔަ ކަމަށެވެ. އެއަށްފަހު ހަމަ އެ ރޭޑިއޯ ޗެނެލްއިން ގެނެސްދިން "ރަށުތެރެއިން" ކިޔާ ޕްރޮގްރާމް ހޮސްޓުކުރިއިރު ލިބުނު ތަޖުރިބާއަކީ ވެސް މޫންޓިއަށް ވަރަށް ގިނަ ކަންކަން ދަސްކުރުމަށް ލިބުނު ފުރުސަތެއް ކަމުގައި މޫންޓީ ފާހަގަކުރެ އެވެ.

އޭގެ އިތުރުން "ދަންވަރު" ޕްރޮގްރާމަކީ ވެސް ވަރަށް މުހިންމު ތަޖުރިބާތަކެއް ލިބުނު ޕްރޮގްރާމެކެވެ.

"ނުކުޅެދުންތެރިކަން ހުންނަ ޖަމިއްޔާތަކާއި ޖެންޑާ އާއި ޕޮލިސް ސާވިސަސް އާއި މިއެންމެން ގުޅުވައިގެން އަޅުގަނޑު ގެންނަމުން ދިޔަ ޕްރޮގްރާމެއް. އެއީ އެދުވަސްވަރު މޫންޓީއަށް އިހްސާސް ވިކަމަކީ އިޖްތިމާއީ ގޮތުން މީހުން ބާރުވެރިކުރުވާ، މީހުންނަށް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭ އަދި މީހުންނަށް ހިނިތުންވުން ގެނެސް ދިނުމަށްޓަކައި މަސައްކަތްތަކެއް ކުރެވޭ ކަމުގެ އިހްސާސް،" އެ ޕްރޮގްރާމް މޫންޓީއަށް ޚާއްސަވީ ކީއްވެގެން ބުނެދެމުން މޫންޓި ބުންޏެވެ.

މީޑިއާގެ ހުނަރުވެރިޔާ

މޫންޓި ވަރަށް ފަޚުރުވެރިކަމާއެކު ބުނާގޮތުގައި އެހެން މީހުންނާ ޚިލާފަށް މީޑިއާގައި މޫންޓީއަށް ނުކުރެވޭނެ އެއްވެސް ކަމެއެއް ނުހުންނާނެ އެވެ.

"އަޅުގަނޑަކީ ލިޔާ މީހެއް، ޕްރޮޑިއުސް ކުރާމީހެއް، ހޮސްޓުކުރާ މީހެއް، ޕްރޮގްރާމަށް އަޑުއަޅާ މީހެއް، އޯޑިއޯ ވީޑިއޯ އެޑިޓްކުރާ މީހެއް، ކެމެރާ ކުރަން ޖެހުނަސް އެކަން ވެސް ކުރާނަން. އަނެއްހެން ބުނަންޏާ ޕްރޮގްރާމް އޮންއެއާ ވަންދެން ކެމެރާގެ ކުރިމަތިން ކުރަންވާ ކަންކަމާއި ކެމެރާގެ ފުރަގަހުން ކުރާ ކަންތަކުގައި އަޅުގަނޑަށް ނުވާނެ އެއްވެސް ކަމެއް ނުހުންނާނެ،" މޫންޓީ ބުންޏެވެ.

ކެއްކުމުގެ ހުނަރު

ކެއްކުމަކީ ވެސް ވަރަށް ގަޔާވާ މަސައްކަތެއް ކަމުގައި މޫންޓީ ފާހަގަކުރެ އެވެ. އެގޮތުން ބުރަކޮށް މީޑިއާގައި މަސައްކަތް ކުރަމުން ވެސް ގޭގައި ކެއްކުމުގެ ކަންކަން އެހެން މީހެއްގެ އަތްމައްޗަށް ދުލެއް ނުކުރެ އެވެ.

"އަޅުގަނޑަކީ ފާޑުފާޑުގެ އެއްޗެހި ކައްކާފައި އަވަށްޓެރިންނަށް ބަހާ މީހެއް. މެއިޑެއް ގެންގުޅެން، ނަމަވެސް ކައްކާނީ އަޅުގަނޑު. ކޮވިޑްގެ ކުރިން އަޅުގަނޑު އަމިއްލަ ކޮފީޝޮޕެއް ވެސް ހިންގިން. ޝޯ ނިންމާފައި އަޅުގަނޑު ދެން ފެންނާނީ ކޮފީ ޝޮޕްގައި ވެއިޓަރަކަށް ހުއްޓާ. އެތާ ކެއްކުމުގެ ކަންކަން ވަރަށް ފުރިހަމަޔަށް ގެންދިޔައިން. ނަމަވެސް ކޮވިޑް ދުވަސްވަރު ކަންކަން ދިމާވި ގޮތުން އެ ކޮފީޝޮފްގެ މަސައްކަތް ހުއަޓާލަން ޖެހުނީ،" ކޮވިޑްގެ ހާލަތުގައި ކޮފީޝޮޕް ބަންދުކުރަން ޖެހުނު ސަބަބު ކިޔައިދެމުން ބުންޏެވެ.

ހިނިތުންވެލާ މޫންޓީ ވުޖޫދަށް އައުން

މޫންޓީ ގަބޫލުކުރާ ގޮތުގައި މާތްﷲގެ އިންސާނާގެ ހަށިގަނޑުގައި ތަފާތު ޖަޒުބާތުތައް ލެއްވި އެވެ. އެގެ ތެރޭގައި ރުޅިވެރިކަމާއި، ނަފްރަތާއި، ހިތްހަމަނުޖެހުން ހިމެނެ އެވެ. ނަމަވެސް މޫންޓީގެ ޚާއްސަކަމަކީ މިހުރިހާ ޖަޒުބާތެއްގެ ތެރެއިން ވެސް ބޯ އުފުލާލައި ހިނިތުންވެލުމެވެ.

https://www.facebook.com/watch/?v=1095530841790765

"އަޅުގަޑަށް އުފާވެރިކަން ގެނެސްދޭ އެއް ކަމެއްކަމުގައިވޭ މީހުންނަށް އުފާވެރިކަން ގެނެސްދީ އެމީހުން ހިނިތުން ކުރުވުމަށް ކުރެވޭ މަސައްކަތް. އެކަމަށްޓަކައި މީހުންނަށް އަމާޒުކޮށް ނަސޭހަތުގެ މެސެޖް ހިމެނޭ ކުދި ވީޑިއޯ ހަދައި ފޭސްބުކް ޕޭޖްއަށް އަޕްލޯޑްކުރަން ފެށިން،" މޫންޓީ ބުންޏެވެ. "ރަށަކަށް ދިއަޔަސް ވީޑިއޯކޮޅެއް ހަދާފައި އަޕްލޯޑް ކުރެވެން ފެށުނު. ކުޑަކުދިންނާއި މުސްކުޅިން، ނުވަތަ ގަހެއް ފެނުނަސް ކޮންމެ ވެސް ފައިދާހުރި މެސެއްޖެއް ހިމަނާފައި ވީޑިއޯ ކުރެވެން ފެށުނު،" ހިނިތުންވެލާ މޫންޓީގެ ނަންދިނީ އެދުވަސްވަރު އެމަސައްކަތުގައި އުޅުއްވިއިރު ދިމާވާ މީހުން ކަމަށް މޫންޓި ފާހަގަކުރި އެވެ. "މީހުން ބުނާނެ މޫންޓީ އާ ދިމާވީމަ ވަރަށް އުފާވެޔޭ. ވަރަށް ހިތްހަމަ ޖެހެޔޭ. މޫންޓީ ހުންނަނީ އަބަދުވެސް ހެވިފައޭ ..."

https://www.facebook.com/watch/?v=742181444551401

ޒަވާޖީ ހަޔާތް

އުމުރުން ވަރަށް ޅައިރުގައި އުފާވެރި ޒަވާޖީ ހަޔާތެއް ފަށައި، އެ ކައިވެންޏަށް ދެ އަންހެން ކުދިން ލިބިފައިވާ މޫންޓީއަށް އަޅުގަނޑުމެން ވެސް އެދެނީ އަބަދުވެސް މީހުންނަށް ނަސޭހަތް ދެއްވާ ކަންކަން އިސްލާހްކުރައްވާ ގައުމީ ލޯބިކުރިއަށް ނެރެ ތާއަބަދަށް މޫންޓީ ހިނިތުންވެލާގޮތުގައި ހުރުމެވެ.