އެމްޑީޕީގެ ރައީސް ކަމަށް ހޮވިވަޑައިގެންނެވި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާ ދޭތެރޭގައި ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ސޯލިހް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމްޑީޕީގެ ރައީސް ކަމަށް ހޮވިވަޑައިގެންނެވި ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ ޝާހިދު އަށް އިހްލާސްތެރި މަރުހަބާ އާއި މުބާރިކް ބާދީ ދަންނަވާ ކަމަށެވެ.

އަދި ޕާޓީގެ ރައީސް ކަމުގައި ހުންނަވައިގެން ގައުމާއި ރައްޔިތުންނަށް އަގުހުރި މަސައްކަތްތަކެއް އެމަނިކުފާނު ކޮށްދެވާނެކަމުގެ ފުރިހަމަ އިތުބާރާއި ޔަގީންކަން އެބައޮތް ކަމަށް ވެސް ސޯލިހް ވިދާޅުވި އެވެ.

އެމްޑީޕީން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ޕާޓީގެ ރައީސްކަމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު ހަމަވިއިރު، އެ މަގާމަށް ކުރިމަތިލެއްވީ ޝާހިދު އެކަނި ކަމަށެވެ. އެހެންވެ، ޝާހިދު އިންތިހާބަކާ ނުލައި އެ މަގާމަށް ހޮވިފައިވާ ކަމަށް ވެސް އެމްޑީޕީގެ އިއުލާންގައިވެ އެވެ.

އެމްޑީޕީގެ ރައީސްކަމަށް ޝާހިދު ހޮވުމާއި ގުޅިގެން ކުރެއްވި އެކްސްޕޯސްޓެއްގައި ޝާހިދު ވިދާޅުވީ، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރައީސްކަމުގެ ޒިންމާއާއި އެމަނިކުފާނު ހަވާލުވަނީ ޕާޓީގެ މެމްބަރުންގެ ފުރިހަމަ އިތުބާރާ އެކު އާބާރެއްގައި ޕާޓީ ކުރިއަށް ގެންދަން ކަމުގަ އެވެ.

އެމްޑީޕީގެ ރައީސްކަމުގެ މަގާމު ހުސްވެފައި ވަނީ އެ މަގާމުގައި ކުރިން ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދަ ޑިމޮކްރެޓްސްއާ ގުޅިވަޑައިގަންނަވަން މިދިޔަ ޖޫން މަހު އެމްޑީޕީން ވަކިވެވަޑައިގަތުމާ ގުޅިގެންނެވެ.

އަބްދުﷲ ޝާހިދު ވަނީ ކުރީގެ ރައީސް މައުމޫނުގެ ވެރިކަމުގައި ފޮރިން މިނިސްޓަރުކަން ކުރައްވާފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާގެ މެންބަރު ކަމާއި ވ. އަތޮޅު މެންބަރު ކަމާއި ކެޔޮދޫ ދާއިރާގެ މެންބަރުކަން އަދި ހެންވޭރު އުތުރު ދާއިރާގެ މެންބަރުކަން ވެސް އަދާ ކުރައްވާފައިވެއެވެ.

ޑީއާރުޕީގައި ހުންނެވުމަށްފަހު އެ ޕާޓީ ދޫކުރައްވައި ޝާހިދު އެމްޑީޕީއާ އަލަށް ގުޅިވަޑައިގެންނެވީ 2014 ވަނަ އަހަރު އެވެ. އޭރު އޭނާ ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކެޔޮދޫ ދާއިރާގެ މެންބަރުގެ ގޮތުގަ އެވެ.

އެމްޑީޕީއާ ގުޅިވަޑައިގެން ޝާހިދު ވަނީ އެ ޕާޓީގެ ދެވަނަ ސަރުކާރުގައި ވެސް ފޮރިން މިނިސްޓަރުގެ މަޤާމު އަދާކުރައްވާފަ އެވެ. އަދި އދ. ގެ އާއްމު މަޖިލީހުގެ ރިޔާސަތު ވެސް ޝާހިދު ވަނީ ބަލަހައްޓަވައިފަ އެވެ.