މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި މީހަކު ހުޅުވާފައިވާ އެކައުންޓަކުން އޭނާގެ ފޯނު ބޭނުންކޮށްގެން 1.8 މިލިއަން ރުފިޔާ ފޭރިގެންފި އެވެ.
ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންސްޕެކްޓަރު އޮފް ޕޮލިސް މަރިޔަމް ރަޝީދާ ވިދާޅުވީ ގެއްލުނު ފައިސާގެ ތެރޭން، 48 ގަޑިއިރު ތެރޭ 1.67 މިލިއަން ރުފިޔާ ހޯދާފައިވާ ކަަމަށެވެ.
މި ބޮޑު ސްކޭމް ހިންގި ކަމަށް ތުހުމަތުކުރެވެނީ 24 އަހަރުގެ އަންހެނަކާއި ފިރިހެނަކާއި 23 އަހަރުގެ ފިރިހެނަކާއި 16 އަހަރުގެ ކުޑަ ކުއްޖެއްގެ މައްޗަށް ކަމަށެވެ. މީގެ ތެރޭން ކުޑަ ކުއްޖާ ފިޔަވައި އަނެއް ތިން މީހުން ވަނީ ހައްޔަރުކޮށްފަ އެވެ. ފޭރިގަތް ފައިސާ ބޭނުންކޮށްގެން އެ މީހުން ގަނެފައި ވަނީ މޯބައިލް ފޯނާއި އިލެކްޓްރޯނިކްސް އަދި ގަޑި އަދި ދޫނިފަދަ ތަކެއްޗެވެ. ތުހުމަތު ކުރެވޭ މީހުން ދިރިއުޅުނު ތަންތަން ބަލައި ފާސްކުރުމަށް ފަހު، ވަގަށް ނެގި ފައިސާ އިން ގަތް ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ތަކެތި ފުލުހުން މިހާރު ވަނީ ހޯދައިފަ އެވެ.
މި މަހު 13 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅި މައްސަލައިގައި ތުހުމަތު ކުރެވުނު މީހުންގެ ބޭންކް އެކައުންޓްތަކުން މިހާތަނަށް ވަނީ ގާތްގަނޑަކަށް 1.3 މިލިއަން ރުފިޔާ ހޯދައިފަ އެވެ. ތުހުމަތު ކުރެވުނު މީހުން ދިރިއުޅުނު ތަންތަން ބަލާ ފާސްކޮށް، ނަގުތު ފައިސާގެ ގޮތުގައި 151،985 ރުފިޔާ ވަނީ ހޯދައިފަ އެވެ. އަދި ތުހުމަތު ކުރެވުނު މީހުން ގަނެފައިވާ ތަކެތީގެ ތެރޭން ވަނީ 223،780 ރުފިޔާގެ ތަކެތި ހޯދައިފަ އެވެ. އެހެންކަމުން ގެއްލުނު 1.8 މިލިއަން ރުފިޔާގެ ތެރޭން މިހާތަނަށް ރިކަވާ ކުރެވިފައި ވަނީ 1.67 މިލިއަން ރުފިޔާ އެވެ.
ފޭރުނު 1.8 މިލިއަން ރުފިޔާގެ ތެރޭން ތިން ސަސްޕެކްޓެއްގެ އެކައުންޓަށް ފައިސާ ޓްރާންސްފާކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. ފުރަތަމަ ސަސްޕެކްޓުގެ އެކައުންޓަށް އެއް މިލިއަން ރުފިޔާ ވަނީ ޓްރާންސްފާކޮށްފަ އެވެ. އެއީ ފަސް ފަހަރެއްގެ މަތިން ކޮންމެ ފަހަރަކު ދެ ލައްކަ ރުފިޔާ އެވެ. ފައިސާ ޓްރާންސްފާކޮށްފައި ވަނީ ފޯނަށް އަންނަ މައުލޫމާތު ބޭނުންކޮށްގެންނެވެ. ސަސްޕެކްޓް ނަމްބަރު 1 ގެ އެއް ކައުންޓަށް ހަތަރު ފަހަރެއްގެ މަތިން ދެ ލައްކަ ރުފިޔާ އަދި ހަމަ ސަސްޕެކްޓް ނަމްބަރު 1 ގެ ދެ ވަނަ އެކައުންޓަށް ދެ ލައްކަ ރުފިޔާ ޓްރާންސްފާކޮށްފައިވެ އެވެ. ސަސްޕެކްޓް 2 ގެ އެކައުންޓަށް އަށް ލައްކަ ރުފިޔާ ޓްރާންސްފާކޮށްފައިވެ އެވެ. މި ފައިސާ ޓްރާންސާކޮށްފައި ވަނީ ހަތަރު ފަހަރެއްގެ މަތިން ކޮންމެ ފަހަރަކު ދެ ލައްކަ ރުފިޔާ އެވެ.