(11 ފެބްރުއަރީ) - މިދިޔަ އަހަރު ނޮވެމްބަރު މަހު އީރާންގެ ނިއުކްލިއާ ސައިންޓިސްޓް މަރާލާފައި ވަނީ އިޒްރޭލުގެ ހަތިޔާރު ބޭނުންކޮށްގެން ކަމަށް ރިޕޯޓަކުން ހާމަކޮށްފި އެވެ.
ދި ޖުވިސް ކްރޮނިކަލްސް އިން ބުދަދުވަހު ނެރުނު ރިޕޯޓެއްގައި ހާމަކޮށްފައިވާ ގޮތުން މި ހަމަލާ ދިނުމަށް ބޭނުންކޮށްފައިވަނީ އިޒްރޭލުން އުފައްދާފައިވާ އެއްޓަނުގެ އޮޓޮމެޓިކް މެޝިން ބަޑިއެކެވެ. މި ބަޑި އީރާނަށް އެތެރެކޮށްފައިވަނީ މި ބަޑީގެ ބައިތައް ވަކިވަކިން އެތެރެކޮށް އީރާނުގައި އިޒްރޭލުގެ ޖާސޫސީ އިދާރާތަކުގެ އެޖެންޓުން ވެގެންނެވެ.
އެ ރިޕޯޓްގައި ބުނެފައި ވަނީ އީރާންގެ ނިއުކްލިއާ ސައިންޓިސްޓް މޮހްސިން ފަހްރިޒާދު މަރާލުމަށް އިޒްރޭލާއި އީރާންގެ މީހުން ހިމެނޭހެން 20 މީހުންގެ ގްރޫޕަކުން ހަރަކާތްތެރިވެފައިވާ ކަމަށެވެ. އަދި މިކަމަށްޓަކައި މި ގުރޫޕުން ވަނީ 8 މަސްދުވަސް ވަންދެން ފަހްރިޒާދަށް ފާރަލާފައި ކަމަށް ބުނެފައިވެ އެވެ.
އީރާންގެ ސްޓޭޓް މީޑީއާ އިން ބުނިގޮތުގައި ފަހްރިޒާދު މަރުވީ ހޮސްޕިޓަލްގައި ލިބުނު އަނިޔާތަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. އަދި ސައިންޓިސްޓުގެ މަރާ ގުޅިގެން އީރާންގެ ފޮރިން މިނިސްޓަރު ޖަވާދު ޒާރިފް ވަނީ މިހަމަލާގައި އިޒްރޭލުގެ އަތެއް ވާކަމަށް ތުހުމަތުކުރެވޭ ކަމަށް ވިދާޅުވެފަ އެވެ.
ހުޅަނގުގެ އިންޓެލިޖެންސް އިދާރަތަކާއި އިޒްރޭލުން ތުހުމަތު ކުރާގޮތުގައި ފަހްރިޒާދަކީ އީރާންނުން ކުރިއަށްގެންދާ ސިއްރު ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ޕްރޮގްމްގެ މާސްޓަ މައިންޑެވެ. އަދި އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ހަރަކާތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ފަރާތެއް ކަމަށް ވެސް ހުޅަނގުގެ ގައުމުތަކުން ތުހުމަތުކުރެ އެވެ.
މިރިޕޯޓުގައި ހާމަކޮށްފައިވާ ގޮތުން ނިއުކްލިއާ ސައިންޓިސްޓް މަރާލުމާއި ގުޅިގެން އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުމަށް ކުރަމުންދާ މަސައްކަތް ވަރަށް ބޮޑުތަން ލަސްވެގެން ދާނެ އެވެ. މީގެ ތެރޭގައި އެވަރުގެ ނިއުކްލިއާ ސައިންޓިސްޓެއްގެ ބޭނުން ހިފުމަށް ކުރަންޖެހޭ މަސައްކަތްތަކަށް ހަ އަހަރު ހޭދަވާނެ ކަމަށާއި ނިއުކްލިއާ ބޮމެއް އުފެއްދުމަށް ތިންމަސް ނުވަތަ ދެ އަހަރު ހޭދަވާނެ ކަމަށް ބުނެފައިވެ އެވެ.
ރިޕޯޓުގައި އިތުރަށް ބުނެފައި ވަނީ މި ހަމަލާ ދިނުމަށް ބޭނުންކުރި ބަޑިއަކީ ވަރަށް ބަރު ހަތިޔާރެއް ކަމަށާއި މީގައި ހަމަލާދިނުމަށްފަހު އަމިއްލައަށް ހަލާކުކޮށްލުމުގެ ގާބިލްކަން ނުވަތަ ސެލްފް ޑިސްޓްރަކްޓް ހިމެނިފައިވާ ކަމަށެވެ. އަދި އެކަމަށްޓަކައި ބަޑީގައި ގޮވާޒާތުގެ ތަކެތި ވެސް ހަރުކުރެވިފައިވެ އެވެ.