ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޝައްވާލު މަހުގެ 7 ވަނަ ދުވަހާ ހަމައަށް މާލެ ސަރަޙައްދުގައި ވިޔަފާރި ބޭނުންތަކަށް މުދާ އުފުލޭނެ ވަގުތުތައް ކަނޑައަޅައިފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޝައްވާލު މަހުގެ 7 ވަނަ ދުވަހާ ހަމައަށް މާލެ ސަރަހައްދުގައި ވިޔަފާރި އުސޫލުން އެއްގަމު އުޅަނދުގައި ގަނޑުކޮށް މުދާ އުފުލޭނީ ވަކި ގަޑިތަކެއްގައި ކަމަށެވެ.
އެ މިނިސްޓްރީން ބުނީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 19 ވަނަ ދުވަހާ ހަމައަށް ބަރު އުޅަނދާއި ހުރިހާ ބާވަތެއްގެ މުދާ އުފުލާ އުޅަނދުތަކުގައި ހެނދުނު 9:30 އިން ހަވީރު 4:30 އަށް މުދާ އުފުލޭނެ ކަމަށެވެ. އަދި ރޭގަނޑު 8:00 އިން ހެނދުނު 6:00 އަށްވެސް މުދާ އުފުލޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެ އެވެ. މީގެ އިތުރުން ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހު ވެސް މުދާ އުފުލޭނީ މި ގަޑިތަކުގައިކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ރަމަޟާން މަހުގެ 20 ވަނަ ދުވަހުން ފެށިގެން ރަމަޟާން މަސް ނިމެންދެން މުދާ އުފުލޭނީ ހެނދުނު 6:00 އިން ފެށިގެން ހަވީރު 4:30 އަށް އަދި ރޭގަނޑު 8:00 އިން ހެނދުނު 6:00 އަށް ކަމަށެވެ. އަދި ހުއްދަދީފައިވާ ވަގުތުތަކުގެ ބޭރުން މުދާ އުފުލާ ފަރާތްތައް 750 ރުފިޔާއިން ޖޫރިމަނާ ކުރާނެކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.
ރޯދަމަހަކީ އާއްމުގޮތެއްގައި މަގުމަތީގެ ކަރޫބާރު ބޮޑު މަހަކަށް ވާތީ ކޮންމެ އަހަރެއްގެ ވެސް ރޯދަމަހު މުދާ އުފުލޭނެ ގަޑިތައް ސަރުކާރުން ކަނޑައަޅަ އެވެ.