ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އުފެއްދި ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ ހިޔާނާތުގެ މައްސަލާގައި 14 މިލިއަން ރުފިޔާ ހިމެނޭ ކަމަށާއި މިހިޔާނާތުގައި 11 މިލިއަން ރުފިޔާ އެކުންފުނީގެ މުވައްޒަފެއްގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ އެކްޓިން ހެޑް އޮފް ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑް، ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ނާފިޒު ވިދާޅުވީ އެ އިދާރާއަށް 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އާރްޑީސީގެ ފައިސާގެ ހިޔާނާތާ ބެހޭ މައްސަލަ އެއް ހުށަހެޅިފައި ވުމުން އެކަމާ ގުޅިގެން ކުރިއަށް ގެންދަން ޖެހޭ ތަހުގީގުތައް ކުރަމުން ދާކަމަށެވެ.
މި މައްސަލަގައި ތިން މީހެއްގެ އެކައުންޓަށް 14 މިލިއަންއަށް ވުރެން ގިނަ ފައިސާ އާރްޑީސީއިން ފޮނުވާފައިވާ ކަމަށާއި މީގެ އިތުރުން ސަރުކާރުގެ އިސްވެރިންގެ އެކައުންޓަށް އަދި އާރްޑީސީގައި މަސައްކަތް ކުރާ އެހެން މުވައްޒިފުންގެ އެކައުންޓަށް އެ ތިން މީހުން ފޮނުވާފައިވާ ކަމަށް ނާފިޒު ވިދާޅުވި އެވެ.
"އެކެއްގެ އެކައުންޓަށް 219 ޓްރާންސެކްޝަން ހެދިފައި ހުރިކަން އެބަ އެނގޭ، އެ އެކައުންޓްތަކަށް ފައިސާ ޖަމާކޮށްފައި ހުރި ގޮތް އެއީ ހޯދަންޖެހޭ ކަމެއް، ކޮންމެ ޓްރާންސެކްޝަނެއްގެ މައުލޫމާތު ވަކި ވަކިން ހޯދާ އެމީހުންނާއި ސުވާލުކުރަންޖެހޭ، ސަރުކާރުގެ އިސް ފަރާތްތަކުގެ ކުންފުނިތަކާއި އެކައުންޓްތަކަށް އާރްޑީސީގެ ފައިސާ ޖަމާވެފައިވޭ، އެކެއްގެ އެކައުންޓަށް އެބަހުރި އެކި ފަހަރު މަތިން 11 މިލިއަން ރުފިޔާ ވަދެފައި،" ނާފިޒް ވިދާޅުވި އެވެ.
މި މައްސަލަ އެސީސީއަށް ވެސް ހުށަހަޅާފައިވުމާއެކު ފުލުހުންނާއި އޭސީސީ ގުޅިގެން ޖޮއިންޓް އިންވެސްޓިގޭޝަން ކުރިއަށް ގެންދިޔުމަށް އެމްއޯޔޫއެއްގައި ސޮއިކޮށްފައިވާ ކަމަށް ނާފިޒް ވަނީ ވިދާޅުވެފަ އެވެ.
އާރްޑީސީގެ ބައެއް މުވައްޒަފުންގެ އަމިއްލަ އެކައުންޓުތަކަށް އާރްޑީސީގެ ފައިސާ ގޮސްފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށާއި އެއީ ތަހުގީގު ކުރަމުންދާ މައްސަލައަކަށްވުމުން އެ ފައިސާ ގޮސްފައިވާ ގޮތް އަދި ބުނަން ދަތި ކަމަށް އޭނާ ވިދާޅުވި އެވެ.
އާރްޑީސީގެ އޮފީހުގައި ހިންގި އެތައް ގަޑި އިރުގެ ތަހްގީގަކަށް ފަހު ގިނަ އަދަދެއްގެ ލިޔެކިޔުންތައް ފުލުހުން މިދިޔަ އަހަރުގެ ނޮވެމްބަރުގައި ގެންދިޔަ އެވެ. އާރުޑީސީގެ އެކައުންޓުގައި ހުރި 13.8 މިލިއަން ރުފިޔާ ވަގަށް ނަގައި އަމިއްލަ އެކައުންޓަށް ޖަމާކުރި މައްސަލައެއް ފުލުހަށް ހުށަހެޅި އެ އިދާރާއިން އެ މައްސަލަ ތަހުގީގުކުރަމުން އަންނަކަން ހާމަވީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ. އެހެންނަމަވެސް ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު މިހާތަނަށް ހާމަވެފައިވަނީ ވަގަށް ނެގި ފައިސާގެ އަދަދު 13 މިލިއަނަށްވުރެން ގިނަކަމެވެ.
މި ކޮރަޕްޝަންގެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކާ ސުވާލު ކޮށްފައި ނުވާ ކަމަށާއި އެ ތުހުމަތުތައް ކޯޓެއްގައި ސާބިތު ކުރެވޭ ވަރަށް ހެކި ހުރިކަން ނޭނގޭ ކަމަށް ވެސް ފުލުހުން ވަނީ ހާމަކޮށްފަ އެވެ.