ހުއްދަ ނުނަގާ ކާބޯތާކެތި އުފައްދާ ވިއްކަމުންދާ ތަންތަނާއި ސާފުތާހިރުކަން ވަރަށް ކުޑަ ކެފޭތައް މާލޭގައި އެބަހުރި ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.

މިދިޔަ މަހުގެ 18 ވަނަ ދުވަހުން ފެށިގެން އެ ކައުންސިލާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ކުރިއަށް ގެންދިޔަ އިންސްޕެކްޝަން ނިންމާލުމަށްފަހު ނެރުނު ބަޔާނެއްގައި އެ އެ ކައުންސިލުން ބުނީ އެ އިންސްޕެކްޝަނުގައި މާލެ، ހުޅުމާލެ، ވިލިމާލެ، ހުޅުލެ، ތިލަފުށި، ގުޅީފަޅު އަދި ކްރޮސްރޯޑުގައި ހުރި ކާބޯތަކެތި އުފައްދާ ތަންތަން ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އެގޮތުން ސާފުތާހިރުކަމުގެ މިންގަނޑަށް ނުފެތޭ އެތައް ތަނެއް މާލޭގައި ހުރިކަން ކައުންސިލުން ފާހަގަކުރެ އެވެ. މީގެ ތެރޭގައި ގިނައީ ކުދި ކުދި ކެފޭތައް ކަމަށާއި އަދި ބިދޭސީން ހިންގާ ތަންތަން ކަމަށް ވެސް ސިޓީ ކައުންސިލުން ބުނެ އެވެ.

މީގެ އިތުރުން ހުއްދަ ނުނަގައި ބިދޭސީން ކާބޯތަކެތި އުފައްދަމުން ގެންދާ އެތައް ތަނެއް ވެސް މި އިންސްޕެކްޝަންގެ ތެރެއިން ހޯދިފައިވާ ކަމަށާއި އަދި މިތަންތަނުގެ މައުލޫމާތު ނަގައި އެއްކޮށްފައިވާ ކަމަށް ވެސް އެކައުންސިލުން ބުނެ އެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ އެފަދަ ތަންތަނާމެދު އެޗްޕީއޭ އިން ފިޔަވަޅު އަޅާނެ ކަމަށެވެ. މީގެ ކުރިން ވެސް ކާބޯތަކެތި އުފެއްދުމުގައި ސާފުތާހިރުކަން ކުޑަވުމުގެ މައްސަލަތަކެއް ފާހަގަވެފައިވެ އެވެ. ގިނަ ފަހަރު މިފަދަ ކަންކަން ފާހަގަވަނީ ބިދޭސީންނާއެކު ހިންގާ ކުދި ކެފޭތަކުންނެވެ.

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި ގިނަ އުސޫލުތަކެއް ވެސް ކަނޑައަޅައިފައި ހުރެ އެވެ. ނަމަވެސް އެ އުސޫލުތަކަށް ތަބާވެ، މިންގަނޑުތަކަށް ފައްތައިގެން ހިންގާ ކެފޭ ހޮޓާތައް މަދެވެ.