ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ "ބިންވެރިޔާ" ސްކީމްގެ ދަށުން ހުޅުމާލެ އިން ފަންސާހަކަށް ބިން ނުހައްގުން ދީފައިވާ ކަމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
ޕީއެންސީން މާލޭގައި ބޭއްވި ޖަގަހަ ޖަލްސާގައި ފަޒުލް ވިދާޅުވީ އެޗްޑީސީ އާ ހަވާލުވެވަޑައިގަތުމަށް ފަހު އެންމެ ފުރަތަމަ އިސްކަމެއް ދެއްވީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަަށް ފަސޭހަ ހިދުމަތްތަކެއް ދިނުމަށް ކުރެވެން ހުރި މަސައްކަތްތަކާ މެދުގައި ކަމަށެވެ. އަދި ދެވަނަ އަށް ބެއްލެވީ ހުޅުމާލެ އިން ބިން ދީފައި ހުރި ގޮތް ކަމަށް ވިދާޅުވި އެވެ.
އެގޮތަށް ބެލި އިރު، ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވައްސާއި ތިން ވަނަ ފިޔަވަހިން 50 ވަރަކަށް ބިން އެކި ފަރާތްތަކަށް ދީ ނިންމާފައި އޮތް ވާހަކަ ދައްކަން ޖެހޭ ކަމަށެވެ.
"ހުޅުމާލޭގެ އެކަކާއި ދެޔަކާއި އަދި ނުހިއްކާ އޮތް ތަނުން ގާތްގަނޑަކަށް 50 އަކަށް ބިން މި އޮތީ އެކި މީހުންނަށް ހަލާސް ކޮށްލާފައި.ހަވާލުވީއިރުގައި ވިޔަފާރީގެ އުސޫލުންނާއި އަދި ނުހައްގުން ދީފައި ހުރި. މިއަދު ވެސް އެބަހުރި. މި ވާހަކަ ދައްކަން އެބަޖެހޭ،" ފަޒުލް ވިދާޅުވި އެވެ.
ފަޒުލް ވަނީ ނުހައްގުން ބިން ލިބުނު މީހުންގެ މައުލޫމާތު ފަހުން އާންމު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
"ބިންވެރިޔާ" ސްކީމްގެ ދަށުން ބިންތައް ދޫކުރި ސަރަހައްދުތަކަށް ވަޑައިގެން އެ ތަން އިއްޔެ ބެއްލެވި ކަން ފާހަގަ ކުރައްވައި ފަޒުލް ވަނީ ބިން ދޭނެ ޖާގަ ވެސް ނެތް ސަރަހައްދުތަކުން ބިން ދީފައިވާ ކަމަށް ވިދާޅުވެފަ އެވެ. އެ ޕްލޮޓްތައް ގޮސް އަރަނީ "ޖެހިގެން ހުރި ފަރުބަދަ" އަށް ކަމަށާއި އެ ތަނުން ބިން ދެނީ ކިހިނެއްތޯ އޭނާ ސުވާލު އުފެއްދެވި އެވެ.
ފަޒުލް ވިދާޅުވި ގޮތުގައި ބިން ހަވާލު ކުރެވެން އަންނަނީ ހިލަ އާއި ވެލީގެ ފަރުބަދަތައް ނަގައި ސާފުކޮށްގެން ކަމަށްވާތީ އެކަން ވެސް ކޮށްދެއްވާނެ ކަމަށެވެ.
ފަޒުލް އެ ގޮތަށް ވިދާޅުވިއިރު "ބިންވެރިޔާ" ސްކީމުން ނުހައްގުން ގޯތި ދޫކުރި ކަމުގެ ޝަކުވާ ލިބިގެން، އެ މައްސަލަ އެންޓި ކޮރަޕްޝަންސް ކޮމިޝަން (އޭސީސީ) އިން ދަނީ ބަލަމުންނެވެ.
ފަޒުލް ވިދާޅުވީ ބިން ހިއްކުމުގެ އެއްވެސް މަސައްކަތެއް ނުހުއްޓޭ ކަމަށެވެ. އެކަމަކު، މި ވަގުތު ހާލަތާ ގުޅޭގޮތުން މަސައްކަތް އިސްފަސްކޮށް ތަރުތީބުކޮށްފައިވާ ކަމަށް ފަޒުލް ވިދާޅުވި އެވެ.