އަންނަނީ ރަމަޟާން ކަރީމެވެ. މަތިވެރިވެގެންވާ، ޘަވާބުން ފުރިގެންވާ މައްސަރެވެ. ހެޔޮކަމުގެ މޫސުމެވެ. އަޅުކަމުގެ މޫސުމެވެ. ރަޙްމަތުގެ މޫސުމެވެ. މި މޫސުމަށް އަޅުގަނޑުމެން އެންމެ ހެޔޮވެގެންވާ އިސްތިޤްބާލެއް ކުރުމަކީ ކޮންމެހެން ކުރާން ޖެހޭ ކަމެކެވެ.

މި މަހަށް އިސްތިޤްބާލުކުރުމަށް އަޅުގަނޑުމެން އެއް ބަޔަކު އަނެއް ބަޔަކު ވާ ތައްޔާރީތައް ބައެއް ފަހަރު ވަރަށް ތަފާތެވެ. އެކި މީހުން ތައްޔާރުވާ ގޮތް ވެސް ތަފާތެވެ. އެއް ބަޔަކު ތައްޔާރުވަނީ ހަމައެކަނި މާއްދީ ގޮތުންނެވެ. ރޫޙާނީ އެއްވެސް ކަމެއް އެޔަކު ނުހުރެއެވެ. އެއީ ގޭގެ ފަރުނީޗަރު ބަދަލުކޮށްލުމާއި، ރޯދަމަހުގެ ވަގުތުތައް ހޭދަކުރުމަށް ކުޅިވަރު ކުޅުމަށް ބޭނުންވާ ސާމާނު ހޯދައި ޖަމާކުރުމެވެ. އަނެއް ބަޔަކު ތައްޔާރު ކުރަނީ އެބައިމީހުންގެ ނަފްސެވެ. ނަފްސު ޠާހިރުކޮށް، ތައުބާވެ، ރަމަޟާން މަހުގެ ދަރުމައާއި ޘަވާބާއި ހެޔޮކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބިގަތުމެވެ.

ވަރަށް މާތް މަތިވެރި މެހެމާނަކު އަޅުގަނޑުމެންނާ ބައްދަލުކުރާން އަންނަ ނަމަ، އަޅުގަނޑުމެން ތައްޔާރުވާނީ އެންމެ މަތީ ދަރަޖައަށެވެ. އެންމެ ފުރިހަމަ މެެހެމާންދާރީއެއް އަދާކުރުމަށެވެ. އަަހަރުތެރޭ އަޅުގަނޑުމެންނާ ބައްދަލުވާ މިފަދަ އެންމެ މާތް އެއް މެހެމާނަކީ ރަމަޟާން މަސް ކަމާ މެދަކު ޝައްކެއް ނެތެވެ. އެހެންކަމުން، އިރާދަކުރެއްވިއްޔާ މި ލިޔުމުގައި އަޅުގަނޑު ބަޔާންކޮށްލާނީ ރަމަޟާންމަހަށް އިސްތިޤްބާލުކުރާން އަޅުގަނޑުމެންނަށް ކުރެވިދާނޭ ބައެއް ރަނގަޅު ކަންކަމެވެ.

1 – ތެދުވެރި ތައުބާއަކުން ތައުބާވުން:

ތައުބާވުމަކީ އަޅުގަނޑުމެން އެންމެންގެ މައްޗަށް ހުރިހާ ވަގުތަކު ވެސް ވާޖިބުވެގެންވާ ކަމެކެވެ. މުއުމިނުއަޅާގެ މުޅި ޙަޔާތަކީ ތައުބާގެ މައްޗަށް ބިނާވެފައިވާ ޙަޔާތެކަށް ވާން ޖެހެއެވެ.

އަޅުގަނޑުމެންގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލަހި ވަސައްލަމް ދުވާލެއްގެ މައްޗަށް 100 ފަހަރަަށް ވުރެ ގިނައިން ތައުބާވެ އިސްތިޣްފާރުކުރައްވާ ކަމަށް ޞައްޙަ ޙަދީޘްފުޅުތަކުގައި ވާރިދުވެފައިވެއެވެ. ތައުބާވާ އަޅުން ދެކެ މާތް ﷲ ލޯބިވެވޮޑިގަންނަވާ ކަމަށް ވެސް ވާރިދުވެގެންވެއެވެ.

މިފަދަ މަތިވެރިކަމެއް ދެވިފައިވާ ކަމެއް، އަދި އަޅުގަނޑުމެންގެ މައްޗަށް އިންތިހާ ދަރަޖައަށް ވާޖިބުވެފައިވާ ކަމެއް، މި ރަަމަޟާން މަހާ ބައްދަލުކުރާ އިރު އަޅުގަނޑުމެން ކުރާން ޖެހޭނެ ކަން ކަށަވަރެވެ. ހެޔޮ ތެދުވެރި ތައުބާއަކުން ތައުބާވާން ޖެހޭނެއެވެ. ކުރީ އަހަރު އަޅުގަނޑުމެންނަށް ކުރެވިފައިވާ ހުރިހާ ނުބައިކަންތަކަކަށް މާތް ﷲގެ ޙަޟްރަތަށް އިސްތިޣްފާރުކޮށް ތައުބާވާން ޖެހޭނެއެވެ. ޣަފްލަތުގައި އަޅުގަނޑުމެންނަށް ހޭދަކުރެވުނު ވަގުތުތަކާ މެދު ދެރަވެ އިސްތިޣްފާރުކޮށް ތައުބާންވާން ޖެހޭނެއެވެ.

ނިޔަތް ހެޔޮކޮށް، މި ރަމަޟާން މަހާ އަޅުގަނޑުމެން ބައްދަލުކުރާންވާނީ އިސްތިޣްފާރު މަތީގައެވެ. ތައުބާގެ މަތީގައެވެ. ރަމަޟާން މަހުގެ ދުވަސްތައް އެންމެ ހެޔޮ ގޮތުގައި ޣަނީމާކުރުމުގެ މަތިވެރި ނިޔަތުގައެވެ. އެހެނީ ހިތްނިޔަތް ސާފުކުރުމާއި ތައުބާވުމީ މި މާތް މަހަށް އަޅުގަނޑުމެންނަށް އަދާކުރެވޭނޭ އެންމެ ފުރިހަމަ މެހެމާންދާރީ ކަމާ މެދަކު ޝައްކެއް ނެތެވެ.

މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. (وَتُوبُوا إِلَى اللَّهِ جَمِيعاً أَيُّهَا الْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ) سورة النور: 31. މާނައީ: "އޭ އީމާންވި މީސްތަކުންނޭވެ! ތިޔަބައިމީހުން އެކީއެކަށް ﷲއަށް ތައުބާވާށެވެ. އެއީ ތިޔަބައިމީހުން ކާމިޔާބުވުމަށް ޓަކައެވެ."

2 – ދުޢާކުރުން:

މި އުންމަތުގެ ސަލަފުއް ޞާލިޙުންގެ ފަރާތުން ވާރިދުވެގެންވެއެވެ. އެބޭކަލުން ރޯދަ މަސް ޖެހެން ހައެއްކަ މަހަށް ވުމުން، ރޯދަމަހާ ބައްދަލުކުރައްވާތޯ މާތް ﷲގެ ޙަޟްރަތަށް ދުޢާކުރައްވައެވެ. އެހެނީ، ރޯދަމަހާ ބައްދަލުވެ، އެ މަހުގެ ސަވާބާއި ދަރުމަ ޣަނީމާކުރެވުމަކީ އާޚިރަތަށް ކުރެވޭނޭ އެންމެ ބޮޑު އިސްތިޘްމާރެވެ. އިންވެސްޓްމެންޓެވެ. ސަބަބަކީ، ރޯދައިގެ މާތްކަމާއި ރޯދަވެރީންނަށް ހުރި ދަރުމައާއި ސަވާބު އެއީ ހައްދެއް ނުވާ އެއްޗެއްސެވެ.

ރޯދަވެރީންނަށް ސުވަރުގޭގައި ޚާއްޞަ ދޮރުކޮޅެއް ވެއެވެ. ރޯދަވެރީންނަށް ސަވާބާއި ދަރުމަ ދެއްވަވަނީ ޚުދު މާތްﷲއެވެ. އެބަހީ، ވަކި ޙައްދެއް ވަކި މިންވަރެއް ނެތް ގޮތުގައި އެންމެ އޯގާވަންތަ އިލާހުގެ އޯގާވަންތަކަމުންނެވެ. އެހެން އަޅުކަންކަމަށް ވަކި މިންވަރެއް ކަނޑައަޅުއްވައިފައިވެއެވެ. ރޯދައަކަށް ނުވެއެވެ. ރޯދައަށް އޮތީ "އޮޕެން" އެކައުންޓެކެވެ. ހުސް ޗެކެކެވެ. މި ކަމުގައި އޮތީ އަޅުގަނޑުމެންގެ ހިތްވަރެކެވެ. އަޅުގަނޑުމެންނަށް ރޯދައިގެ ސަވާބާއި ދަރުމަ އަދާއިގެން ކުރެވުނު ވަރެކެވެ.

ރޯދަމަސް ނިމުނީމައި، ދެން ކުރިޔަށް އޮންނަ ހައެއްކަ މަސް ދުވަހު ސަލަފުއް ޞާލިޙުންގެ ބޭކަލުން ދުޢާކުރައްވަނީ ރޯދަ މަހުގައި ކުރެވުނު ހުރިހާ އަޅުކަމެއް މާތް ﷲ ޤަބޫލުކުރައްވާތޯއެވެ. އެހެނީ، އަޅުގަނޑުމެންނަކީ ކިތަންމެ ވަރަކަށް އަޅުކަން ކުރިޔަސް އުނި ބައެކެވެ. އަޅުގަނޑުމެންގެ އަޅުކަމުގައި މާތްﷲގެ ރަސްކަންފުޅާއި އެ އިލާހުގެ މަތިވެރިވަންތަކަމާ އެއްވަރަށް، ނުވަތަ ޙައްޤުވާ މިންވަރަށް ދުވަހަކު ވެސް އަޅުކަމެއް ނުކުރެވޭނެއެވެ. އެހެންކަމުން، އަޅުގަނޑުމެން ކުރާ އަޅުކަންތައް މާތް ﷲ ޤަބޫލުކުރައްވާތޯ އަބަދުވެސް ދުޢާކުރާން ޖެހެއެވެ. އަޅުކަމެއް ކުރެވުނީތީ އެ ކަމަށް އުފާވެ ހިތްހަމަޖައްސައިލައިގެން ތިބެގެން ނުވާނެއެވެ. އެ ޢަމަލެއް މާތް ﷲ ޤަބޫލުކުރައްވާތޯ ދުޢާ ވެސް ކުރާން ޖެހޭނެއެވެ. ސަލަފުއްޞާލިޙުންގެ ބޭކަލުންގެ ފަރާތުން ފެނުނީ އެ މަންޒަރެވެ. އެ ނަމޫނާއެވެ.

އެހެންކަމުން، ރޯދަ މަސް އަޅުގަނޑުމެންނާ ބައްދަލުވުމުގެ ތައުފީޤު ދެއްވާތޯ މާތް ﷲގެ ޙަޟްރަތަށް ގިނަގިނައިން ދުޢާކުރައްވާށެވެ! އަދި ރޯދަމަހުގެ ދަރުމައާއި ސަވާބު އެންމެ ފުރިހަމަ ގޮތުގައި ދެއްވާތޯ ވެސް ދުޢާކުރައްވާށެވެ!

3 – ރޯދަމަހާ ބައްދަލުވާތީ އުފާކުރުން:

އިސްވެ ދެންނެވުނު ވާހަކަތަކުން ވެސް އެނގި ހާމަވެފައިވާ ފަދައިން، ރަމަޟާން މަހާ ބައްދަލުވުމަކީ މުއުމިނުއަޅަކަށް ލިބޭނޭ އެންމެ ބޮޑު އެއް ނިޢުމަތެވެ. އެހެންކަމުން، މިފަދަ މަތިވެރި މެހެމާނަކާ ބައްދަލުވާތީ އުފާކުރުމަކީ ކޮންމެހެން ލާޒިމުކަމެކެވެ. އެ ވެސް އޭގެ ޒާތުގައި އަޅުކަމެކެވެ. ކަމަކާ ބައްދަލުވާތީ އެ ކަމަކާ އުފާކުރުމަކީ އެއީ އެ ކަމަކަށް ދޭންވާން ޙައްޤު ޤަދަރާއި އިޙްތިރާމު އެންމެ ފުރިހަމައަށް ދޭވޭނޭ އެއް ސަބަބު ވެސް މެއެވެ.

ރަމަޟާން މަސް އައިސް ވަނުމުން މާތް ނަބިއްޔާ ޞައްލަﷲ ޢަލަހި ވަސައްލަމް އެކަލޭގެފާނުންގެ އަޞްޙާބު ބޭކަލުންނަށް މި މަހުގެ އުފާވެރިކަމުގެ ޚަބަރުދެއްވައެވެ.

ޙަދީޘްފުޅުކުރައްވައެވެ.

أتاكم شهر رمضان شهر مبارك، فرض الله عز وجل عليكم صيامه، تفتح فيه أبواب السماء، وتغلق فيه أبواب الجحيم، وتغل فيه مردة الشياطين فيه ليلة خير من ألف شهر، من حرم خيرها فقد حرم [أخرجه أحمد (9/225،226)، والنسائي (4/129)، وصححه الألبانيޑ

މާނައީ: " ތިޔަބައިމީހުންނާ ހަމަޔަށް ރަމަޟާން މަސް އަތުވެއްޖެއެވެ. މިއީ ބަރަކާތްތެރި މަހެކެވެ. މި މަހުގައި ރޯދަ ހިފުމަށް ތިޔަބައިމީހުންގެ މައްޗަށް މާތް ﷲ ވަނީ ފަރުޟުކުރައްވައިފައެވެ. އުޑުގެ ދޮރުކޮޅުތައް މި މަހުގައި ހުޅުވައިލެއެވެ. އަދި ނަރަކައިގެ ދޮރުތައް މި މަހުގައި ބަންދުކުރެވެއެވެ. އަދި މި މަހުގައި ނުބައިނުލަފާ ޝައިޠާނުންތައް ކަސްތޮޅު އެޅުވެއެވެ. އަދި މި މަހުގައި އެއް ހާސް މައްސަރުގެ ހެޔޮކަމަށް ވުރެ ހެޔޮވެގެންވާ ރެއެއް ވެއެވެ. އެ ރޭގެ ހެޔޮކަމުން މަޙްރޫމުވެއްޖެ މީހަކު މުޅީން މަޙްރޫމު ވެދެއެވެ.

4- ރޯދަ ޤަޟާކުރުން:

ކުރީ ރަމަޟާން މަހުގައި ދޫވެފައިވާ ރޯދައެއް އޮތް ނަމަ މި ރަމަޟާން މަސް ޖެހުމުގެ ކުރީން އަވަހަށް އެ ރޯދައެއް ޤަޟާކުރުމަކީ ކޮންމެހެން މުހިންމު ކަމެކެވެ. އަދި ކިއެއްތަ، އެއީ ވާޖިބެކެވެ. ޢުޒުރެއް ނެތި، ރޯދަ ޤަޟާނުކޮށް ހުއްޓައި މި ރަމަޟާންމަހާ ބައްދަލުވުމަކީ އެ މީހަކު ފާފަވެރިވާނޭ ކަމެކެވެ. އަދި އެ ރޯދަތައް މި ރަމަޟާން މަސް ނިމިގެން ޤަޟާކުރާ އިރު، ކައްފާރާ ވެސް ދޭން ޖެހޭ ކަމެކެވެ. އެހެންކަމުން، އެއްވެސް ރޯދަ މަހެއްގެ ޤަޟާކުރާން ޖެހޭ ރޯދައެއް އަނެއް ރޯދަ މަސް ޖެހެން ދެން ނުބަހައްޓާށެވެ! ކުރީން ދެންނެވި ފަދައިން ޢުޒުރެއް ނެތި ވިއްޔާ، އެ މީހަކު ފާފަވެރިވާނެއެވެ. އަދި ޤަޟާކުރުމާ އެކު ކައްފާރާ ވެސް ދައްކާން ޖެހެއެވެ. ޢުޒުރުވެރީންނަށް އޮތީ އެ ޢުޒުރު ނެތި ދިޔުމުން ރޯދަ ހިފުމެވެ. ޢުޒުރުވެރީންނަކީ ބައްޔެއްގެ ސަބަބުންނާއި އެފަދަ އެހެން ޙާލަތެއް ދިމާވެގެން، އެއްވެސް ގޮތަކަށް އެ ރޯދަތައް ޤަޟާކުރާން ވަގުތު ނުލިބި އަނެއް ރޯދަ މަހާ ބައްދަލުވާ މީހުންނެވެ. އެފަދަ ބަޔަކަށް އޮތީ ގަދަވުމުން އެ ރޯދަތައް ޤަޟާކުރުމެވެ. އިތުރު ކަމެއް އެބައިމީހުންނަކަށް ނުވެއެވެ.

ގިނަ ފަހަރަށް ޤަޟާކުރާން ޖެހޭ ރޯދަތައް ހުންނަނީ އަންހެނުންގެއެވެ. އެއީ މައްސަރުގެ ކަންތައް ދިމާވުމުން ނުހިފިދާ ރޯދަތަކެވެ. ނުވަތަ އެހެން ވެސް ބައްޔެއްގެ ސަބަބުން ނުހިފިދާ ރޯދައެވެ. އަދި ރަމަޟާން މަހަށް ފަހު އެ ރޯދަތައް ޤަޟާކުރާން ވަގުތު ނުލިބި ވެސް ބައެއް އަންހެނުންނަށް ދެއެވެ. އެހެނަސް، ޝަޢުބާން މަސް ވަނުމާ އެކު، އެފަދަ އެންމެންނަށް އޮތީ ޤަޟާކުރާން ޖެހޭ ރޯދައެއް އޮތިއްޔާ، އެ ރޯދައެއް އަވަހަށް ޤަޟާކޮށް ނިންމާލުމެވެ.

މާތް ﷲ ރުއްސުންލެއްވި ޢާއިޝަތުގެފާނު އެ ކަމަނާއަށް ދިމާވާ ގޮތާ މެދު ވިދާޅުވެފައިވެއެވެ.

عَائِشَةَ رَضِيَ اللَّهُ عَنْهَا تَقُولُ: (كَانَ يَكُونُ عَلَيَّ الصَّوْمُ مِنْ رَمَضَانَ فَمَا أَسْتَطِيعُ أَنْ أَقْضِيَهُ إِلا فِي شَعْبَانَ) متفق عليه

މާނައީ: ތިމަން ކަމަނާގެ މައްޗަށް ބައެއް ފަހަރު ޤަޟާކުރާން ޖެހޭ ރޯދަތައް ހުރެއެވެ. އެހެނަސް، ޝައުބާން މަހުގައި ނޫނީ އެ ރޯދަތައް ތިމަން ކަމަނާއަށް ޤަޟާކުރެވޭ ވަރެއް ނުވެއެވެ.

5- ރޯދަމަހުގެ ފިޤުހު މުޠާލިޢާކުރުން:

ކޮންމެ އަޅުކަމަކާ ކުރިމަތިލާއިރު ވެސް އެ އަޅުކަމެއްގެ ފިޤުހު ބަލައި މުޠާލިޢާކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އެއީ އެ އަޅުކަމެއް އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށް ލިބޭނޭ ވަރަށް ބޮޑު ހިތްވަރެކެވެ. އެ އަޅުކަމެއް ކުރުމަށް ހިތްޖެހޭނޭ ކަމެކެވެ. އަދި މާތް ﷲ ޤަބޫލުކުރައްވާ ފަދަ އަޅުކަމެއް ކަމުގައި އެ އަޅުކަމެއް ހެދުމަށް އެންމެ ބޮޑަށް ހުޅުވިގެންދާ ދޮރެވެ.

އެހެންކަމުން، މި ރޯދަ މަހަށް އިސްތިޤްބާލުކުރުމުގެ ގޮތުން، ރޯދައިގެ ފިޤުހާ ބެހޭ ގޮތުން ބަލައި ކިޔައި މުޠާލިޔާކުރައްވާށެވެ! އަދި އަނބިދަރީން ވެސް އެ ކަމުގައި ބައިވެރިކުރައްވާށެވެ! މިއީ މުޅި ޢާއިލާއަށް އަންނަ ހެޔޮކަމުގެ މޫސުމަކަށް ހެއްދެވޭނީ އެއިރުންނެވެ.

ވުމާއެކު، ރޯދައާ ބެހޭގޮތުން ޢިލްމުވެރީން ލިޔުއްވައިފައިވާ ފޮތްތަކާއި މަޒުމޫނުތަކާއި ލިޔުންތައް ކިޔުއްވައި، ރޯދައާ ބެހޭގޮތުން ޢިލްމުވެރީން ދެއްވާފައިވާ ނަސޭހަތާއި ދަރުސްތައް އަޑުއެއްސެވުމަކީ ވަރަށް މުހިންމު ކަމެކެވެ. ގިނަގުނަ މަޢުލޫމާތެއް ލިބި، ރޯދައަށް އިތުރަށް ޝައުޤު އުފެދި، ފުރިހަމަ ރޯދައެއް ހިފުމަށް ލިބިގެންދާ އެހީތެރިކަމެއް ކަމުގައި މި ކަން ހިމެނިގެން ދާނެއެވެ.

6- ޝަޢުބާން މަހު ގިނަގިނައިން ސުންނަތް ރޯދަހިފުން:

عَنْ أُسَامَة بْن زَيْدٍ قَالَ: قُلْتُ: يَا رَسُولَ اللَّهِ لَمْ أَرَكَ تَصُومُ شَهْرًا مِنْ الشُّهُورِ مَا تَصُومُ مِنْ شَعْبَانَ، قَالَ: (ذَلِكَ شَهْرٌ يَغْفُلُ النَّاسُ عَنْهُ بَيْنَ رَجَبٍ وَرَمَضَانَ، وَهُوَ شَهْرٌ تُرْفَعُ فِيهِ الأَعْمَالُ إِلَى رَبِّ الْعَالَمِينَ فَأُحِبُّ أَنْ يُرْفَعَ عَمَلِي وَأَنَا صَائِمٌ). [النسائي – صحح الألباني]

މާނައީ: މާތްﷲ ރުއްސުންލެއްވި އުސާމަތު ބުނު ޒައިދު ވިދާޅުވެފައިވެއެވެ. ތިމަންކަލޭގެފާނު ދެންނެވީމެވެ. އޭ ﷲގެ ރަސޫލާއެވެ! ކަލޭގެފާނު (ރޯދަމަސް ފިޔަވައި) ޝަޢުބާން މަހުގައި ރޯދަ ހިއްޕަވާ ވަރަށް އެހެން މަހެއްގައި ރޯދަ ހިއްޕަވާ ތަނެއް ނުދެކެމެވެ. އެކަލޭގެފާނު ޙަދީޘްފުޅުކުރެއްވިއެވެ. އެއީ ރަމަޟާންމަހާއި ރަޖަބުމަހާ ދެމެދު މީހުން ޣާފިލުވެފައިވާ މަހެކެވެ. (އެބަހީ، ރަޖަބާއި ރަމަޟާންމަހުގައި މީސްތަކުން ހެޔޮކަންތައް ކުރަން ފޯރި ހުންނަ ވަރަށް ޝަޢުބާން މަހުގައި ހެޔޮ ޢަމަލުތައް ކުރުމަށް ފޯރި ނުހުންނަ ވާހަކައެވެ.) އަދި އެއީ އަޅާގެ ހެޔޮޢަމަލުތައް ރައްބުލްޢަލާމީންގެ ޙަޟްރަތަށް އުފުއްލެވޭ މަހެވެ. އެހެންކަމުން، ތިމަންކަލޭގެފާނުގެ ހެޔޮޢަމަލުތައް އުފުއްލެވޭ ހިނދު ރޯދައަށް ހުންނެވުމަށް ތިމަންކަލޭގެފާނު ލޯބިފުޅުކުރައްވަމެވެ."

ޝަޢުބާން މަހުގައި އެކަލޭގެފާނު އާދަޔާޚިލާފަށް ރޯދަ ހިއްޕެވުމުގެ ޙިކުމަތް ވަރަށް ސާފުކޮށް މި ޙަދީޘުން ބަޔާންވެގެން ހިނގައްޖެއެވެ. އެއީ އެ މަހުގައި އަޅުތަކުން ކުރާ ޢަމަލު މާތް ﷲގެ ޙަޟްރަތަށް އުފުއްލެވޭ މަސް ކަމަށްވާތީއެވެ.

ޝަޢުބާން މަހުގައި ގިނަގިނައިން ރޯދަ ހިފުމުން އަޅުގަނޑުމެންނަށް ދެ ކަމެއް ހާސިލުވެގެން ދާނެއެވެ. އެއީ މާތް ނަބިއްޔާ صلى الله عليه وسلمގެ ސުންނަތް ދިރުވުމުގެ މަތިވެރި ސަވާބާއި ދަރުމަ ލިބުމާއި ޢަމަލުތައް އުފުއްލެވޭ ހިނދު އަޅުގަނޑުމެން ވެސް ރޯދައިގެ މަތިވެރި އަޅުކަން އަދާކުރުމުގައި ތިބުމުގެ މަތިވެރިކަން ލިބުމެވެ.

އެހެންކަމުން، ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން ޝަޢުބާން މަހުގައި ވީހާ ވެސް ގިނައެއް ކޮށް، އެ މީހަކަށް ހިފުނު ވަރަކަށް ރޯދަ ހިފޭތޯ ބެލުމަކީ ވަރަށް މުހިންމު ކަމެކެވެ.

މި ލިޔެލެވުނީ ރަމަޟާން މަހަށް އިސްތިޤްބާލުކުރުމަށް އަޅުގަނޑުމެންނަށް ކުރެވިދާނޭ ބައެއް ރަނގަޅު ހެޔޮ ކަންކަމުގެ ވާހަކައެވެ. މީގެ އިތުރުން ވެސް ވަރަށް ގިނަ ކަންކަން ކުރެވިދާނެއެވެ. އެ ގޮތުން ރަމަޟާން މަހުގައި ޤުރުއާން ކިޔެވުމަށް ތާވަލެއް ރާވައިލެވިދާނެއެވެ. ރަމަޟާން މަސް ނިމޭ އިރު، މަދުވެގެން ޚަތިމެއް ކުރެވޭނޭ ފަދައިން ކިޔެވުން ބަހައިލައި ތާވަލެއް ހެދިދާނެއެވެ. ދުވާލާއި ރޭގަނޑު ހެޔޮކަންކަމާއި އަޅުކަމުގައި ހޭދަކުރާނޭ މިންވަރާއި ގަޑިތަކާއި ކުރާނޭ ކަންކަން ވެސް ހިމަނައިލައިގެން ތާވަލެއް ހަދައިގެން ރޯދަމަހުގެ ސަވާބާއި ޣަނީމާކުރާން މަސައްކަތްކުރެވިދާނެއެވެ. އޭރުން ރޯދަމަހުގައި ކުރާނޭ ކަންކަން ނޭނގިގެން ބޭކާރު ކުރާނޭ ވަގުތެއް ނޯންނާނެއެވެ.

ދުޢާއަކީ މި ރަމަޟާން މަސް އަޅުގަނޑުމެންނާ ބައްދަލުވުމުގެ ތައުފީޤު މާތް ﷲ މިންވަރުކުރައްވައި، މި ރަމަޟާންމަހުގައި ހެޔޮ ޢަމަލުތައް ކުރުމުގެ ހެޔޮ ތައުފީޤު މިންވަރުކޮށްދެއްވުމެވެ. އާމީން!